ނަޝީދުއާ ދިމާވި ވީޑިއޯ ކޯލް: "ޖުލައިގެ ނިޔަލަށް މާލޭގައި ހުންނާނަން"

ނަޝީދު ޖަރުމަންގައި: އުއްމީދަކީ ވީހާވެސް އަވަހަށް ރައްޔިތުންނާ އެކު ހުންނެވުން ކަމަށް ވިދާޅުވި.

ނަޝީދު ޖަރުމަންގައި: އުއްމީދަކީ ވީހާވެސް އަވަހަށް ރައްޔިތުންނާ އެކު ހުންނެވުން ކަމަށް ވިދާޅުވި.

ސައިކަލް ޕާކުކޮށްފައި މިއަދު ހެނދުނު އޮފީހަށް ވަންނަންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ގޮވާލި އެވެ. އޭނާ ހުންނެވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާ އެކު ފޯނެއްގަ އެވެ. ކައިރި އަށް ދިއުމުން ހަސަންޓޭ ފޯނު ދައްކާލި އެވެ؛ އެއީ ބޮމުގެ ހަމަލާއަށް ފަހު ފަރުވާ ހޯއްދަވަން މިވަގުތު ޖަރުމަނުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވީޑިއޯ ކޯލެކެވެ.

އެއީ ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިިބިވަޑައިގެންނެވި ނަޝީދުއާ އޭގެ ފަހުން އެއްވެސް ގޮތަކަށް ބައްދަލުވި ފުރަތަމަ ފަހަރުކަމުން، ރައީސްގެ ހާލު ކިހިނެއްތޯ އަހާލީމެވެ. ވިދާޅުވީ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު މިހާރު ރަނގަޅު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ޖަރުމަންގައި: ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތް.

ޖަރުމަނަށް ނަޝީދު ވަޑައިގަތީ ފުރާނަ ސަލާމަތްކުރަން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން ކުރި އޮޕަރޭޝަނަށް ފަހު އެވެ. ހޭނައްތައިގެން ހެދި 16 ގަޑިއިރުގެ އެ ސާޖަރީގައި، އެމަނިކުފާނުގެ ހަށިކޮޅުން 10 ރޭޒާ ފުއް ނެގި އެވެ. އަވަހާރަކޮށްލަން ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ނެގި އެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ނަޝީދުގެ ފުރާނަސަލާމަތްވީ ހަމަކިރިޔާ އެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ދިނުމަށް ފަހު ނަޝީދު މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އިށީނދެވަޑައިގެން އިންނަވައި ނަޝީދު ފޯނުން ވާހަކަދައްކަވަމުން ގެންދެވިއިރު މޫނުމަތިން ލަކުނުތައް ފެންނަން ހުއްޓެވެ.

އެމަނިކުފާނުގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ނުރައްކާތެރި ހަމަލާ ސިފަކުރައްވަމުން ވިދާޅުވީ، "މަޖީދީ މަގުގެ މެދުގައި ހަމަ ބޮމެއް ގޮއްވާލީ" ކަމަށެވެ. ވިދާޅުވެ އެދެއްވީ މާލޭގެ އެންމެ ކާރުބާރުބޮޑު މަގުގައި، އާއްމުންގެ ތެރޭގައި އެމަނިކުފާނު އަވަހާރަކޮށްލަން އަމާޒުކުރި ހަމަލާގެ ނުރައްކާތެރި ކަމެވެ.

ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތެރި ފިކުރުގެ ވާހަކަ އަކީ ޖެހިލުންކުޑަކަމާ އެކު އަބަދުވެސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކައެކެވެ. އެ ފިކުރުގެ ތެރެއިން، އެމަނިކުފާނަށް އަމާޒުކުރި ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް މީހަކަށް އަމާޒުުކުރި އެންމެ ނުރައްކާތެރި އެއް ހަމަލާ އެވެ.

އެކަމަކު މާބޮޑު ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

ފަރުވާއަށް ފަހު، ލަސްތަކެއް ނުވެ ދެން ވެސް ހުންނަވާނީ ރައްޔިތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ "އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އަޅުގަނޑު ދާނަން" ކަމަށެވެ.

"އަޅުގަނޑު އުއްމީދު މިކުރަނީ ޖުލައިގެ ނިޔަލަށް އަޅުގަނޑަށް ތިކޮޅުގައި ހުރެވޭނެ ކަަމަށް،" ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި އެކި ހާލާތްތަކުގައި ދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަ އެވެ. ބައެއް ފަހަރު އަމިއްލަފުޅަށް އަރުވާލެއްވިގެންނެވެ. މިފަހަރު ބޮމުގެ ހަމަލާއާ ގުޅިގެންނެވެ؛ އޭގެ ކުރިން އެންމެ ފަހުން އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނެވީ 13 އަހަރަށް ޖަލަށް ހުކުމްކޮށް ކުރިމަތިވެވަޑައިގަތް ކަންކަމާ ގުޅިގެންނެވެ.

މިހާރު ވެސް އެ ހުންނެވީ އެފަދަ ހާލަތެއްގައި ކަން ފާހަގަކުރައްވަމުން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ރާއްޖެ ވަޑައިނުގެންނެވޭ ވާހަކަ ބައެއް ބޭފުޅުން ވިދާޅުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެއީ ކޮން ވާހަކަފުޅެއްކަން ސީދާ ވިދާޅުނުވިއަސް ކުރިމަތިވެވަޑައިގަތް އެފަދަ ކޮންމެ ހާލަތެއްގައި ވެސް ރާއްޖެ އެނބުރިވަޑައިގަންނަވާ ކަން ފާހަގަކުރެއްވި އެވެ.

"އެންމެ ފަހުން 2018 ގައި ވެސް ދިޔައީނޫންތޯ ވީ ހާލެއްގައިވާން،" އަބަދުވެސް ވާހަކަ ދައްކަވާ ޖޯޝުގައި ވިދާޅުވި އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވި އަދި މިހާރު ވެސް ކޮލަމްތައް ލިއުއްވާ ނަޝީދު ޖަރުމަނުގައި ގިނަ ވަގުތުތައް ފޮތްތައް ވިދާޅުވުމުގައި ހޭދަކުރައްވަ އެވެ. ވީޑިއޯ ކޯލްގެ އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ފޮތެއް ލިއުއްވުމުގެ ވާހަކަ އާއި ރާއްޖޭގެ ޑިމޮކްރަސީއާ ގުޅޭ ގޮތުން ބޭރުގެ ލިއުންތެރިއަކު މި ފަހުން ލިއުނު ލިއުމަކާ މެދު އެއްބަސްވެވަޑައިނުގެންނެވޭ ވާހަކަ އާއި އެކޮޅުގައި ހުންނަވާއިރު ރާއްޖޭގެ ހަބަރުތައް ނޫހުން ވިދާޅުވާ ވާހަކަ ވެސް ދެއްކެވި އެވެ.

ނަޝީދު ޖަރުމަންގައި: ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި.

ކުޑަވަގުތުކޮޅުގެ ތެރޭގައި ދެއްކެވި މި ވާހަކަތަކުން ރައްޔިތުންނަށް ވިދާޅުވާން ބޭނުންވި ވާހަކަފުޅަކީ ލަސް ނުވެ ރާއްޖެ ވަޑައިގަންނަވާނެ ކަމެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ފުރަތަމަ ހައްޔަރުކުރީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

އޭގެ ފަހުން ބ. ދަރަވަންދޫގައި ހުއްޓައި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު 23، ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހަތަރު މީހުންގެ ވެސް ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާއިރު، ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި މި ހަމަލާ ފުލުހުން ގުޅުވަނީ ހަރުކަށި ފިކުރުގެ ވިސްނުމާ އެވެ. ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މާލޭންނާއި ހުޅުމާލެ އަދި އައްޑޫން ވެސް ހައްދުފަހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވޭ މީހުން ހައްޔަރުކުރި އެވެ.

މި ހަމަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރިއަސް، މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ފަންޑުކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ނުހޯދިދާނެ ކަމުގެ ބިރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ވިދާޅުވެފައި ވަނީ އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ އިތުރުން ވެސް އެކި ގޮތްގޮތުން ޝައްކު ކުރެވޭ ބަޔަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ބޭރުގެ އެކި މާހިރުންގެ އެހީތެރިކަމާ އެކު ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާއިރު، އެކަމަށް އެހީތެރިވުމަށް އެމެރިކާގެ މާހިރަކު މި ވަގުތު ރާއްޖޭގައި އެބަހުންނެވި ކަމަށާއި، އެ ބޭފުޅާ ވަރަށް އަވަހަށް ތަހުގީގާ ގުޅިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އެންމެ ހައި ރިސްކް ބޭފުޅާގެ ގޮތުގައި އެމްއެންޑީއެފުން ސެކިއުރިޓީ ދެމުން އަންނަ ނަޝީދަށް ހަމަލާ އަމާޒުވުމާއި އޭގެ ފަހުން ކަންކަން ހިނގައިދިޔަ ގޮތުން ސުވާލު އުފައްދާ ކަންތައްތަކެއް އެބަހުއްޓެވެ. ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފަހަރަށް އިންކުއަރީއެއް މި ހަމަލާއާ ގުޅިގެން އަންނަނީ ހަދަމުންނެވެ.

ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ދިން ހަމަލާއާ ގުޅޭ ގޮތުން އެމަނިކުފާނު މިހާތަނަށް ވާހަކަފުޅު ދައްކަވައިފައެއް ނުވެ އެވެ. އެކަމަކު، އެމަނިކުފާނާ ދިމާވި ދެތިން މިނެޓުގެ ވީޑިއޯ ކޯލުގައި "މަގުގެ މެދުގައި ބޮމެއް ގޮއްވާލީއޭ" ވިދާޅުވި ގޮތުން، ހަމަލާއާ ގުޅޭ ގިނަ ވާހަތަކެއް އެމަނިކުފާނު ދައްކަވަން ހުރިކަން ވަރަށް ސާފެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox