ކޮޕެންހާގެން (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލެންޑާއި ޑެންމާކް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން މެޑިކަލް އިމަޖެންސީ ހާލަތެއް ކަމަށް ނިންމައި މެޗު ހުއްޓާލައިފި އެވެ.
މެޗު 0-0 އިން އެއްވަރުވެފައިވަނިކޮށް އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. އެރިކްސަން ވެއްޓުނުތާ އިރުކޮޅެއްގެ ތެރޭގައި ދަނޑު މައްޗަށް މެޑިކަލް ޓީމާއި ސްޓެޗަރު އެރުވި އެވެ. އޭނާ އަށް ފަރުވާ ދިން ވަގުތު ޓީވީ އަށް މަންޒަރުތައް ނުދެއްކުމުގެ ގޮތުން ޑެންމާކުގެ ކުޅުންތެރިން ވަށާލައިގެން ތިބި އެވެ. މިއީ މީގެ ކުރިން ވެސް މެޑިކަލް އިމަޖެންސީއެއްގައި ކުޅުންތެރިއަކަށް ދަނޑުމަތީގައި ފަރުވާދޭއިރު، ޓީމުގެ އެހެން ކުޅުންތެރިން އަމަލުކޮށްފައިވާ ގޮތެވެ.
ފަނަރަ މިނިޓެއްހާއިރު ވަންދެން ދަނޑުމަތީގައި އުމުރުން 29 އަހަރުގެ އެރިކްސަން އަށް ފަރުވާ ދިނުމަށް ފަހު މެޗުގެ ރެފްރީ އެންތަނީ ޓޭލާ ދެ ޓީމުގެ ކޯޗުންނާއި މެޗު ކޮމިޝަނަރުންނާ މަޝްވަރާ ކުރުމަށް ފަހު ނިންމީ މެޑިކަލް އިމަޖެންސީ އެއް ކަމަށް ނިންމައި މެޗު ސަސްޕެންޑް ކޮށްފަ އެވެ. އެއީ ޔުއެފާގެ އޮފިޝަލުންގެ ވެސް ލަފާގެ މަތިންނެވެ.

ދަނޑުމަތީގައި އެރިކްސަން އަށް ފަރުވާދޭޭން ކުޅުންތެރިން ގޮވާލަނީ.-- ފޮޓޯ: އޭއެފްޕީ
ޑެންމާކުގައި އުފެދުުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެރިކްެސަން އަށް އަނިޔާވެ ދަނޑުމަތީގައި ފަރުވާ ދެމުންދިޔައިރު، ދެ ޓީމުގެ ކުޅުންތެރިންނާއި ދަނޑުގައި ތިބި 15 ހާސް ސަޕޯޓަރުންގެ މޫނު މަތިން ވެސް ފެނުނީ މާޔޫސްކަމެވެ. މި މެޗުގެ 44 ވަަނަ މިނިޓާ ހަމައަށް ޑެންމާކުން ދެއްކި ކުުޅުމުގެ ފަހަތުގައި އެރިކްސަންގެ ދައުރު ބޮޑެވެ. އެކަމަކު ކުއްލިއަކަށް އޭނާ ހޭނެތިގެން ވެއްޓި އޮކްސިޖަން ދީގެން ދަނޑުން ބޭލުމާ އެކު ގިނަ ކުޅުންތެރިން ތިބީ ޝޮކެއްގަ އެވެ.
ޔުއެފާ އިން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށާއި މިހާރު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޑެންމާކުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރިކްސަން ހޭއަރާފައިވާ ކަމަށާއި މި ވަގުތު އިތުރު ޓެސްޓްތައް ހެދުމުގެ ކަންކަން ކުރެވެމުން އަންނަ ކަމަށެވެ.
މީގެ ކުރިން ދަނޑު މަތީގައި ހޭނެތިގެން ވެއްޓުނު އިނގިރޭސި ކުޅުންތެރިޔާ ފަބްރިސް މުއަމްބާ ގިނަ އިރުތަކެއް ވަންދެން ހާޓްބީޓް ހުއްޓިފައި އޮތެވެ. އެކަމަކު މެޑިކަލް ފަރުވާ ދީގެން އޭނާ އަލުން ނޯމަލް ހާލަތަށް ގެނައި ނަމަވެސް ޑޮކްޓަރުގެ ލަފާގެ މަތިން ފުޓްބޯޅަ އިން ރިޓަޔާކުރި އެވެ. އަދި 2018 ވަނަ އަހަރު ޗެލްސީގެ އެންގޯލޯ ކާންޓޭ، ޗެލްސީގެ ޕްރެކްޓިހެއްގެ ތެރެއިން ހޭނެތިގެން ވެއްޓުމުން ފަރުވާދީގެން ތިން ހަފްތާ ތެރޭ ރަނގަޅު ހާލަތަށް އަ އެވެ. އަދި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް މޫސާ ޑެމްބެލޭ އަށް ވެސް މި އަހަރު ތެރޭގައި ހޭނެތިގެން ޕްރެކްޓިސް ތެރޭގައި ފަރުވާ ދީފައިވެ އެވެ. .












