އަމްސްޓެޑަމް (މެއި 19) - ފަލަސްތީނުގެ ދިދަ ހިފައިގެން އެ ގައުމާ އެއްކޮޅަށް އަޑުއުފުލާ ފުޓްބޯޅަ ކުޅުންތެރިންގެ ފޮޓޯ އަށް އިޒްރޭލުގެ ދިދަ ހިމަނައިގެން ފޮޓޯ އެޑިޓްކުރާ އިޒްރޭލު ގައުމީ ޓީމުގެ ފޯވާޑް އެރަން ޒަހާވީ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭ ކަޕް ފައިނަލަށް ފަހު ލެސްޓާ ސިޓީގެ ވެސްލީ ފޮފާނާ އާއި ހަމްޒާ ޗޯދުރީ އަދި ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި އަމަދު ޑިއާލޯ ވަނީ ދަނޑުމަތީގައި ސަޕޯޓަރުން އަދި ދުނިޔޭގެ ކުރިމަތީގައި ފަލަސްތީނުގެ ދިދަ ވިހުރުވާލައިފަ އެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއިރު، ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ ދިފާއުގައި އެ ކުޅުންތެރިން ބަސްބުނުމުން ތައުރީފުކޮށްފަ އެވެ.
އެކަމަކު އެ ކުޅުންތެރިންގެ ފޮޓޯތައް ނަގައިގެން ޕީއެސްވީ އަށް ކުޅޭ އުމުރުން 33 އަހަރުގެ އިޒްރޭލު ފޯވާޑް ޒަހާވީ ވަނީ އެ އެޑިޓްކޮށް އަމިއްލަ އިންސްޓަގްރާމްގައި ސްޓޯރީ އަށް ލައިފަ އެވެ. އޭނަ އެ ފޮޓޯ އެޑިޓްކުރާއިރު، ފަލަސްތީނު ދިދަ ބަދަލުކުރަނީ އިމޯޖީއެއްގެ ގޮތުގައި ސްމާޓް ފޯނުގައި އިންނަ އިޒްރޭލު ދިދަ އަށެވެ. އަދި އިޒްރޭލަށް އެ ކުޅުންތެރިން ސަޕޯޓްކުރާ ކަމަށް ދޭހަވާ ގޮތަށް ލިޔުން ލިޔެފައި ވެސް ހުރެ އެވެ.
މި ގޮތުން ފުރަތަމަ ފޮފާނާ އާއި ހަމްޒާގެ ފޮޓޯ އެޑިޓްކޮށްފައި އިންސްޓަގްރާމަށް ލުމަށް ފަހު ފާޑުކިޔުން އަމާޒުވެ ޕްރެޝަރުތަކާ ހެދި ޑިލީޓްކޮށްލި އެވެ. އެކަމަކު ރޭ މި ވަނީ ޕޮގްބާ އާއި ޑިއާލޯގެ ފޮޓޯ ވެސް އެ ގޮތަށް އެޑިޓްކޮޑް އިންސްޓަގްރާމަށް ލައިފަ އެވެ. އެއާ އެކު ގިނަ ބަޔަކު އޭނާ އަށް އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ފޯރަމްތަކުގައި ވަނީ ފާޑުކިޔަން ފަށައިފަ އެވެ.
ޒަހާވީގެ މި ޕޯސްޓްތަކާ މެދު އެތައް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރު، ފުޓްބޯޅަ ސަޕޯޓަރަކު ވަނީ އެއްވެސް މީހެއްގެ ސަޕޯޓް ލިބެން ނެތުމުން ކޮންމެ ކަމެއްގައި އޮޅުވާލުވުމުގެ ވިސްނުން އިޒްރޭލުން ދޫކޮށްލަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ ބްލޮގް ލިޔާ ސްޕެއިނުގެ އެނަލިސްޓަކު ލިޔެފައިވާ ގޮތުގައި މަޝްހޫރު ފަރާތްތަކުން ފަލަސްތީނުގެ ދިފާއުގައި ބަސްބުނުމަކީ ހަގީގަތާ އެއްކޮޅަށް ވާހަކަ ދެއްކުން ކަމަށާއި އޮޅުވާލައިގެން އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ އިޒްރޭލުން އަބަދުވެސް ކުރާ ކަމެއް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ޒަހާވީ ޕީއެސްވީގެ ޓްރެއިނިންގައި ހުއްޓައި އޭނާ ދިރިއުޅޭ ގެއަށް ދެ މީހަކު ވަދެ އާއިލާގެ މެމްބަރުން ބޮލުގައި ބަޑިޖައްސައި ވަނި ވައްކަން ކޮށްފަ އެވެ. އެ ވަގުތު ގޭގައި ތިބީ ޒަހާވީގެ އަންހެނުންނާއި ތިން ދަރިންނެވެ.












