މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ 21 އަހަަރުގެ ދިވެހި ޒުވާނަކު މަރުވިއިރު އެ ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ ހައްޔަރުކޮށްފި އެވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ، އާމިނާ އިމީލީ ނާޒިމް މަރުވީ ރޭގެ ވަގުތެއްގައި ހިނގި އެކްސިޑެންޓެއްގަ އެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ދެ ކާރު ޖެހިގެންނެވެ. މަރުވީ ޒުވާނާއަކީ އެ ތަނުން އެއް ކާރުގެ ތެރޭގައި އިން ފަސިންޖަރެކެވެ.
އޭނާ އިން ކާރު ދުއްވީ އުމުރުން 37 އަހަރުގެ މީހެކެވެ. އެކްސިޑެންޓަށް ފަހު އޭނާގެ ޔޫރިން ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތެމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޑްރައިވަރުގެ އިތުރުން އެ ކާރުގައި ދެން އިން ފަސިންޖަރަށް މާ ބޮޑެތި އަނިޔާތަކެއް ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި ނޫހަށް ލިބިފައިވާ މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވީ އެއް ކާރު އޮތީ ފުރޮޅާލާފަ އެވެ. އަނެއް ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ.













