ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ނެގި ލޯނުތަކާ ހުރެ އިތުރުވި ދައުލަތުގެ ދަރަނި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ކުޑަވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
ހުސްވި އަހަރު ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ބަލިމަޑުކަމާ ގުޅިގެން އައި އިގުތިސޯދީ ހީނަރުކަމުގެ އަސަރު ކުޑަކުރަން ސަރުކާރުން ގިނަ ލޯންތަކެއް ނެގި އެވެ. އަދި މީގެ ސަބަބުން ދިވެހި ސަރުކާރުގެ ދަރަނި ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފަ އެވެ.
އެގޮތުން 2020 އަހަރު ނިމުނު އިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 115 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 103 ޕަސެންޓަށް ތިރިވެފަ އެވެ.
ރާއްޖޭގެ އިގުތިސޯދީ ހާލަތަށް އަލިއަޅުވާލާ އެމްއެމްއޭއިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓް ރިޕޯޓް ބުނާ ގޮތުގައި، ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަވީ އިގުތިސޯދީ ހާލަތު ރަނގަޅު ވަމުން އައުމާ އެކު އުފެއްދުންތެރިކަން އިތުރުވީމަ އެވެ. ހާއްސަކޮށް ފުރަތަމަ ކުއާޓާގައި ޓޫރިޒަމް ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމާއި ގުޅިގެން އިގުތިސޯދީ އުފެއްދުންތެރިކަން އިތުރުވި ކަން ފާހަގަކޮށްފައިވެ އެވެ.
ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްވި ނަމަވެސް، ސަރުކާރުގެ ޖުމްލަ ދަރަނި ވަނީ ތިން ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ސަރުކާރުގެ ދަރަނި ހުރީ 68.3 ބިލިއަން ރުފިޔާގަ އެވެ. މިއީ ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނާ އަދާކުރަން ޖެހޭ ދަރަނީގެ އަގެވެ. އެ ލޯނުތައް ހިމަނައިގެން ޖުމްލަ ދަރަނީގެ އަގަކީ 82.8 ބިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލައަކީ އިގުތިސޯދާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުގެ އެންމެ ކަންބޮޑުވުން ހުރި އެއް މައްސަލަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ދަރަނި މެނޭޖް ނުކުރެވިއްޖެ ނަމަ މާލީ މުސްތަގުބަލަށް އޭގެ ނުރަނގަޅު އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވާލްޑް ބޭންކުން ވެސް ވަނީ ބުނެފަ އެވެ.
ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ މޫޑީސް އިން ވެސް ވަނީ ރާއްޖޭގެ ދަރަނި އިތުރުވާނެ ކަމަށް ބަލާ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ. އަދި އާމްދަނީ އިތުރު ނުވާ ނަމަ، ދަރަނި އަދާ ނުކުރެވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ.









