ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި މަރާލިޔަސް ފާފަވެރި ނުވާނެ" ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވިދާޅުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް މިރޭ ގެންނަވައިފި އެވެ.
މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ހިސާން ވިދާޅުވީ ސިޔާމް އެގޮތަށް ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުއް ނިމުނު ވަގުތުގައި، ހުތުރުކޮށް ޒުވާބުކުރެއްވުމަށް ފަހު އެ ދުވަހުގެ އެހެން ވަގުތެއްގަ އެވެ.
"އޭނާގެ ނަޒަރުގައި އަޅުގަނޑަކީ ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި އެކަން ކޮށްގެން ފާފަވެރިއެއް ވެސް ނުވާނެ ކަމަށް ބުނެ ވާހަކަ ދެއްކެވިއިރު އަދި 6 ޖޫން ދުވަހު އަޅުގަނޑާ ދިމާލަށް އެއްޗެތި ކިޔަމުން އަޅުގަނޑާ ދިމާލަށް އައިއިރު، އެ ތަނުގައި ކޮމިޓީގެ އެހެން މެމްބަރުން ވެސް ތިއްބެވި އެވެ،" ހިސާން ވިދާޅުވި އެވެ.
ސިޔާމް ހުއްޓުވީ، ހިސާން ވިދާޅުވި ގޮތުގައި، މަޖިލީހުގެ އެހެން މެމްބަރުންތަކެކެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން ފިކުރުގެ ގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ތަފާތު ހިޔާލުތައް ގެންގުޅެވޭނެ ކަމަށާއި އޭގެތެރެއިން ނާތަހުޒީބުކަން އިސްކޮށް އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ މެމްބަރަކު ވާހަކަ ދައްކައި އަނިޔާވެރިވާން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސިޔާމްގެ އެ އަމަލުގެ ސަބަބުން މަޖިލީހުގެ އިދާރާއަކީ ރައްކާތެރި މާހައުލެއް ކަމުގެ އިހްސާސް ގެއްލިފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާންއަށް އަމާޒުކޮށް ސިޔާމް ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން އޭނާ ވިދާޅުވީ އިއްޔެ ހިސާންއާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެފައި އޮވެ ދާނެ ކަމަށާއި، ނަމަވެސް މާނަ ކުރީ އެގޮތަށް ނޫން ކަމަށެވެ.
"ޒުވާބުކުރި އިރު އެކަހަލަ ކޮންމެވެސް ބަހެއް ބުނެފައި އޮވެދާނެ، އެކަމަކު އެގޮތަށް މާނަކޮށް ބުނި އެއްޗެއް ނޫން އެއީ،" އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.













