އިންޑިއާ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ އެހީތެރިކަމުގެ ބޭނުންހިފައި ރާއްޖޭން ޓާގެޓް ކުރާނީ ދެކުނު އޭޝިއާ ސަރައްދުން ޖޫނިއާ ލެވަލްގައި ރިހި މެޑަލް ހޯދުމަށް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮތް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ދުޝާންތު ޗޯޓާލާ ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންފަ އެވެ. ރާއްޖޭގެ ޓީޓީ އަށް އެހީތެރިވެވޭނެ ގިނަ ގޮތްތަކެއް މި ދަތުރުގެ ތެރެއިން ބޭއްވި އެކި ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކުރެވިފަ އެވެ. ބައްދަލުވުންތަކަށް ފަހު ދުޝާންތު އެނބުރި އިންޑިއާ އަށް ވަޑައިގަތީ ބުދަ ދުވަހު އެވެ.
އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި ހުންނަަވައި "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ޓީޓީއޭއެމްގެ ރައީސް އައްޔަ ވިދާޅުވީ އެ އެސޯސިއޭޝަންގެ ތާރީހުގައި ގާތްގަނޑަކަށް މިވީ 60 އަހަރުތެރޭގައި ވެސް އިންޑިއާއާ އެކު މި ވަރުގެ ގުޅުމެއް ބަދަހިކުރެވިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގެނީ ކުރީގައި ވެސް އަޅުގަނޑުމެން މި ކަންތައް ކުރެވުނު ނަމަ ރާއްޖެ އުޅޭނީ މި ރީޖަންގައި ވެސް އިންޑިއާ ނަގާފައި ދެވަނައިގައި. އިންޑިއާ ފެޑެރޭޝަންގެ ރައީސް ވެސް ސްޓެގް ޗެއާމަން ކޯލީ ވެސް ވަރަށް ފާހަގަކުރި އަޅުގަނޑުމެންގެ ޓީމުތައް މިދިޔަ ދެ ތިން އަހަރު މި ހޯދި ކާމިޔާބީތައް. ކުޅުންތެރިންގެ ވީޑިއޯތަކާ އެއްޗެހި ވެސް ފެނިފައި ހުރީ. ޕޮޓެންޝިއަލް ހުރި ރަނގަޅު ކުދިންތަކެއް އެބަހުރި ރާއްޖޭގައި. އެ ކުޅުންތެރިން ޑިވެލޮޕްކުރެވޭނެ އިންޑިއާގެ އެހީތެރިކަން ލިބިގެން،" މިދިޔަ އަހަރު ޓީޓީގެ ރައީސްގެ މަގާމުގައި ދެ ވަަަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް އައްޔަ ވިދާޅުވި އެވެ.
"މި ޓާގެޓް ކުރަނީ އިރާދަކުރެއްވިއްޔާ ސައުތު އޭޝިއަން ޖޫނިއާގެ ވެސް ސްރީލަންކާ ބަލިކޮށްފައި ސިލްވާ މެޑަލް ލިބޭތޯ،"
އައްޔަ ވިދާޅުވީ ރާއްޖެ އަށް ޓީޓީން އެހީތެރިކަން ބޭނުންވާ އެކިއެކި ދާއިރާތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި އުއްމީދަކީ އެއްބަސްވުމެއްގެ ތެރެއިން އެ ހުރިހާ އެހީތެރިކަމެއް ލިބިގެންދިއުން ކަމަށެވެ.
"އަސްލު އަޅުގަނޑުމެން އަތުގައި ކޯޗުން މަދީ. އެހެންވެ އިންޑިއާ އިން ކޯޗުން މިކޮޅަށް ހަމަޖައްސައިދިނުމާއި ދެން ޓީޓީ ކުޅޭ ތަކެތި ހަމަޖައްސައި ދިނުމަށް. ދެން އޭގެ އިތުރުން މި ކޮޅަށް ކުޅުންތެރިންގެ އެކްސްޗޭންޖް ޕްރޮގްރާމްތަކެއް. އެއީ އިންޑިއާގެ މޮޅެތި ކުޅުންތެރިން މި ކޮޅަށް އައިސްފައި ރާއްޖޭގެ މޮޅެތި ކުޅުންތެރިން އެކޮޅަށް ގޮސްފައި ކޯޗިން ކޭމްޕާ އެއްކޮށް ކޮމްބައިންކޮށް ޕްރެކްޓިސް ވެސް ގެންދިއުން،" އައްޔަ ވިދާޅުވި އެވެ.
އައްޔަ ވިދާޅުވީ މަސައްކަތްކުރަމުން އަންނަނީ މި އަހަރު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަށާއި ކޮމަންވެލްތު ޖޫނިއާ ޓުއާ އަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރުމަށެވެ.
"މިހާރު އޮލިމްޕިކްސް އަށް އެބަހުރި އިންޑިއާގެ ތިން ހަތަރު ކުޅުންތެރިން ކޮލިފައިވެފައި. އެހެންވީމަ އިންޑިއާގެ މި ވަގުތު ޓީމުގައި ނެތް އަށް ކުޅުންތެރިން ވެސް ފޮނުވާދޭގޮތަށް އިނީ އެއްބަސްވެފައި. އެ އަށް އަޅުގަނޑުމެން މިހާރު މި ތައްޔާރުވަނީ،" އައްޔަ ވިދާޅުވި އެވެ.
"މިހާރު މިހުރި އަޅުގަނޑުމެންގެ ފެސިލިޓީސްތައް ވެސް ތަރައްގީ ކޮށްދޭނަމޭ ވިދާޅުވެފައި އޮތީ. އެހެންވީމަ އުސޫލެއްގެ ގޮތުން އަޅުގަނޑުމެން ރިކުއެސްޓްކުރި ހުރިހާ ކަމެއް ކުރިއަށްގެންދެވޭ ގޮތަށް މި އޮތީ.,"
އައްޔަ ވަނީ ޓީޓީ އަށް މި ފުރުސަތު ހޯދައިދެއްވީތީ މިނިސްޓަރު މަހުލޫފަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ގައުމީ ޓީމުގެ ސްޕޮންސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސްޓެގްގެ ފަރާތުން ލިބޭ އެހީތެރިކަމަށް ވެސް ވަނީ ވަނީ ފާހަގަކޮށްފަ އެވެ.













