އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ނޫނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އިބުތިދާއީ ބަހުސް މިއަދު ފަށައިފި އެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހިގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
އަދި އޭގެ ދަށުން އެކި މަރުހަލާތަކަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ނަމަވެސް، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ ބާވާތްތަކުގެ ލިސްޓެއް ގެޒެޓު ކުރަންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ބާވަތްތައް މަނާވާނެ ތާރީހުތައް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ލިސްޓު އެކުލަވާލާއިރު، އެތަކެތި އެހާތަނަށް އުފައްދައި ބޭނުންނުކޮށް ހުރި މިންވަރަށާއި ބޭނުންކުރަމުންދާ މިންވަރުގެ އިތުރުން އެތަކެތި މަނާކުރުމުން ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި ލިބެންހުރި މިންވަރަށް ރިއާއަތް ކުރަންޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

ސިއްސައިގެންދާ އަދަދުތަކެއް
މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މިއަދު އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ އެ ބިލުގެ މަގްސަދަކީ ޕްލާސްޓިކުން ރާއްޖޭގެ ތިމާވެއްޓާއި ރަށްތަކާއި، ފަރުތަކުގެ އިތުރުން ގޮނޑުދޮއްތައް ސަލާމަތް ކުރުން ކަމަށެވެ.
ސައްލެގެ ވާހަކައިގެ ތެރެއިން އޭނާ ވަނީ ދުނިޔޭގެ އިތުރުން ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު ކަންބޮޑުވާންޖެހޭ ދަރަޖައަކަށް އިތުރުވެފައިވާކަން ހާމަކޮށްދެއްވަން ބައެއް ތަފާސް ހިސާބުތައް ހިއްސާކޮށްދެއްވައިފަ އެވެ.

ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް (ސައްލެ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް
މިގޮތުން އޭނާ ވިދާޅުވި ގޮތުގައި 1907 ވަނަ އަހަރު ދުނިޔެއަށް ޕްލާސްޓިކް އުފަންވުމަށްފަހު، 1950 އާ ހަމައަށް އުފައްދާފައިވަނީ 1.6 މިލިއަން ޓަނުގެ ޕްލާސްޓިކް ކަމަށެވެ.
ނަމަވެސް، 2025 ވަނަ އަހަރަށް އެ އަދަދު 380 މިލިއަން ޓަނަށް އަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާއެކު ސައްލެ ވަނީ ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރުގެ ބައެއް ތަފާސް ހިސާބުތައް ވިދާޅުވެ ދެއްވައިފަ އެވެ.
2019 ވަނަ އަހަރުގެ ކަސްޓަމްސް ހިސާބުތައް
- ޖޫސްބޯ ޕްލާސްޓިކް ހޮޅި - 15.3 މިލިއަން
- ޕްލާސްޓިކް ކޮފީ/ޖޫސް ތަށި - 12 މިލިއަން
- ޕާރުސަލް ތަށި - 9.5 މިލިއަން
- ޕްލާސްޓިކް ކޮތަޅު - 133.4 މިލިއަން
- ސުޕާރީ ޕެކެޓު - 1.3 މިލިއަން ޕެކެޓު
- ޕްލާސްޓިކް ތަށި: 11.9 މިލިއަން
- ކަފަބުރު - 31.5 މިލިއަން
ސައްލެ ވިދާޅުވި ގޮތުގައި ރާއްޖޭގައި އުފެދޭ ކުނީގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ސިންގަލް ޔޫސް ޕްލާސްޓިކކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
"މީގެ މާނައަކީ ކަންބޮޑުވާންޖެހޭ ވަރަށް އެއް ފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް އެބަ ބޭނުން ކުރެވެޔޭ. އޭގެން ކޮންމެ އެއްޗެއް ތިމާވެށީގެ ކޮންމެވެސް ހިސާބަކަށް ގޮސް މި ނިމެނީ،" އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ޕްލާސްޓިކަކީ މުޅީން ފަނާވެދާ އެއްޗަކަށް ނުވާތީ ތިމާވެށީގެ އިތުރުން ސިއްހަތަށާއި އިގުތިސޯދަށް ވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.
މިގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 70 ޕަސަންޓް މީހުން ރާއްޖެ ހިޔާރުކުރަނީ ގޮނޑުދޮއްތަކުގެ ރީތިކަމުން ކަމަށް ސާވޭތަކުން ދައްކާއިރު، އެ ގުދުރަތީ ރީތިކަމަށް އޮތް ނުރައްކަލަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން އދ. ގެ އާއްމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި ސެޕްޓެމްބަރު 23، 2019 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އެއާއެކު މިދިޔަ އަހަރުގެ ޖުލައި މަހު އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް އިސްލާހެއް ގެނެސް، މަރުހަލާތަކަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ގިނަ ބާވަތްތަކެއް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.
އޭގެ ތެރެއިން ނުވަ ބާވަތެއް އަންނަ މަހުން ފެށިގެން ރާއްޖެއަސް އެތެރެކުރުން މަނާވާނެ އެވެ.
އަންނަ މަހުން ފެށިގެން އެތެރެކުރުން މަނާ ބާވަތްތައް
- ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ޕްލާސްޓިކް ދަނޑިކޮޅު
- ސްޓައިރަފޯމް (ޕާރުސަލް) ފޮށި
- 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
- 250 މިލިލީޓަރަށްވުރެ ކުޑަ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި
- 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާ ތަކެތި (ފެނާއި ލުއިބުއިން ހިމެނޭގޮތަށް)
މީގެ އިތުރުން އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނެ އެވެ.












