މެޑްރިޑް (މެއި 22) - ސްޕެނިޝް ލީގުގެ ފަހު މެޗުގައި މިރޭ ފަހަތުން އަރައި 2-1 އިން ރެއާލް ވަލޮޑޮލިޑް ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް ވެސް ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި ވިޔަރެއާލް 2-1 އިން ބަލިކޮށްފަ އެވެ. އެކަމަކު އެތުލެޓިކޯ މޮޅުވުމުން ރެއާލަށް ލީގު ދިފާއުކުރެވޭ ގޮތްނުވީ އެވެ. މިއީ ރެއާލާއި ބާސެލޯނާ ފަހަތަށް ޖައްސާލުމަށް ފަހު 2014 ވަނަ އަހަރުގެ ފަހުން އެތުލެޓިކޯ އިން ލީގު ހޯދި ފުރަތަމަ ފަހަރެވެ. އެތުލެޓިކޯ އިން ވަނީ ޖުމްލަ 11 ފަހަރު ސްޕެއިންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެތުލެޓިކޯ އިން ލީގު ނިންމާލީ ދެ ޕޮއިންޓުގެ ލީޑެއްގައި އޮވެ އެވެ. އެތުލެޓިކޯ އަށް 86 ޕޮއިންޓް ލިބުނުއިރު، ރެއާލަށް ލިބުނީ 84 ޕޮއިންޓެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 79 ޕޮއިންޓް ހޯދައިގެންނެވެ. ލިއޮނަލް މެސީ ނުލައި ބާސެލޯނާ އިން ވަނީ މިރޭ ރަށުންބޭރުގައި 1-0 އިން އެއިބާ ބަލިކޮށްފަ އެވެ. އެ ޓީމުގެ ގޯލު ޖެހީ އަންނަ ސީޒަނުގައި އެ ޓީމުން ނުފެންނާނެ ކަމަށް ބެލެވޭ އެންޓޮއިން ގްރީޒްމަން އެވެ.
ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރި ވަލޮޑޮލިޑުން އަމިއްލަ ދަނޑުގައި ލީޑުނެގީ ކައުންޓަ އެޓޭކެއްގައި ޖެހި މޮޅު ގޯލަކުންނެވެ. އެތުލެޓިކޯ ޑިފެންޑަރުން ކުރިއަށް ޖެހި ތިބި ވަގުތެއްގައި ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އޮސްކާ ޕްލާނޯ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން އެތުލެޓިކޯގެ ކުޅަދާނަ ކީޕަރު ޔެން އޮބްލަކަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
އެތުލެޓިކޯ އިން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ޓީމުން ނަތީޖާ އަނބުރާލީ 10 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 57 ވަަނަ މިނިޓްގައި އެންހެލް ކޮރޭއާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ނަތީޖާ ހަމަހަމަކޮށްދީ އެތުލެޓިކޯގެ ޕްރެޝަރު ކަނޑުވާލައިފަ އެވެ.
މެޗުގެ 67 ވަނަ މިނިޓްގައި އެތުލެޓިކޯ މޮޅުކޮށްދިން ގޯލު ޖެހީ ލުއިސް ސުއަރޭޒް އެވެ. މިދިޔަ ހަފްތާގައި ވެސް އެތުލެޓިކޯ މޮޅުކޮށްދިން ގޯލު ޖެހީ މި ފަހަރު ބާސެލޯނާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވި ސުއަރޭޒް އެވެ. ސުއަރޭޒް ވަނީ ބާސެލޯނާ އިން އޭނާ އަށް ނުދިން ފުރުސަތު އެތުލެޓިކޯ އިން ދިނީތީ ޝުކުރު އަދާކޮށްފަ އެވެ.

ސުއަރޭޒް އެތުލެޓިކޯ މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިއީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެ ކްލަބުގައި ހުރެ ހޯދި އަށް ވަނަ ތަށްޓެވެ. ދެ ލަލީގާ އާއި ދެ ޔޫރޮޕާ ލީގާއި ދެ ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރިއިރު، ކޮޕަ ޑެލްރޭ އާއި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ. ކުރިން އެތުލެޓިކޯ އަށް ކުޅުނު ސިމިއޯނީ އަކީ އެ ކްލަބް ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ.
ސިމިއޯނީ ބުނީ މިއީ 32 ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށާއި އެންމެ އުނދަގޫ ވަގުތުގައި އޭނާއާ އެކު ސާބިތުވެ ހުރެ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށެވެ.
"މުޅި ދުނިޔެ މި ދަނީ ވަރަށް އުނދަގޫ ވަގުތުތަކެއް ތަހައްމަލުކުރަމުން. އަހަރެންގެ އުފާކުރަނީ މި ވަގުތު ބައެއްގެ މޫނު މައްޗަށް އެތުލެޓިކޯގެ ސަބަބުން ހިނިތުންވުމެއް އަންނާނެތީ،" ސިމިއޯނީ ބުންޏެވެ.
ރެެއާލުން އެޓޭކްކުރަމުން ދަނިކޮށް ވިޔަރެއާލަށް ލީޑުނަގައިދިނީ މެޗުގެ 20 ވަނަ މިނިޓްގައި ޔެރެމީ ޕީނޯ އެވެ. ދެ ވަނަ ހާފުގައި ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ބޮލުން ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ބަލައިނުގަންނާށެވެ.
އެކަމަކު ރެއާލުން ވަނީ ފަހު ވަގުތު ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. ރެއާލަށް އެއްވަރުކޮށްދިނީ 87 ވަނަ މިނިޓްގައި ރޮޑްރީގޯ ދިން ބޯޅައަކުން ބެންޒެމާ އެވެ. އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ރެއާލް މޮޅުކޮށްދިނީ ލޫކަ މޮޑްރިޗް އެވެ.
މިއީ 2010 ވަނަ އަހަރަށް ފަހު ރެއާލުން ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. ރެެއާލްގެ ކޯޗުކަމުން މި ސީޒަނަށް ފަހު ޒިނެދިން ޒިދާން ވަކިވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގަދަ ހައެއްގެ ފަހު ދެ ޖާގަ ހޯދީ މިރޭ މޮޅުވި ރެއާލް ބެޓިސް އާއި ރެއާލް ސޮސިއެޑާޑެވެ. އެ ދެ މަގާމުގެ ވާދަވެރިކަން ބޮޑީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގަތައް ހޯދުމަށެވެ.
އޮސަސޫނާ އަތުން ފަހު ވަގުތު މޮޅުވި ސޮސިއެޑާޑް ފަސް ވަަނައިގައި އޮތީ 62 ޕޮއިންޓާ އެކު އެވެ. ސެލްޓަ ވިގޯ ދަނޑުގައި ފަހަތުން އަރައި 3-2 އިން މޮޅުވި ބެޓިސް ހަ ވަނައިގައި އޮތީ 61 ޕޮއިންޓް ހޯދައިގެންނެވެ. ވިޔަރެއާލް ހަތް ވަނަ އަށް ވެއްޓުނުއިރު، އެ ޓީމުގެ އޮތީ 58 ޕޮއިންޓެވެ.
ވިޔަރެއާލަށް ބާކީ އޮތީ ބުދަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ޔޫރޮޕާ ލީގު ފައިނަލެވެ. އެ މެޗުން މޮޅުވެގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވިޔަރެއާލަށް ޖާގަ ލިބޭނެ އެވެ. ބަލިވެއްޖެނަމަ ލަލީގާގެ ހަތް ވަނައިގެ ހައިސިއްޔަތުން އަންނަ ސީޒަނުގައި ވިޔަރެއާލް ކުޅޭނީ ޔުއެފާ އިން އަލަށް ފަށާ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް ކޮންފަރެންސް ލީގުގަ އެވެ.












