އިމާރާތެއްގެ މަތިން ވެއްޓި އަނެއްކާވެސް މީހަކަށް އަނިޔާވެއްޖެ އެވެ.
މިއީ މިދިޔަ ތިން ދުވަހުގެ ތެރޭގައި ހިނގި މިފަދަ ތިންވަނަ ހާދިސާ އެވެ.
މިއަދު ހަވީރު މީހަކު ވެއްޓިފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގެ އިމާރާތެއްގެ ދެ ވަނަ ފަންގިފިލާއިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެއްޓިފައިވަނީ އޭސީ ހަރުކުރަން އުޅުނު މީހެއް ކަމަށާއި އެމީހާ ބިންމައްޗަށް ވެއްޓުނީ އޭސީގެ އައުޑޯ ޔުނިޓްއާއެކު ކަމަށެވެ.
"އަނިޔާ ލިބުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވެއްޓުނު ފަހުން ނަގާފައިވާ ވީޑިއޯއެއް އާންމުވެފައިވާއިރު އޭގެން ފެންނަ ގޮތުގައި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަނގައިން ވެސް ލޭފައިބާފައި ހުރިއިރު، ވޭންތަކަށް ކެތްނުކުރެވިގެން އުޅޭ މަންޒަރު ފެނެ އެވެ.
ރޭ ވެސް މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، މާލޭގެ އިތާ ގޯޅިއަށް ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަގުމައްޗަށް އެމީހާ ވެއްޓިފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެއާ ޖެހިގެން ހުންނަ އެންދެރިކުރި ގޭގެ ފަސްވަނަ ފަންގިފިލާއިންނެވެ. އެމީހާ ވެއްޓުނު ގޮތެއް ސާފު ނުވާއިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުއްޓެވެ. ވެއްޓި އަނިޔާވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އޭގެކުރީ ރޭ ދަންވަރު ހުޅުމާލޭ ނިރޮޅުމަގުހެ ހަވަނަ ނަންބަރު ގޯޅީގައި ޒަހަމްތަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން އެޓެންޑްވި އެވެ. އުމުރުން 21 އަހަރުގެ އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު އެމީހާގެ ހޭވެރިކަން ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭގެން ފެންނަ ގޮތުން އޭނާ އޮތީ ބޮކްސާ ފިޔަވައި އިތުރު އެއްޗެއް ގަޔަށް ލައިގެނެއް ނޫނެވެ. ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބެލެވޭއިރު ގިނަ އަދަދެއްގެ ލޭ ފައިބާ ހުއްޓެވެ.
މި ދެ މައްސަލާގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އަދި މިހާތަނަށް އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.













