މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުން ހއ. ހޯރަފުށީ އެއާޕޯޓަށް ގެއްލުންވެ, ދަތުރުތައް މެދުކަނޑާލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ހޯރަފުއްޓަށް ދަނީ އުދަރަމުންދާއިރު، މިއަދު ވެސް ވަރަށް ބޮޑަށް އުދަ އެރި އެވެ. އުދަރަމުން އަރަމުން ދަނީ އެ ރަށުގެ ހުޅަނގު ފަރާތުންނެވެ.
އިއްޔެ އައި ކޮޅިގަނޑެއްގައި ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގެ ދޮރާށި ވެސް ވަނީ ފުނޑުފުނޑު ވެފަ އެވެ. އެލްމިނިއަމް ގިއުގަނޑެއްގައި ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ އެ ދޮރާށީގެ ގިނަ ދޮރުތައް ވަނީ ވެއްޓިފަ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، "އަދަދު"އަށް ވިދާޅުވީ ހިއްކައިގެން ހަދާފައިވާ އެ އެއާޕޯޓަށް އުދަ އަރަމުން ދަނީ ހިލަތޮށި ނުޖަހާ އޮތް ހުޅަނގު ފަރާތުން ކަމަށެވެ. އުދައެރުމުގެ ސަބަބުން ރަންވޭ އާއި ހައިވޭގައި ވެސް ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ތަޅައިގެންދިޔަ ޓާމިނަލް ދޮރާށީގެ ބަދަލުގައި ވަގުތީ ގޮތުން ދޮރާއްޓެއް ހަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންއިން ބުނީ މިދިޔަ ނޮވެމްބަރު މަހު ހުޅުވާފައިވާ އެ އެއާޕޯޓަށް މޫސުން ރަނގަޅުވުމާއެކު ދަތުރުތައް ފަށާނެ ކަމަށެވެ. މިހާރު ހޯރަފުށީ އެއާޕޯޓަށް ބާއްވަމުން ދަނީ ދުވާލަކު ފްލައިޓެކެވެ.
އުދައިގެ އިތުރުން ވައިގަދަވުމުގެ ސަބަބުން ހޯރަފުށީގެ ބައެއް ގެތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަންކަން ހައްލު ކުރަން ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ މުވައްޒަފުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޯރަފުށީގެ އިތުރުން އުތުރުގެ ގިނަ ރަށްތަކަކަށް އަންނަނީ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން ގިނަ ރަށްތަކަކަށް އުދައިގެ އަސަރު ވަނީ ކޮށްފަ އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓުމާއި ގޭގޭ ފުރާޅުތަކަށް ދަނީ ގެއްލުން ވަމުންނެވެ.













