ސަލަފު ޖަމިއްޔާގެ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް މިއަދު ސަސްޕެންޑްކޮށްފި އެވެ.
މިއީ 28،000 އަށްވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓެކެވެ.
ލަވަ ކިޔުން ހުއްޓާލުމަށްފަހު ދީނީ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތުގައި އުޅޭ އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑްކުރި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
ނަމަވެސް، މިފަހުން އޭނާ ގެންދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ފަލަސްތީނުގެ ދިފާއުގައި ގިނަ ޓްވީޓްތަކެއް ކުރަމުންނެވެ.
އަލީ ރަމީޒު "އަދަދު"އަށް ވިދާޅުވި ގޮތުގައި، އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް، އެކަން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި މަގުބޫލު އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް ކަމަށް ޓްވިޓާއިން ބުނެފައިވަނީ ޓްވިޓާ ރޫލްސްތަކާ ހިލާފުވެފައިވުމެވެ.
ޓްވިޓާއިން އެކުލަވާލައިވާ ރޫލްސްގައިވާ ގޮތުން، އަށް ބާވަތެއްގެ ކަންކަމާ ގުޅޭ ގޮތުން ލިޔެ، ނޫނީ ފޮޓޯ އާންމުކުރާނަމަ، އެ އެކައުންޓެއް ސަސްޕެންޑްކުރާނެ އެވެ. އެގޮތުން، މީހުންނަށް ބިރު ދެއްކުމުގެ ގޮތުން ޓްވީޓްކުރުމާއި ޓެރަރިޒަމް އަދި އެކްސްޓްރިމިޒަމަށް ހިތްވަރުދީ، އެކަން ފަތުރާ ނަމަވެސް، އެކައުންޓް ސަސްޕެންޑް ކުރާނެ އެވެ. ނަފުރަތު އުފެއްދުމުގެ ވާހަކަތައް ދެއްކުމަކީ ވެސް ސަބަބެކެވެ.
ފުރައްސާރަކޮށް ގޯނާކުރުމާއި ކުޑަކުދިންގެ ކަރާމާތް ގެއްލުވާލައި ވާހަކަ ދެއްކުމާއި އަމިއްލައަށް ގެއްލުން ދިނުމުގެ ވާހަކަ ނުވަތަ އަމިއްލައަށް މަރުވުމުގެ ވާހަކަ ފަތުރާ ނަމަވެސް، އެކައުންޓް ސަސްޕެންޑްކުރާނެ އެވެ. އިޖުތިމާއީ މިންގަނޑާ ހިލާފު ފޮޓޯ އާއި ނާޒުކު މަންޒަރު ފެންނަ ފޮޓޯތައް އާންމުކުރުމަކީ ވެސް ޓްވިޓާގައި ކުށެކެވެ.
މީގެކުރިން ރާއްޖޭގެ ވެސް ބައެއް އެހެން އެކައުންޓްތައް ސަސްޕެންޑްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުގެ އިސްވެރިންތަކެއް އެކައުންޓްތައް ވަގުތީ ގޮތުން ސަސްޕެންޑްކުރި އެވެ.












