ކޮވިޑްއާ ގުޅިގެން ވަޒީފާއަށް އަަސަރުކުރި މީހުންނަށް ސަރުކާރުން ދެމުން ގެންދާ އިންކަމް ސަޕޯޓް އެލެވެންސް ލިބޭ މީހުންގެ ޒާތީ މައުލޫމާތުތައް އާންމު ކުރެއްވުމާއެކު، އެކަން ހޫނުވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާފަށް އެދިވަޑައިގެންފި އެވެ.
ކޮވިޑްގެ ހާލަތާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް 5،000 ރުފިޔާގެ އާންމުދަނީއެއް ލިބޭ ގޮތަށް ސަރުކާރުން އިންކަމް ސަޕޯޓް އެލެވެންސް ދެމުންގެންދެ އެވެ.
އެ ތަފާސްހިސާބުތައް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އިކޮނިމިކް މިނިސްޓްރީގެ ޖޮބްސެންޓާ ޕޯޓަލްގައި އެ އެލެވެންސް ލިބޭ މީހުންނާއި އެ އެލެންވަންސަށް ހުށަހެޅި އެކަމަކު ރިޖެކްޓްކޮށްފައިވާ މީހުންގެ މައުލޫމާތުތައް ހިމެނޭހެން އަޕްޑޭޓް ކުރަމުންދެ އެވެ.
އެމީހުންގެ މުސާރަ އާއި އައިޑީކާޑް ނަންބަރާއި އެޑްރެހާއި ވަޒީފާއަދާކުރާ ތަންތަން ފަދަ ހުރިހާ މައުލޫމާތެއް އޭގައި ހިމެނެ އެވެ.
އޭގައި 1،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތުތައް ހުއްޓެވެ.

މިނިސްޓްރީގެ ޖޮބްސެންޓާ ޕޯޓަލްގައި އާންމުކޮށްފައިހުރި ނަމަވެސް، އެކަން އާންމުކޮށް އިއުލާންކޮށްފައި ނުވެ އެވެ. އެ މައުމާތުތައް އެހެން އެ ޕޯޓަލްގައި ހުއްޓައި، އެ މައުލޫމާތުތައް އެއްގޮތަކަށް ވެސް އާންމު ނުކުރާނެ ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް، މިރޭ ވެބްސައިޓްގައި ހުރި މައުލޫމާތުތައް ވަނީ ސޯޝަލް މީޑިއާއަށް، އިކޮނޮމިކް މިނިސްޓަރު އާންމު ކުރައްވާފަ އެވެ. މިނިސްޓަރު އެކަން ކުރެއްވީ، ޓްވިޓާގައި މިނިސްޓަރަށް އަމާޒުކޮށް އިންކަމް ސަޕޯޓް އެލެވެންސް ލިބޭ މީހުންނާމެދު ސުވާލުތައް އަމާޒުކުރުމުން، އޭގެން ދިފާއުވުމުގެ ގޮތުންނެވެ.
އެގޮތުން ފައްޔާޒު އެންމެ ފުރަތަމަ ލިސްޓް އާންމު ކުރެއްވީ، އެ އެލެވެންސް ބަހަނީ މިނިސްޓަރުގެ ރައްޓެހިންނަށް ކަމަށް މީހަކު ބުނުމުންނެވެ. އޭގެ ފަހުން، އިތުރު ދެ މީހަކަށް ރައްދު ދިނުމުގެ ގޮތުން ލިސްޓް ޓްވީޓް ކުރައްވާފައިވެ އެވެ.
އެއާއެކު، މިނިސްޓަރު ފައްޔާޒަށް ޓްވިޓާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ސަރުކާރުގެ މުއައްސަސާއަކަށް ރައްޔިތުން ދޭ ޒާތީ މައުލޫމާތުތަކެއް އެގޮތަށް އާންމު ކުރެވިދާނެތޯ ކަމާމެދު ސުވާލު އުފެއްދި އެވެ. އެއާއެކު، ލިސްޓް ވެބްސައިޓުން ނަންގަވައި، މިނިސްޓަރު މާފަށް އެދިވަޑައިގެންނެވި އެވެ. ވިދާޅުވި ގޮތުގައި ބައެއް މައުލޫމާތުތައް އުނިނުކޮށް އާންމު ކުރެވުމަކީ ހެއްދެވުނު ގޯހެއް ކަމަށެވެ.
"މިއީ ބަލާނުލެވި އޮތް ގޯހެއް، އެކަން ވަރަށް އަވަހަށް އިސްލާހު ކުރެވޭނެ، ނިހާޔަތަށް މާފަށް އެދެން،" މިނިސްޓަރު ޓްވީޓް ކުރެއްވި އެވެ.
ނަމަވެސް، އެ ފަހުން ވެސް މިނިސްޓަރު ވަނީ ފާޑުކިޔުންތަކަށް ރައްދު ދެއްވަން ޓްވީޓްތައް ކުރައްވާފަ އެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި، ބައެއް މައުލޫމާތުތައް އުނިކޮށް އަދިވެސް ލިސްޓް އާންމު ކުރައްވާނެ އެވެ.
"އައިޑީކާޑް ނަންބަރުތައް އުނިކޮށް ދެން ވެސް އެއްވެސް ރިގްރެޓެއް ނެތި ލިސްޓް އާންމު ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 22،858 މީހަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފައިވެ އެވެ. އެއާއެކު އެ އެލެވެންސް ދިނުމަށް ސަރުކާރުން 419.4 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާކަން ތަފާސްހިސާބުތަކުން އެނގެ އެވެ.












