ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.
އެ މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މުޖާޒް އަހުމަދު، 21، އާއި ތަހުމީން އަހުމަދު، 32، އާއި އަހުމަދު އަދުހަމް ރަޝީދެވެ.
އޭގެ ތެރެއިން މިއަދު ހައްޔަރު ކުރި އަދުހަމަކީ ނަޝީދުގެ ކާރުކޮޅު ޕާކުކޮށްފައި އޮތް ތަނުގެ ކުރިމަތިން ހުންނަ އަތަމާ ޕެލަސް ތެރޭ ފިލާ ހުރެގެން ބޮއް ގޮއްވާލި ކަމަށް ފުލުހުން ބުނާ މީހާ އެވެ.
މިއަދު އަދުހަމް ހައްޔަރު ކުރުމަށްފަހު ފުލުހުން ވަނީ އޭނާ ބޮން ގޮއްވާލުމުގެ ކުރިންނާއި ފަހުން ހަރަކާތްތެރިވެފައިވާ ގޮތުގެ ވީޑިއޯތަކެއް ދައްކައިފަ އެވެ.
އަދުހަމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ފޮޓޯ އާންމު ކުރުމުން އާންމުންގެ ފަރާތުން ސީދާ ލިބުނު މައުލޫމާތަކުން ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް މުހައްމަދު ރިޔާޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރުމުގެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މިހާތަނަށް ޓެރަރިސްޓު އެއްވެސް ނެޓުވޯކަކާ ހައްޔަރު ކުރި މީހުންނާ ގުޅުމެއް އޮތްކަން ތަހުގީގަށް އެނގިފާ ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ. ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށް އަނިޔާވި އެވެ.













