މާލެ އަތޮޅު ހުރާއޭ ބުނެފި ނަމަ ގިނަ ބަޔެއްގެ ހިތަށް ވަންނާނީ ފުޓްބޯޅައިގެ ރަންޒަމާނެކެވެ. އެ ރަށުން ނެރުނު ހުއްރިއްޔާ ސްޕޯޓްސް ކްލަބުގެ ވަރުގަދަ ކަމާއި އެ ރަށުން އުފެއްދި ކުޅުންތެރިންގެ ހުނަރުވެރިކަމެވެ. އެ ރަށު ރައްޔިތުން ކަނޑެއް ހުރަސްކޮށް މާލެ އައިސް ގަލޮޅު ދަނޑުގައި ޓީމަށް ދިން ތާއީދާއި އެ ޓީމުން މާލޭ ބޮޑެތި ކްލަބްޔައް ފަހަތަށް ޖައްސާލައި ހޯދި ކާމިޔާބީތަކެވެ. އެ ދުވަސް މިހާރު މާޒީވެއްޖެ އެވެ.
ހުރާ ފުޓްބޯޅަ ޓީމު ހިންގި މީހުންނާއި ފުޓްބޯޅަ ކުޅުނު ކުޅުންތެރިން މިހާރު ތިބީ ރަށުގެ އެކި ކަންކަމުގައި މަޝްއޫލުވެގެންނެވެ. އޭގެ ތެރެއިން އެކަކަކީ ހުރާ ރަށު ކައުންސިލުގެ ނައިބް ރައީސަކަށް އިއްޔެ އިންތިހާބުވި ހުއްރިއްޔާގެ ކުރީގެ ކާމިޔާބު ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އެވެ.
ރާއްޖޭން 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދަތުރުކުރި ޓީމަށް ކުޅުނު އަބުޅޯ ފުޓްބޯޅަ ކެރިއަރަށް ފަހު މިހާތަނަށް މަސައްކަތްކުރަމުން އައީ ޓޫރިޒަމް ދާއިރާގަ އެވެ. ޖާޒީ އާއި ސޯޓުގެ ދުވަސްވަރަށް ފަހު، ބެނިއަން އާއި ސޯޓެއްގައި ފަތުރުވެރިން ގޮވައިގެން ސްނޯކްލިން އަށް ދިޔަ އަބުޅޯ މިހާރު ޓައީ އާއި ގަމީހުގައި އެ ވަނީ ކައުންސިލަށެވެ. ހުރާ ފުޓްބޯޅަ ޓީމުގެ ކެޕްޓަނުގެ ހައިސިއްޔަތުން ރަށަށް ކުރި ހިދުމަތް ދެން އޭނާ ކުރާނީ ރަސްމީ ހައިސިއްޔަތުންނެވެ.
ޕީޕީއެމް ޓިކެޓުގައި ކައުންސިލަށް ހޮވުނު އަބުޅޯ އަދަދުގެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އޭނާގެ އެންމެ ބޮޑު ވިސްނުމަކީ، ރަށް އެއްބައިވަންތަކުރުން ކަމަށާއި ކުރީގައި އޮތް ގުޅުމާއި އެއްބަނޑުއެއްބަފާކަން ނެތި އެދެވޭ ރަށަށް ތަރައްގީގެ އެދެވޭ ބަދަލުތަކެއް ނުގެނެވޭނެ ކަމަށެވެ.

އަބުޅޯ (މ) ކުރީގެ ގޯލްކީޕަރު އިސްހާގު (ކ) އާއި ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑްރާގޯ މަމިޗްއާ އެކު.
"ރައްޔިތުންނާ ވީހާ ވެސް ގުޅިގެން ރަށަށް ތަރައްގީ ގެނައުން އަމާޒަކީ. އެކަމަކު އެކަން ކުރާނީ ރަށު ރައްޔިތުން އެއްބައިވަންތަކުރުވައިގެން. އަޅުގަނޑުމެން ކުޑައިރުގައި އެއޮތް ފަދަ އެއްބައިވަންތަ ތަނަކަށް ރަށް އަނެއްކާ ވެސް ބަދަލުވޭތޯ މަސައްކަތްކުރާނީ،" އަބުޅޯ ބުންޏެވެ.
އަބުޅޯ ބުނީ ރަށުގައި ކުޅިވަރުގެ ރޫހު އަލުން އާކޮށް ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ތަނަވަސްކޮށްދޭން ބޭނުންވާ ކަމަށެވެ. އެކަމަށް ރޭވުންތައް ވެސް އެބަހުއްޓެވެ. އެކަމުގެ އަނެއް ބޭނުމަކީ، އަބުޅޯ ބުނި ގޮތުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން އާލާކުރުން ކަމަށެވެ.
ހުރާ ކައުންސިލުގެ ރައީސަކީ، ފުޓްބޯޅަ ޓީމުގައި ވެސް ކުރިން އިސްކޮށް ހަރަކާތްތެރިވި އަހުމަދު އީސާ (ހުރާ އީސަ) އެވެ. އަބުޅޯ ބުނީ ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާ ދަނޑުމަތީގައި ދެއްކި ލީޑާޝިޕް އީސަގެ ގެ ދަށުން ރަށް ހިންގުމުގައި ވެސް ދެއްކޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
"ރަށު ޒުވާނުން އެއްބާރުލުން ލިބިއްޖެއްޔާ މިކަން ކުރޭވެނެ. އަޅުގަނޑު މަސައްކަތްކުރާނީ އެންމެންނާ ގުޅިގެން މިކަން ކުރަން،" އަބުޅޯ ބުންޏެވެ.

އަބުޅޯ (14 ނަމްބަރު ޖާޒީ) ގައި.
ބ. އޭދަފުށި ބަލިކޮށް 1992 ވަނަ އަހަރު ހުއްރިއްޔާ ފުރަތަމަ ޑިވިޝަނަށް އެރުމުގެ ކުރިން ވެސް އަބުޅޯގެ ހުނަރުވެރިކަން އޮތީ ފާހަގަކުރެވިފަ އެވެ. އެގޮތުން އަތޮޅު މުބާރާތުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ރޭވަންސުން ފުރުސަތު ލިބުނެވެ. ޕޮމިސް ކަޕެއްގައި ކުޅެން ނިއު ރޭޑިއަންޓުން ވެސް އޭނާ މާލެ ގެނައިރު އޯކިޑް ސްޕޯޓްސް ކްލަބަށް ވެސް ކުޅުނެވެ. އެ ފުރުސަތުތަކުގެ ފަހަތުގައި ހުރީ 1997-1999 އަށް އަބުޅޯއާ އެކު ހުރިއްޔާ އަށް ކުޅުނު، ގަރުނުގެ ފުޓްބޯޅާ ޝަހުސިއްޔަތު މޫސާ މަނިކު (ކުޑަމޫސަ) އެވެ.
އަބުޅޯގެ ކެޕްޓަންކަމުގައި ހުރިއްޔާ އިން ވަނީ، ބޭރުގެ ދެ ޓީމު ބައިވެރިކޮށްގެން އޭރު ރާއްޖޭގައި ކުޅެމުން އައި ޕޮމިސް ކަޕް 1999 އާއި 2000 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 1997 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތާއި 1998 އަދި 2000 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުގައި ކުޅުނެވެ. ޕޮމިސް ކަޕް މިލްކުކުރަން ފުރުސަތު ލިބުނު އަހަރު، 2001 ގައި ހުރާގެ ވަރަށް ގިނަ ކުޅުންތެރިން މާލޭ ކްލަބްތަކަށް ބަދަލުވި ދަނޑިވަޅުގައި އަބުޅޯ ގެންދިޔައީ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އަށެވެ.
އަބުޅޯގެ އެންމެ ކާމިޔާބު އަހަރަކީ 1997 ވަނަ އަހަރެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ރިހި މެޑަލް ކަރުގައި އެޅުވުމުގެ އިތުރުން ދުވަހު ނޫސް "ހަވީރު" އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.













