ގެވެށި އަނިޔާގެ ތުހުމަތުކޮށްފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
އީސަ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާކަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށްދިނެވެ.
މި އަމުރަށް ޕީޖީ އޮފީހުން މި އެދުނީ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައި ވަނިކޮށެވެ.
އަސްރާ އަށް އީސަ އަނިޔާކުރި ކަމަށް ވަނީ އިއްޔެ ރޭގެ ދަންވަރެވެ. ލިބުނު އަނިޔާތަކަށް އަސްރާ ވަނީ ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދަވައިފަ އެވެ. އަނިޔާގެ މައްސަލަ ޕޮލިހަށް ރިޕޯޓްކުރީ އަވަށްޓެރިންތަކެއް ކަމަށް ވެ އެވެ.

އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެކެވެ. އީސަ އަނިޔާކުރި ކަމުގެ ތުހުމަތުތައް މީޑިއާ އިން ރިޕޯޓްކުރުމާ އެކު، އޭނާ ހައްޔަރުކުރަން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދިޔައީ ގޮވަމުންނެވެ. އަދި ގެވެށިއަނިޔާގެ އެހެން މައްސަލަތަކެކޭ އެއްގޮތަށް ފުލުހުން މި މައްސަލަ ދޫކޮށްލާނީތޯ ވެސް ސުވާލު އުފައްދައި ހެދި އެވެ.
އަސްރާ މިއަދު ވަނީ އޭނާ އަށް ތަޖުރިބާކުރަން ޖެހިވަޑައިގަތް ހިތްދަތި ވާހަކަ ހިއްސާކުރައްވައިފަ އެވެ.
އަސްރާ ވިދާޅުވި ގޮތުގައި ފާއިތުވި 24 ގަޑިއިރަކީ އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތެކެވެ. އަދި މިއީ، ދުވަހަކު ވެސް ކުރިމަތިވެދާނެ ކަަމަށް ހީކުރެއްވި ތަޖުރިބާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް މާތްﷲގެ ވާގިފުޅާ އެކު، އަޅުގަނޑުމެން ދެމައިންގެ ހާލު ވެސް މިހާރު ރަގަނޅެވެ،" އަސްރާ ލިއުއްވާފައިވެ އެވެ.