ލީޑާޝިޕަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ގަބޫލެއް ނުކުރަން: ޝަރީފް

ޕީޕީއެމް ލީޑާޝިޕްގެ ބައެއް ބޭފުޅުން: ލީޑާޝިޕްގެ ގިނަ ބޭފުޅުންނަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޕީޕީއެމް ލީޑާޝިޕްގެ ބައެއް ބޭފުޅުން: ލީޑާޝިޕްގެ ގިނަ ބޭފުޅުންނަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ލިސްޓުގައި ނަން ނުހިމެނޭ އިދިކޮޅު މަޖިލިސް މެމްބަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

މިއަދު އާއްމުކުރި ލިސްޓަށް ބަލާއިރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕުގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންނަށް ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވެ އެވެ.

އެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ހިމެނޭއިރު، އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް އެބަ އޮތެވެ. ދެން ޕީޕީއެމްގެ ލީޑަޝިޕުގައި ޑެޕިޔުޓީ ލީޑަރުގެ މަގާމުގައި ފަސް ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ލިސްޓުގައި އެބައޮތެވެ.

އިދިކޮޅު މަޖިލިސް މެމްބަރުންގެ ތެރެއިން ލިސްޓްގައި ނަން ނެތީ، ޝަރީފާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެވެ.

އެކަމާ ގުޅޭގޮތުން ޝަރީފް، "އަދަދު" އަށް ވިދާޅުވީ އޭރު ޕީޕީއެމްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ކަންކަމަށް ފައިސާ ދެމުން ދިޔައީ އަހުމަދު އަދީބު ކަމަށާއި އޭނާ ދިން ފައިސާއަކީ ހިޔާނާތުގެ ފައިސާ ކަމެއް ޕާޓީގެ އިސް މީހުންނަށް ނޭނގޭނެ ކަމަށެވެ.

އެއްވެސް ސުވާލެއް ކުރުމެއްނެތި ބައެއްގެ ނަންތައް ހާމަ ކުރުމަކީ ޒިންމާދާރު ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މިހާރު އެ ލިސްޓް އޮތްކަމުގައި ވިޔަސް އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ ކޮން ފައިސާއެއް ކަމެއް ވެސް. އަޅުގަނޑު ދެކެނީ ހަމަ ތަހުގީގު މަރުހަލާގައި އެ ބޭފުޅުންނަށް އެ ބޭފުޅުންގެ މައުސޫމްކަން ހާމަކޮށް ދޭން ފުރުސަތު އޮންނާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އަދީބު ވަކިވަކި މީހުންނަށް ފައިސާ ދީފައިވީނަމަވެސް އެއީ އެ މީހުންގެ އަމިއްލަ ބޭނުމަށް ދިން ފައިސާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓީގެ ކަންކަމުގައި ވަކިވަކި މީހުންނަށް ފައިސާ ދީފައި އެބަހުރި ކަމަށެވެ.

ޝަރީފް ވިދާޅުވީ ހިޔާނާތުގެ ތުހުމަތު ކުރެވޭނަމަ ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮއްވާ ރިޔާސީ ކޮމިޝަނެއް ހެދުމަކީ އެހެން މަގުސަދެއް ހާސިލް ކުރުމަށް މިސަރުކާރުން ކުރި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުހުމަތު ތަކަކީ "ބުހުތާނު ދޮގު" ކަމަށެވެ. ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލުމަކީ އިންސާފުތޯ ވެސް އޭނާގެ ޓްވީޓުގައި ސުވާލު އުފެއްދި އެވެ. އަދި ލިސްޓް އާއްމު ކުރީ ހިތް އެދޭ މީހާގެ ނަން އުނިކޮށްފައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ނަން އޮތް ޕީޕީއެމްގެ ނައިބު ރައީސުން

އަހުމަދު ޝިޔާމް - (1 މިލިއަން ރުފިޔާ)

މުހައްމަދު ޣައްސާން މައުމޫން - (2.5 މިލިއަން ރުފިޔާ)

އަހުމަދު ސަލީމް - (26.57 މިލިއަން ރުފިޔާ)

ނަން އޮތް ޕީއެންސީގެ ނައިބު ރައީސުން

އިބްރާހިމް ޝުޖާއު

މުހައްމަދު ސައީދު - (8.31 މިލިއަން ރުފިޔާ)

މުހައްމަދު ހުސެއިން ޝަރީފް - (579،286 ރުފިޔާ)

ޕީޕީއެމްގެ ޑެޕިޔުޓީ ލީޑަރުންގެ ތެރެއިން ލިސްޓުގައި ނަން ހިމެނިފައިނުވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކުރާއި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ އިންތިހާބީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީއަށް ބަލާއިރު، ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި މުހައްމަދު ނިމާލް އާއި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ޝަރީފްގެ ނަމެއް ވެސް އެ ލިސްޓުގައި ނެތެވެ.

އޭގެ އިތުރުން، އިދިކޮޅު ކޯލިޝަނުގައި ނައިބު ލީޑަރުގެ މަގާމު އަދާނުކުރައްވައި، މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަހިބަދޫ ދައިރާގެ މެމްބަރު އަހުމަދު ތޯރިގު (4.7 މިލިއަން ރުފިޔާ) އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (1.8 މިލިއަން ރުފިޔާ)ގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ (1.5 މިލިއަން ރުފިޔާ) ވެސް ލިސްޓުގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox