ސްޕަޓްނިކަށް ސޮއިކޮށްފި، އޮގަސްޓުގެ ނިޔަލަށް ގިނަ ބަޔަކަށް ވެކްސިން ދެވޭނެ

މިނިސްޓަރު ނަސީމް: ވެކްސިންގައި ރާއްޖެ މިހާރު ވެސް އޮތީ ކުރީގައި ކަމަށާއި އޮގަސްޓުގެ ނިޔަލަށް އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ/ އަދަދު

މިނިސްޓަރު ނަސީމް: ވެކްސިންގައި ރާއްޖެ މިހާރު ވެސް އޮތީ ކުރީގައި ކަމަށާއި އޮގަސްޓުގެ ނިޔަލަށް އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ/ އަދަދު

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް އާއްމުކޮށް ހުޅުވާލައިގެން ކުރިއެކޭ އެއްގޮތަށް ގެންދަން ސްޕަޓްނިކްގެ 200،000 ޑޯޒަށް ރަޝިއާއާ އެކު ސޮއިކޮށްފައިވާ ކަމަށާއި އުއްމީދަކީ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދެ ޑޯޒު ވެކްސިން ފުރިހަމަކުރުން ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ވެކްސިން ރާއްޖޭގައި ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

ރާއްޖެ އިން ފައިސާ ދެއްކި ޑޯޒުގެ ތެރެއިން ލިބުނީ އިންޑިއާ އިން 100،000 ޑޯޒެވެ. އެ ގައުމުގައި ބަލީގެ ހާލަތު ބޮޑުވެފައިވާތީ ފައިސާ ދެއްކި ވެކްސިން ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.

މިނިސްޓަރު ނަސީމް "އަދަދު"އަށް ވިދާޅުވީ ވެކްސިން ހޯދަން ސަރުކާރުން އަންނަނީ މެދުނުކެނޑި މަސައްކަތްކުރަމުން ކަމަށެވެ. ވެކްސިންގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ހަމައެކަނި ރާއްޖެއަށް ނޫން ކަން ފާހަގަކުރައްވަމުން ވިދާޅުވީ ރަޝިއާ ވެކްސިން ހޯދުމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައިވާ ކަމަށެވެ.

ރަޝިއާގެ ސްޕަޓްނިކް 200،000 ޑޯޒު ގަތުމަށް ނިންމީ ސިންގަޕޫރު ކުންފުނިން ގަތް ވެކްސިން ލިބުން ލަސްވެގެންނެވެ.

މިނިސްޓަރު ނަސީމް ސޮއިކުރައްވާފައިވާ އެއްބަސްވުމުގެ ދަށުން ރަޝިއާ އިން ވެކްސިން ހޯދުމުގެ މުއާމަލާތްތައް ކުރަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.

ނަސީމް ވިދާޅުވި ގޮތުގައި ހަތަރު ހަފުތާގެ ތެރޭގައި ވެކްސިން ރާއްޖެ ފޮނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ރަޝިއާ އިން އޮތީ ލިބިފަ އެވެ. އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700،000 ޑޯޒު ވެސް މި މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އޮތީ ދީފަ އެވެ.

ސީދާ ތާރީހެއް އެ ކުންފުނިން އަދިވެސް ނުދެ އެވެ.

"އެހެންވިޔަސް މިހާރު ޕްރޮޑަކްޝަން ވެސް ކުރިއަށް އެބަދޭ. މި މަސްތެރޭ ލިބޭނެ،" ނަސީމް ވިދާޅުވި އެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގެ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހާފައި ތިބި މީހުންނަށް ދޭން ނިންމާފައި ވަނީ އެސްޓްރާޒެނިކާއިން ގެންނަ ވެކްސިނެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓަކަށް ފުރަތަމަ ޑޯޒު ދީފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު އަންދާޒާ ކުރައްވަނީ ލަސްތަކެއް ނުވެ 300،000 ޑޯޒު ލިބި އޮގަސްޓުގެ ނިޔަލަށް ޖަހައި ނިމޭނެ ކަމަށެވެ.

"ވެކްސިންގެ ކުރީގައި ރާއްޖެ މިއުޅެނީ އެހެން ގައުމުތަކުގެ ނިސްބަތުން، އޮގަސްޓުގެ ނިޔަލަށް އަޅުގަނޑުމެންނަށް ވެކްސިންގައި އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދޭނެ،" ނަސީމް ވިދާޅުވި އެވެ.

ރާއްޖެ އިން އަވަހަށް ވެކްސިން ހޯދައި، ފުރަތަމަ ޑޯޒު 69 ޕަސެންޓަށް ޖެހިއިރު ދެވަނަ ޑޯޒު 35 ޕަސެންޓުގެ މީހުންނަށް ވަނީ ޖަހައިފަ އެވެ. އެކަމަކު ކަންބޮޑުވުމަކީ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހާފައި ތިބި މީހުންނަށް ވެކްސިން ނުދެވި ލަސްވެދާނެ ކަމެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހައި ދެ ވަނަ ޑޯޒު ޖަހަން ވެފައި ތިބި ޖުމްލަ 92،000 މީހުން އެބަ ތިއްބެވެ. އެއީ މާލެއިން 55،000 މީހުންނާއި ރަށްރަށުން 37،000 މީހުންނެވެ.

މިނިސްޓަރު ނަސީމް ފާހަގަކުރެއްވި ގޮތުގައި މި ބަލީގައި ރައްކާތެރިކަން އޮތީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖަހައިގެންނެވެ. އެ ވިސްނުން ކުރިއަށް ނެރެން ގޮވާލެއްވި އެވެ.

ރާއްޖޭގައި ވެސް ވެކްސިނާ ދެކޮޅު ބަޔަކު ތިބެ ވެކްސިން ނުޖަހަން ބާރު އަޅަމުންދާތީ މިނިސްޓަރު ކަންބޮޑުވުންފާޅުކުރެއްވި އެވެ. ކޮވިޑުގައި އެންމެ ގިނަ ބަޔަކު މި ބަލީގައި މި މަހުގެ ތެރޭގައި މަރުވެފައިވާ އިރު އޭގެތެރޭގައި ވެކްސިންގެ ނުޖަހާ މީހުން ގިނަ އެވެ.

"އެއްވެސް މީހަކު ސައިންޓިފިކް ބޭސިސްއެއް ނެތި ވެކްސިނާ ދެކޮޅަށް ވާހަކަ ދެއްކުން ބަލައެއްނުގަނެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ޖަހަން ފެށުމަށް ފަހު ދެ ވަނަ ޑޯޒުގެ މުއްދަތެއްގެ ގޮތުގައި ދިނީ އަށް ހަފުތާ އެވެ. ކޮވިޝީލްޑް އާންމުކޮށް ދިނުން ހުއްޓާލީ ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ ވެފައިވަނިކޮށެވެ. އޭގެފަހުން އެޗްއީއޯސީން ބުނެފައި ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ދެ ވަނަ ޑޯޒު ޖެހުމަކުން މައްސަލައެއް ދިމައެއް ނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox