ރާއްޖޭގެ ވަޒީފާ އަދާކުރެވޭ އުމުރުފުރާގެ މީހުންގެ ތެެރެއިން ވަޒީފާ ނެތް މީހުންގެ އަދަދަކީ 10،127 ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)އިން ބުނެފި އެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެންބީއެސްއިން ނެރުނު އަންދާޒާތަކުގައި ވަޒީފާ ނެތް ދިވެހިންގެ ތެރޭގައި ހިމެނެނީ 6،422 ފިރިހެނުންނާއި 3،704 އަންހެނުންނެވެ.
ރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދަކީ ފަސް ޕަސެންޓެވެ. މިއީ 2020 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުގައި ވަޒީފާ ނެތް މީހުންގެ އެވަރެޖް އަދަދުތަކާ ގާތްގަނޑަކަށް އެއްހަމަ އަދަދެކެވެ.
އެންބީއެސްއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީއަކީ 181،544 އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އުޅެނީ މާލޭގަ އެވެ.
މުޅި މަސައްކަތްތެރިންގެ އާބާދީގެ ތެރެއިން އިގުތިސޯދުގައި ހަރަކާތްތެރިވާ މީހުންގެ ނިސްބަތަކީ 60 ޕަސެންޓެވެ. ނަމަވެސް، އިގުތިސޯދީ ބައިވެރިވުމުގައި އަންހެނުންނާ ފިރިހެނުންނާ ބޮޑު ފަރަގެއް އުޅޭކަން ފާހަގަ ކުރެވެ އެވެ.
އެގޮތުން ފިރިހެނުންގެ 77 ޕަސެންޓު މީހުން އިގުތިސޯދުގައި ހަރަކާތްތެރިވި ނަމަވެސް އަންހެނުންގެ ތެރެއިން ހަރަކާތްތެރި ވަނީ އެންމެ 46 ޕަސެންޓެވެ.
މަސައްކަތްތެރިން އަންހެނުންގެ ތެރެއިން ގިނަ މީހުން އުޅެނީ ސިވިލް ސާވިސްގެ ވަޒީފާތަކާއި އަމިއްލަ މަސައްކަތް ކުރުމުގަ އެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދަކީ 73،717 އެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީއާ ބިދޭސީ މަސައްކަތްތެރިންގެ އާބާދީއާ ދާދި އެއްހަމަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުން ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދަކީ 177،185 އެވެ. އޭގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ ގާތްގަނޑަކަށް ފަސް ޕަސެންޓެވެ.
އެންބީއެސްއިން މި އަދަދުތައް ހިއްސާކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދުވަހަކު ވެސް ނާންނަހާ ދަތި ހާލަތެއް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.
ލަފާކުރެވޭ ގޮތުގައި މި އަދަދުތައް މިއަށް ވުރެން މާ މަތިވާނެ އެވެ. އިކޮނޮމިކް މިނިސްޓްރީން އަންނަނީ މިފަހުން އިންކަމް ސަޕޯޓް އެލަވަންސަށް ހުށައެޅި ފަރާތްތަކުގެ މައުލޫމާތުތައް ބަލާ ސީދާ އަދަދެއް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.











