ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާތީ މި މަހު މާލޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު މަޝްވަރާކުރަން ފަށައިފި އެވެ.
މިކަން އިއުލާނުކުރެއްވީ ދާދި ދެންމެ އަކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގަ އެވެ. މުޅި ރާއްޖޭގައި އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ރެކޯޑް އަދަދަކަށް ކޮންމެ ދުވަހަކު ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މާލޭގައި އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތަށް ކަންތައްތައް ހުރުމާ އެކު އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން އޭއެފްސީއާ އެކު އެފްއޭއެމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޓްވީޓް ކުރެއްވި އެވެ.
މި މަހު ރާއްޖޭގައި އޭއެެފްސީ ކަޕްގެ މެޗުތައް ކުޅެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއުލާނުކުރެއްވީ ރޭގަ އެވެ. އަދި މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މިނިސްޓަރު މަހުލޫފް ވަނީ އޭއެފްސީ ކަޕް މެޗުތައް މާލޭގައި ބޭއްވޭ ގޮތަށް ހުއްދަ ދިނުމުން އެކަމަށް ސަރުކާރާއި އެޗްޕީއޭ އަށް ޝުކުރު އަދާކޮށްފަ އެވެ. އެކަމަކު ފާއިތުވި 24 ގަޑިއިރުތެރޭ އަނެއްކާ ވެސް ރެކޯޑް އަދަދަކަށް ކޮވިޑްގެ ކޭސްތައް ފެނުމުން މުބާރާތް ފަސްކުރަން ހުށަހަޅަން މިރޭ ނިންމީ އެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާއްމުކުރި ކޮވިޑުގެ ހިސާބުތަކުން ދައްކާ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި 700 އަށް ވުރެން ގިނަ މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. މާލޭގެ އަދަދު އުޅެނީ 540 ގަ އެވެ. ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރެމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މާދަމާ ރޭ ނުވައަކުން ފެށިގެން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ކާފިއު ވަނީ އިއުލާނުކޮށްފަ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް މާލޭގައި ކުޅެން ޝެޑިއުލް ކޮށްފައިވާ ގޮތަށް ބަލާއިރު ކޮލިފައިންގައި މި މަހު 11 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު މާލޭގައި ކުޅޭނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް ބާއްވަން ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 އިން 21 އަށް މާލޭގަ އެވެ. ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.
ހޮން ކޮންގްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އެދުމުގެ މަތިން އޭއެފްސީން ވަނީ ދާދި ފަހުން މި މަހު ކުޅެން އޮތް އޭއެފްސީ ކަޕްގެ ގްރޫޕް ޖޭގެ މެޗުތައް އަންނަ މަހުގެ 23 އިން 29 އަށް ފަސްކޮށްފަ އެވެ. އެ މެޗުތައް ފުރަތަމަ ކުޅެން ހަމަޖެއްސީ މި މަހު 14 އިން 20 އަށް ހޮން ކޮންގްގަ އެވެ. ހޮން ކޮންގް އިން މެޗުތައް ފަސްކުރަން ހުށަހެޅީ އެ ގައުމުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ހާލަތު ގޯސްވަމުންދާތީ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދަނީ ކޮވިޑާ ގުޅިގެން އޭއެފްސީން އެކުލަވާލާފައިވާ ހަރުކަށި ގައިޑްލައިންތަކެއްގެ ދަށުންނެވެ. އެ ގައިޑްލައިންތަކާ އެއްގޮތަށް މިދިޔަ މަހު މާލޭގައި އީގަލްސް އިން ވަނީ ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ. އޭއެފްސީގެ ގައިޑްލައިންގައިވާ ގޮތުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން މެޗުތައް ކުޅޭ މުއްދަތަށް އައިސޮލޭޓްވާން ޖެހޭނެ އެވެ. ހަމައެކަނި ނުކުމެވޭނީ ޓްރެއިނިންނާއި މެޗުތައް ކުޅެން އެކަންޏެވެ. އަދި އޭއެފްސީން ބޭނުންވި ކޮންމެ ވަގުތެއްގައި ރޭންޑަމް ސާމްޕަލް ދޭންޖެހޭއިރު، ހޮޓަލަށް އެންމެ ފުރަަތަމަ ޗެކިން ވެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހު އެވެ.












