އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މެއި 31 ގެ ކުރިން ނުބޭއްވޭނެ ކަން އިއުލާނުކޮށް އަންނަ މަހު ޖަލްސާ ބާއްވާ ގޮތަށް ފަސްކޮށްފި އެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހިއްސާ ވިއްކާ ކުންފުނިތަކުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ މެއި 31 ވަނަ ދުވަހުގެ ކުރިން، އޭގެ ކުރީ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް އެމްޓީސީސީން ވަނީ ސީއެމްޑީއޭގެ ހުއްދައާ އެކު މި ޖަލްސާ ޖޫން މަހުގެ ތެރޭގައި ބާއްވާ ގޮތަށް ފަސްކުރަން ނިންމައިފަ އެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ފަސްކުރުމާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާ ފަސްކުރަން ނިންމީ މި ފަހުން ބޭއްވި ހާއްސަ ގޮތުން ކުރާ ޖަލްސާ (އެކްސްޓްރާއޯޑިނަރީ އޭޖީއެމް)އާ ގުޅިގެން ކަމަށެވެ.
މެއި މަހު ބޭއްވި އެކްސްޓްރާއޯޑިނަރީ އޭޖީއެމްއަކީ އެ ކުންފުނީގެ ހިންގާ ގަވާއިދަށް ގެނެވުނު އިސްލާހުތައް ފާސްކުރަން ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާގައި ފާސްކުރެވުނު އިސްލާހުތަކުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމާއި، ކުންފުނީގެ ބައެއް ގަވާއިދުތަކާ ގުޅޭ ކަންކަން ހިމެނެ އެވެ.
އެމްޓީސީސީން އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު އަންނަ ޖޫން މަހުގެ 30 ގެ ކުރިން އަހަރީ އާންމު ޖަލްސާ ބާއްވާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރަކީ އެމްޓީސީސީއަށް ރެކޯޑް ފައިދާއެއް ލިބުނު އަހަރެކެވެ. އެގޮތުން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު 1.3 ބިލިއަން ރުފިޔާއިން 224.7 މިލިއަން ރުފިޔާ ފައިދާވި އެވެ. އެމްޓީސީސީގެ ބޯޑުން ފާސްކުރީ ހިއްސާދާރުންނަށް ޑިވިޑެންޑަށް 3ރ. ގެ މަގުން ހުށައަޅާށެވެ.











