ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އަތޮޅުވެރިކަމާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިކަން ކުރައްވާފައިވާ، އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) ކޮވިޑް ބަލީގައި، އުމުރުން 102 އަހަރުގައި މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.
ށ. އަތޮޅާއި ނ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އަހުމަދު މަނިކަކީ ދިވެހިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި އުމުރުން 100 އަހަރުން މަތީގެ މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ. އޭނާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަހުމަދު މަނިކު އަށް 100 އަހަރު ފުރުން ފާހަގަކުރަން މައުމޫން އިސްވެ ހުންނަވައި 2019 ވަނަ އަހަރު ހަފުލާއެއް ބޭއްވެވި އެވެ.

އަހުމަދު މަނިކުގެ ބޭފުޅުންގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޕައިލެޓް، މުހައްމަދު ނައީމް (ޕައިލޮޓް ނައީމް) ފާހަގަކުރެވެ އެވެ. އޭނާ އަށް ކާފަވިދާޅުވާ ބޭފުޅުންނާއި މުނިކާފަ ވިދާޅުވާ ބޭފުޅުންނާއި ހޫރުކާފަވިދާޅުވާ ބޭފުޅުންނާ އެކު އާއިލާގެ މެމްބަރުންގެ ޖުމްލަ އަދަދު 200 އާ ގާތްކުރާނެ އެވެ.
އަހުމަދު މަނިކުގެ އެއްބަޑުއެއްބަފާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަތަމާ އަބްދުއްލަތީފާއި މަޝްހޫރު ތާރީހު ލިޔުންތެރިޔާ އަބްދުލްހަކީމް ހުސެއިން މަނިކު ހިމެނެ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އާއި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނަކީ ވެސް އަހުމަދު މަނިކުގެ އާއިލީ ބޭފުޅުންނެވެ.
އަހުމަދު މަނިކު ވަނީ ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު އަދި ކުޅަދާނަ އަދީބު ފަޟީލައްތުޝައިހު ހުސެއިން ސަލާހުއްދީނުގެ މުވައްޒަފެއްގެ ގޮތުގައި ބަގީޗާގޭގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.












