ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް އުމުރުން ދުވަސްވީ މީހަކަށް އަނިޔާ ކުރި، އެ މީހާގެ އެހީތެރިޔާ ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
ޝޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ ބަލި މީހަކާ ދިމާލަށް ވަރަށް ނުރުހުންވެ ހުރެ އޭނާގެ އެހީތެރިޔާ ވާހަކަ ދައްކާ ތަނެވެ. ބަލި މީހާ ވެސް ނުރުހުމުގައި ރައްދުދެމުން ދިޔަ އެވެ. އިރުކޮޅަކުން އެހީތެރިޔާ ވަރަށް ބާރަށް ބަލި މީހާގެ ގައިގައި ޖަހަ އެވެ. އެއާއެކު ބަލި މީހާ ވަރަށް ބާރަށް ރޯން ފަށަ އެވެ.
އަނިޔާ ކުރުމަށްފަހު ފުރޮޅުލީ ގޮނޑިއެއް ހިފައިގެން ދާން ހިންގައި ގަތުމަށް ފަހު އަނެއްކާ އެހީތެރިޔާ އަމުރުވެރިކަމާއެކު ބަލި މީހާއާ ވާހަކަ ދައްކާތަން ވީޑިއޯއިން ފެނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ބަލި މީހާއާ ދޭތެރޭ އޭނާގެ އެހީތެރިޔާ އަނިޔާކޮށްފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ އެހީތެރިޔާ މިހާރު އެ ފެސިލިޓީން ނެރެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް އެހީތެރިން ގެންދިއުމުގެ ހުއްދަ ދެނީ ވަރަށް ހާލު ބޮޑު ބަލި މީހުންނަށް އެކަންޏެވެ.












