ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްމާއިލް ސުޖާއު އިސްތިއުފާ ދެއްވައިފި އެވެ.
ސުޖާއު އަކީ މިދިޔަ ދައުރުގައި ވެސް ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ. ދެ ވަނަ ދައުރަކަށް މިދިޔަ އަހަރު ފަހުކޮޅު ޓީޓީ ރައީސަކަށް އަލީ ރަޝީދު (އައްޔަ) އިންތިހާބުވުމަށް ފަހު ވެސް ޖެނެރަލް ސެކްރެޓަރީގެ ޒިންމާ ހަވާލުކުރީ ސުޖާއުއާ އެވެ.
ޓީޓީ ހިންގުމުގައި ފާއިތުވި އަހަރުތަކުގައި އިސްކޮށް ހަރަކާތްތެރިވި ސުޖާއު އިސްތިއުފާ ދެއްވީ މި މަހު އެއް ވަނަ ދުވަހު ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ސުޖާއު މަގާމުން އިސްތިއުފާ ދޭން ނިންމީ އަމިއްލަ ކަމަކަށް ވަގުތު ދޭން ބޭނުންވާތީ އެވެ.
"އިސްތިއުފާ ދޭން ނިންމި ސަބަބަކީ އަމިއްލަ ކަމަކަށް ވަގުތު ދޭން ބޭނުންވާތީ. މީޑިއާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ޓީޓީ ހަބަރުތައް ކަވަރުކުރުމުގައި މިދިޔަ އަހަރުތަކުގައި ތި ބެހެއްޓި ގާތްކަމަށް. ކުރިއަށް އޮތްތަނުގައި ވެސް މީޑިއާ އިން އެދިއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭނަން،" ޓީޓީ އެސޯސިއޭޝަނުގެ ރަސްމީ ވައިބާ ގްރޫޕްގައި ސުޖާއު ލިޔުއްވި މެސެޖްގައިވެ އެވެ.
ފާއިތުވި އަހަރުތަކުގައި ޓީޓީން ރާއްޖެ ހޯދި ވަނަތަކުގައި ސުޖާއުގެ ހިއްސާ އެބައޮތެވެ. ޒުވާން ޓީޓީ ކުޅުންތެރިންގެ ޕްރޮގްރާމްތައް މިދިޔަ ދައުރުގައި ޓީޓީން ހިންގިއިރު، އެ މަސައްކަތުގެ އެކި އެކި ޒިންމާ އުފުލި އެވެ.
ޓީޓީ އެސޯސިއޭޝަނުން ވެސް ވަނީ އެސޯސިއޭޝަންގެ މަސައްކަތްތަކުގައި ސުޖާއު ބެހެއްޓި އިހުލާސްތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޓީޓީ އެސޯސިއޭޝަނުން ހިންގި އެކިއެކި ޕްރޮޖެކްޓްތަކުގައި އަމަލީ ގޮތުން ސުޖާއު ހަރަކާތްތެރިވިކަން އެސޯސިއޭޝަނުން ފާހަަގަކުރެ އެވެ.
"މިދިޔަ އަހަރުތަކުގައި ސުޖާއުގެ ފަރާތުން ފެނުނު މަސައްކަތްތައް މި އެސޯސިއޭޝަނުން ބަލައިގަންނަން،" ޓީޓީ އެސޯސިއޭޝަނުން ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލަ ހޫނުވެގެންދިޔައިރު، ސުޖާއު ވަނީ އެސޯސިއޭޝަންގެ ފަރާތުން ސާބިތުވެ ހުންނަވައި އިންސާފުވެރި އިންތިހާބަކާ ހަަމައަށް ޓީޓީ ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.












