މާދަމާ ވެސް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ޓޯކަން ނަގައިގެން ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ބޭންކުތަކުން ތިން ދުވަހު ހިދުމަތްދޭ ގޮތަށް ބަދަލުކުރީ މީގެ ދެ ހަފުތާ ކުރިންނެވެ. އެޗްޕީއޭގެ އެންގުންތަކާ ގުޅިގެން ބޭންކުތައް ހުޅުވައިގެން ހިދުމަތް ދޭން އެމްއެމްއޭއިން ހުއްދަ ދީފައި ވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި، މި ތިން ދުވަހު އެވެ.
މާދަމާ އެމްއައިބީގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. މި ގަޑިތަކުގައި ބޭންކުން ހިދުމަތްދޭނީ އެ ބޭންކުގެ އޮންލައިން ކިއު އެޕް މެދުވެރިކޮށެވެ.
ބޭންކުން މި ގަޑިތަކުގައި ދޭން ނިންމާފައި ވަނީ ބޭންކަށް ނުގޮސް، ނޫނީ ނުލިބޭ ހިދުމަތްތަކެވެ. އެކަމަކު ޗެކް ފޮތް ހައްދަން ބޭނުންވާ ފަރާތްތަކާއި، ބޭރު ގައުމުތަކަށް ފައިސާ ފޮނުވަން (ޓީޓީ) ކުރަން ބޭނުންވާ ފަރާތްތަކުން އެ ބޭންކުގެ މާލެ ބްރާންޗުގެ އޭޓީއެެމްގައި ހުންނަ ޑްރޮޕްބޮކްސް ބޭނުން ކުރުމަށް އެމްއައިބީން ވަނީ އަންގާފަ އެވެ.
މި ހާލަތުގައި އެމްއައިބީގެ ކަސްޓަމަރުން ބޭންކަށް އައުމުގެ ބަދަލުގައި އެ ބޭންކުގެ އޮންލައިން ހިދުމަތްތަކާއި، ޑްރޮޕްބޮކްސް ސާވިސް އަދި އޭޓީއޭމްތަކުގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް ވަނީ ބާރުއަޅާފަ އެވެ.










