އަންނަ ހަފުތާއިން ފެށިގެން ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރުން ކާޑު ދޫކުރުމުގެ ހިދުމަތް ދޭން ބީއެމްއެލްއިން ނިންމައިފި އެވެ.
ކޮވިޑު ބަލިމަޑުކަން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ބޭންކުގެ ބްރާންޗުތައް އާންމުންނަށް ހުޅުވައިގެން ހިދުމަތް ދިނުން ބީއެމްއެލްއިން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް މި ހާލަތުގައި ބޭންކުގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކާއި ގުޅިގެން ޖޫން 10 ވަނަ ދުވަހާ ހަމައަށް ކާޑު ދޫކުރަން ބޭންކުން ނިންމީ އެވެ.
ބީއެމްއެލްއިން ބުނީ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ސާވިސް ސެންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހިދުމަތް ދޭނީ ކިއުބީ މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ދޫކޮށްގެނެވެ.
ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ބޭންކުން ދުވާލަކު ހިދުމަތްދޭ ކަސްޓަމަރުންގެ އަދަދުތައް ވަނީ ލިމިޓްކޮށްފަ އެވެ. އަދި ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުން ޕޮލިސް ޕާމިޓް ނަގައިގެން އަންނަން ބީއެމްއެލްއިން އިލްތިމާސް ކުރި އެވެ.
އަދި، ކާޑު ނަގަން އަންނަ ކަސްޓަމަރުން މާސްކު އެޅުމަށާއި، ކަސްޓަމާ ސާވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަށާއި، އަމިއްލަ ގަލަން ގެނައުމުގެ އިތުރުން ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރަން ބޭންކުން އެދެ އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ކާޑު ނަގަން ބޭންކަށް ދާކަށް ނުޖެހޭނެ އެވެ. އެ ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމުން ގެޔަށް ގޮސް ކާޑު ހަވާލުކޮށްދޭނެ އެވެ.
ބޭންކުގެ ބްރާންޗްތަކާއި ކަސްޓަމާ ސާވިސް ސެންޓަރުތަކުން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް، ހަފުތާގެ ބަންދު ނޫން ހުރިހާ ދުވަހެއްގައި ބޭންކުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އެވެ. އަދި އޭޓީއެމްއަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ހަފުތާގެ ތެރޭގައި މެދުކެނޑުމެއްނެތި ލިބޭނެ އެވެ.











