އެމްއެމްޕީއާރުސީން ކަޒަކްސްތާނުގެ ގައުމީ އެއާލައިން، އެއާ އާސްތާނާއާ ގުޅިގެން އެ ގައުމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން މި ފެށީ ކަޒަކްސްތާނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް އަލުން ޓޫރިޒަމަށް ހުޅުވާލި ފަހުން ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އެ ގައުމުންނެވެ.
މި އަހަރުގެ މިހާތަނަށް އެ ގައުމުން 15،177 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ކިޔާއިރު 447 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެމްއެމްޕީއާރްސީން ބުނީ މި ކެމްޕެއިނުގެ މައިގަނޑު މަގުސަދަކީ ކަޒަކް މާކެޓަށް އައިސްފައިވާ ކުރިއެރުމުގެ ފައިދާ ނެގުން ކަމަށެވެ. މި ޕްރޮމޯޝަންގެ ތެރޭގައި ވިޔަފާރިތަކަށާއި ޓޫރިސްޓުންނަށް އަމާޒު ކޮށްގެން ހިންގާ ބައިތަކެއް ހިމެނެ އެވެ.
މި ކެމްޕެއިނުގައި އެމްއެމްޕީއާރްްސީއާ އެއާ އާސްތާނާ ގުޅިގެން ފެމިލަރައިޒޭޝަން ޓްރިޕްތަކާއި، ޓްރެވަލް އެޖެންސީތަކަށް އަމާޒު ކޮށްގެން ބާއްވާ ވެބިނާއެއްގެ އިތުރުން އިޝްތިހާރު ކުރުމުގެ ގޮތުން ޑިޖިޓަލް ކެމްޕެއިންތަކާއި، އައުޓްޑޯ ކެމްޕެއިންތަކާއި ރޭޑިއޯގެ ޒަރިއްޔާއިން ފޮނުވާ އިޝްތިހާރުތައް ހިމެނެ އެވެ.
މީގެ ތެރެއިން ފެމިލަރައިޒޭޝަން ޓްރިޕްތަކުގައި ދައުވަތު ދެވިގެން އަންނަ ޓްރެވަލް އެޖެންޓުންތައް ވަނީ ރާއްޖެ އައިސްފަ އެވެ. އެ މީހުން ތިބީ ކަނުހުރާ މޯލްޑިވްސް އަދި ސިކްސް ސެންސަސް ލާމުގަ އެވެ.

އެއާ އާސްތާނާގެ ފުރަތަމަ ފްލައިޓް ރާއްޖެ އައީ 5 ޑިސެމްބަރު، 2020 ގައި
ކަޒަކްސްތާނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވި މައިގަނޑު ސަބަބަކީ އެއާ އާސްތާނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމެވެ. އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މި އެއާލައިނުގެ ދަތުރުތައް ފެށުމުގެ ގޮތުން އެމްއެމްޕީއާރްސީއާ ގުޅިގެން ކަޒަކްސްތާނުގެ 150 ޓްރެވަލް އެޖެންޓުން ބައިވެރިވި ވެބިނާއެއް ވެސް ކުރިއަށް ދިޔަ އެވެ.










