މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން "ދޭތިން އެކައްޗަށް" ނަމުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބާއްވާ މުޒާހަރާތައް މިރޭ މާލޭގައި ފަށައިފި އެވެ.
ޕީޕީއެމްގެ މައި އޮފީސް ކައިރިން ޕާޓީގެ އިސްވެރިންނާ އެކު ސަޕޯޓަރުން ދެ ސަރަހައްދަކަށް އެއްވި އެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ޔާމީން ދޫކޮށްލުމަށެވެ.
ކޮވިޑާ ގުޅިގެން މަގުތަކަށް އެއްވުން މަނާކޮށްފައި ވަނިކޮށް ކުރިއަށް ގެންދިޔަ މި މުޒާހަރާ ހުއްޓުވަން މަސައްކަތްކޮށް ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

މުޒާހަރާ އިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ: ދެ ސަރަހައްދެއްގައި ޕީޕީއެމުން މިރޭ މުޒާހަރާކުރި. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ފުލުހުން މުޒާހަރާއަށް ހުރަސްއެޅުން ކުށްވެރިކުރައްވަމުން އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ސުވާލުތަކަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފަ އެވެ.
ވާދަވެރި ސިޔާސީ ލީޑަރު ޖަލަށް ލައި، ޕާޓީގެ އޮފީސް ބަންދުކޮށް، މަގުތަކަށް ނުކުމެ ސިޔާސީ ހަރަކާތެއް ހިންގިޔަ ނުދިނުމަކީ ޑިމޮކްރަސީތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މި މުޒާހަރާއަށް އިދިކޮޅުން ނުކުތީ ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން ތަކުރާރުކޮށް އެދިގެން ވެސް އެކަމަށް ބީރުކަންފަތެއް ސަރުކާރުން ދީގެން އުޅެނިކޮށް، ޖަލުގައި ކޮވިޑު ފެތުރުމަކީ އެމަނިކުފާނުގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެވެ. އެމަނިކުފާނުގެ ކަންކަން ބަލަހައްޓާ އޮފިސަރެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޕީޕީއެމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ޔާމީން މިނިވަންކުރަން ގޮވާލައި މީގެ ކުރިން ވެސް އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް ބޭއްވި އެވެ.

މުޒާހަރާގެ ސެކިއުރިޓީ ބަލަހައްޓަން ނުކުތް އެސްއޯ ފުލުހުން: ޕީޕީއެމްގެ އެއްވުމަށް ފުލުހުން ހުރަސްއެޅުމުން އެ ޕާޓީން ވަނީ ކަންބޮޑުވުންފާޅުކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ހުކުމް އިއްވައި ޖަލަށް ލީ ބޭއިންސާފުން ކަމަށް ބުނެ އެމަނިކުފާނު ދޫކޮށްލަން ޕީޕީއެމާއި ޕީއެންސީން ތަކުރާރުކޮށް ސަރުކާރުގައި ވަނީ އެދިފަ އެވެ. އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ގޭބަންދަށް ދޫކޮށްލަން އާއިލާ އިން ވެސް އެދިފައިވެ އެވެ. އެކަމަކު ސަރުކާރުން އެކަމާ މެދު ވަކި ގޮތެއް އަދި ނުނިންމަ އެވެ.












