ޔާމީން ރަޝީދުގެ ދައްތަގެ ސުވާލު: އިންސާފުގެ މަގުގައި ހަތަރު އަހަރު، ހާސިލްވީ ކޮން ކަމެއް؟

Apr 23, 2021, 5:59 AM
ލިޔުންތެރިޔާ ޔާމީން ރަޝީދު ކޮންފަރެންސެއްގައި ވާހަކަދައްކަނީ. --ފޮޓޯ: ވީއާ ޔާމީން.ކޮމް

ލިޔުންތެރިޔާ ޔާމީން ރަޝީދު ކޮންފަރެންސެއްގައި ވާހަކަދައްކަނީ. --ފޮޓޯ: ވީއާ ޔާމީން.ކޮމް

އެޑިޓަރުގެ ނޯޓް: މިއީ ލިޔުންތެރިޔާ ޔާމީން ރަޝީދު، މަރާލިތާ ހަތަރު އަހަރު މިއަދަށް ފުރުނުއިރު، އެ މައްސަލައިގައި އިންސާފު ލިބިފައިނުވާތީ އެކަމުގެ މައްޗަށް އޭނާގެ ދައްތަ އާއިޝަތު ރަޝީދު، "އަދަދު" އަށް ލިޔުނު މަޒްމޫނެކެވެ. މި ލިޔުން މި ޝާއިއުކުރަނީ "އަދަދު" ގެ ސްޓައިލް ގައިޑަށް ފެއްތުމަށް ފަހު، އިތުރު އެއްވެސް އުނި އިތުރެއް ނުގެނެސް އެވެ.

.......................

ޔާމީން ރަޝީދަށް އިންސާފު ހޯދަން އުޅޭތާ މިއަދަށް ހަތަރު އަހަރު ހަމަވީ އެވެ. ހާސިލުކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

އަހަރެންގެ ކޮއްކޮ، ޒުވާން ލިޔުންތެރިޔާ ޔާމީން ރަޝީދު، މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ އާދީއްތަ ދުވަހުގެ މެންދަމުން އަލިވުމުގެ ކުރީގެ ވަގުތެއްގަ އެވެ. ޔާމީންއަކީ ތަފާތު މައުލޫތަކުގެ މައްޗަށް އޭނާގެ ބްލޮގް "ދަ ޑެއިލީ ޕެނިކް" އާއި "ސްލިކާ ދޭން ޔުއާ އެވަރެޖް" ގައި މަޒުމޫނުތައް ޝާއިއުކުރަމުންދިޔަ މީހެކެވެ. މީގެ އިތުރުން ޔާމިންއަކީ ޓްވިޓާގައި ވެސް އޭނާ ފާޅުކުރަމުންދިޔަ ހިޔާލުތަކަށް އެކި އުމުރުފުރައިގެ މީހުންގެ މަގުބޫލުކަން ހޯދާފައިވާ މީހެކެވެ. އޭނާގެ ލިޔުންތަކުގައި ސިޔާސީ ކަންތައްތަކާއި، އިޖުތިމާއީ ކަންތައްތައް އަދި ދީނީގޮތުން ހަރުކަށި ފިކުރާބެހޭގޮތުން ހިޔާލުފާޅުކޮށްފައިވެ އެވެ. ލިޔުންތަކުގައި ފާހަގަކުރެވޭ އެއްކަމަކީ އޭނާ ބޭނުންކުރަމުންދިޔަ ސަމާސާ މިޒާޖެވެ. ދިވެހިންނަކީ ނުސީދާ ބަހުރުވައިން ވާހަކަ ދެއްކުން އާއްމު ބަޔަކަށްވުމަކީ ޔާމީންގެ ސަމާސާ މިޒާޖު މަގުބޫލުވާ އެއްކަމެއް ކަމުގައި ވެދާނެ އެވެ.

ޔާމީންގެ ލިޔުންތަކާއި ގުޅިގެން ދީނީ ހަރުކަށި ފިކުރުގެ މީހުން އޭނާއަށް ނުހަނު ބޮޑަށް ނަފުރަތުކުރި އެވެ. އަދި ދީނާ ހިލާފު މީހެއްގެ ގޮތުގައި ލޭބަލްކޮށް، އަހަރަކަށްވުރެ ގިނަދުވަސްތަކެއް ވަންދެން ޔާމީންއަށް ބަޔަކު މަރުގެ އިންޒާރުތައް ފޮނުވަމުންދިޔަ އެވެ. ޓްވިޓާގައި އެންމެންނަށް ފެންނަގޮތަށާއި ވަކިވަކި މެސެޖުން، ފޭސްބުކް މެދުވެރިކޮށެވެ. އެއީ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. ހުރިހާ އިންޒާރުތަކެއް ދެ ތިން ފަހަރު މަތިން ޔާމީން ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެހެންނަމަވެސް ފުލުހުންގެ އެއްވެސް ސަމާލުކަމެއް ޔާމީންގެ ރައްކާތެރިކަމަށް ނުލިބި، އެންމެ ފަހުން ބަޔަކު އޭނާއަށް ފާރަލައިގެން ގޮސް ކޮށާކުދިކޮށް، އޭނާގެ ބަސްތައް ހުއްޓުވާލީ އެވެ.

ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު އޮތްއިރުގައި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކޮށް، އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދާ ފިޔަވަޅު އެޅުމަށް ގިނަ ހުރަސްތަކެއް އަޅާފައިވެ އެވެ. އެންމެ ބޮޑު ގެއްލުމަކަށް ވަނީ، ޔާމީން މަރާލުމަށް އަންގާ، އެކަމަށް ފައިސާ ހަރަދުކުރި ބަޔަކު ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރުމެވެ. އެހެން ނަމަވެސް އޭރުގައި ކުރެވިފައިހުރީ ކޮންކަމެއްތޯ ވެސް ވިސްނާލުން މުހިއްމެވެ. ސަބަބަކީ އެނޫންކަމެއް މިހާތަނަށްވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހާސިލުކުރެވިފައި ނުވާކަމެވެ.

ޔާމީން ރަޝީދު މަރާލުމާއި ގުޅިގެން ކުޑަދުވަސްކޮޅެއްގެތެރޭގައި ފުލުހުން ބަޔަކު ހައްޔަރުކުރި އެވެ. އަދި އެމީހުންގެ ތަހުގީގެއް ހިންގައި، ހަ މީހެއްގެ މައްޗަށް ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވެއެވެ. ދައުވާ އުފުލިއިރުގައި ޕްރޮސިކިއުޓަރޖެނެރަލަކީ އަލްއުސްތާޒާ އާއިޝަތު ބިޝާމް އެވެ. އެއަށް ފަހުގައި، އަދި އޭގެ އިތުރުން ކުރެވުނު މަސައްކަތާއި، ކަންތައް ގޮސްފައިވާ ހިސާބަށް ބަލައިލަމާ ހެއްޔެވެ.

ހަތަރު އަހަރުވީއިރު ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތް އަދިވެސް ނުނިމެ އެވެ. މިދިޔަ 2020 ވަނަ އަހަރުގައި ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ވެސް ނުވެ އެވެ. ޝަރީއަތް ދިގު ދެންމުމަށްޓަކައި އެކިފަހަރުމަތިން ދިފާއީ ވަކީލުން މަސައްކަތްކުރިކަން ކޯޓުން ފާހަގަކުރިކަމުގައި ވީ ނަމަވެސް އެމީހުންނާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ބައެއް ފަހަރު ދިފާއީ ވަކީލުން ކޯޓަށް ހާޒިރު ނުވަނީ އެވެ. އަނެއްބައި ފަހަރު އެންމެ ފަހުވަގުތުގައި އެމީހުން ބަލިވަނީ އެވެ. ނުވަތަ ގަޑި ޖެހެނީއެވެ. އެއްބައި ފަހަރު ކަރެކްޝަންސްއިން ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުނުކުރާ ފަހަރުވެސް ދިމާވި އެވެ. އެންމެ ފަހަތުން ދެވަނައަށް ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ މީހުންނަށް އަނިޔާކުރި ކަމަށާއި ހައްޔަރުކުރިއިރުގައި އެމީހުން ވަކިން ބަންދުކުރިކަމަށް ބުނެ ދިފާއީ ވަކީލުގެ ޝަކުވާތަކެއް އެއްގަޑިއިރަށްވުރެ ގިނައިރުވަންދެން ޝަރީއަތުގެ މަޖިލިހުގައި ދެކެވުނެވެ. އެކަން ހުއްޓުވާ، ޝަރީއަތުގައި އޮތް ދައުވާއާއި ގުޅޭ ވާހަކައަށް ރުޖޫއަވުމަށް ކޯޓުން ވެސް، ދައުލަތުގެ ވަކީލުން ވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ދިފާއީ ވަކީލުންގެ ތެރެއިން އަލްއުސްތާޒު މައުމޫން ހަމީދުއަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް ވީމާ ބާއޭ ވެސް ހިތައް އަރަ އެވެ.

ވަގަށް ނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލައިގައި ބޭއްވި ހިނގާލުމެއްގައި ޔާމީން (ވ) ރިލްވާންގެ މަންމައާ އެކު. --ފޮޓޯ: ވީއާޔާމީން.ކޮމް
ވަގަށް ނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލައިގައި ބޭއްވި ހިނގާލުމެއްގައި ޔާމީން (ވ) ރިލްވާންގެ މަންމައާ އެކު. --ފޮޓޯ: ވީއާޔާމީން.ކޮމް

ވަގަށް ނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލައިގައި ބޭއްވި ހިނގާލުމެއްގައި ޔާމީން (ވ) ރިލްވާންގެ މަންމައާ އެކު. --ފޮޓޯ: ވީއާޔާމީން.ކޮމް

އަނިޔާގެ މައްސަލަ ބަލަން ނުޖެހޭ ވާހަކައެއް ނޫނެވެ. ބަލަންޖެހޭނެއެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށް ވަކި އިޖުރާއަތެއް އޮންނަކަން ފުންނާބު އުސް ވަކީލުންނަށް އޮޅިފައިނުވާނޭކަން އަހަރެންނަށް ޔަގީނެވެ. އަނިޔާގެ މައްސަލައިގައި އެއަށްފަހު ވަކި އަޑުއެހުމެއްވެސް ބޭއްވި އެވެ. ޔާމީން ރަޝީދުގެ އާއިލާ އަދިވެސް މިތިބީ ޝަރީއަތް ނިމުމުގެ އިންތިޒާރު ކޮށްކޮށެވެ.

މީގެ އިތުރުން ކުރެވުނީ ކޮންކަންތައްތަކެއް ހެއްޔެވެ. ޔާމީންގެ މަރުގެ މައްސަލައިގައި، އޭނާއަށް ބަޔަކު ފޮނުވި މަރުގެ އިންޒާރުތަކަށް ސަމާލުކަން ދީފައިނުވުމުން ޔާމީން ރައްކާތެރިކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް 3 މެއި 2017 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާނެ އެވެ. އެއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ނެތްކަމަށް ނިންމަވާ، ފަނޑިޔާރު އަބްދުލްނާސިރު ޝަފީޤް މައްސަލަ ބާތިލުކުރެއްވި އެވެ. އެއަށްފަހުގައި 2 އޮކްޓޫބަރު 2017 ގައި އާއިލާއިން ހައިކޯޓަށް ހުށައެޅީމެވެ.

އެމައްސަލައިގެ އަޑުއެހުމެއް ބޭއްވި ދުވަހެއް ހަނދާންހުރި މީހަކުވެސް މިހާރަކު ނެތެވެ. މައްސަލައިގައި އާއިލާގެ ފަރާތުން ވަކާލާތުކޮށްދެއްވި ގާނޫނީ ވަކީލުން މިހާރު ތިއްބެވީ ސުޕްރީމް ކޯޓާއި، ޖުޑިޝަލް ސަރިވިސް ކޮމިޝަނާއި ސަރުކާރުގެ ޓްރައިބުނަލްތައް ފަދަ މުއައްސަސާތަކުގަ އެވެ. އާއިލާއަށް އެހީތެރިވެދިން ޖަމްއިއްޔާ އޮތީ ޤާނޫނާ ޚިލާފަށް އުވާލާފަ އެވެ. ދެންތިބި މީހުން ތިބީ ސަރުކާރާއި ދައުލަތުގެ އެހެނިހެން މަޤާމުތަކުގައި 'އަނގަ ބަންދުވެފަ' އެވެ.

ދެން އޮތީ އެންމެ ބޮޑު މަސައްކަތުގެ ވާހަކަ އެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރި ކެމްޕޭނުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު "ވިއްކި" އެއް ވައުދަކީ ޔާމީން ރަޝީދުއާއި އޭނާގެ އަޚް، ރިލްވާން އަބްދުﷲ އަށް އިންސާފު ހޯދައިދިނުމެވެ. ސިޔާސީ ވެރިންނަށް ބޮޑެތި ޖަލްސާތަކުގައި ކަރުނަ އޮހޮރާލުމަކީ ވަރަށް ފަސޭހަކަމެއްކަން ފެނިއްޖެ އެވެ. އާ ސަރުކާރު އުފެދުމާއިއެކުގައިހެން 2018 ވަނަ އަހަރުގައި ރިޔާސީ ގަރާރަކުން 'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހްގީގުކުރާ ކޮމިޝަން' އުފެއްދި އެވެ. އެ ކޮމިޝަނުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ކޮމިޝަންގެ ރައީސް އަލްއުސްތާޒު ހުސްނުއްސުޢޫދު ވިދާޅުވީ ދެ އަހަރު ދުވަހުގެތެރޭގައި މައްސަލަތައް ތަހުގީގުކޮށް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު ފެށުނު އިރުގައި ކޮމިޝަންގެ ރައީސް ވެސް ގެއްލިއްޖެ އެވެ. އަދި ކޮމިޝަނަށް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކުރާކަށް ނުވެސް ފެށެ އެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގައި އެމައްސަލައާއި ގުޅުންހުރި ޝަރީއަތެއް ހިނގަމުންދާތީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދަތިވާތީކަމަށްވެ އެވެ. މިއޮތީ މައްސަލަ އައިސް ވަށާ ޖެހިފައެވެ. ކްރިމިނަލް ކޯޓުން ބުނީ މައްސަލަ ލަސްވީ އެއް ސަބަބަކީ ދިފާއީ ވަކީލުން އެމައްސަލައާއި ގުޅުންހުރި އެހެން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާތީ، އެމައްސަލަ ނުނިމިގެން ކަމަށެވެ.

ރިޔާސީ ކޮމިޝަން އުފެދުނު ފަހުން ތިން އަހަރުވަނީ އެވެ. އެއްވެސް ކަމެއް ނުކުރެވެ އެވެ. ކުރިއެރުންތަކެއް ލިބޭ ވާހަކަ ބުނި ނަމަވެސް ކުރިއަރާތަން ނުފެންނާތީ މިހެން ބުނެވެނީ އެވެ. ތަހުގީގަށް އެހީތެރިވުމަށް ބޭރުގެ މާހިރަކު ގެނެސްދިނުމަށް އެދުމުން ބޭރުގެ އެހީގައި އެކަން ކުރެވިއްޖެ އެވެ. އޭނާގެ މަސައްކަތް ފެށި ފަހުން މިހާރު ބައި އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަލިމަގެއް ފެނުނު ކަމެއް އަހަރެންނަކަށް އަދި އެނގޭކަށް ނެތެވެ.

ކޮންމެއަކަސް ދުވަސްތަކަކަށް ފަހު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަހަރުގެ ފެބްރުވަރީ މަހުގައި އަނެއްކާވެސް އަޑުއެހުމެއް ބާއްވައިފި އެވެ. އޭގެ ފަހުން ހަބަރެއް ނުވެ ލަސްވާތީ ޔާމީންގެ އާއިލާއިން ވަނީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 142 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލަސްނުކޮށް ޝަރީއަތް ހިންގާ ނިންމުމަށް އެދި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ސިޓީއެއް ފޮނުވާފައެވެ. މަސް ދުވަސް ވީއިރުގައި އެސިޓީގެ ޖަވާބެއް ނުލިބެ އެވެ.

ލިޔުންތެރިޔާ ޔާމީން ރަޝީދު. --ފޮޓޯ: ވީއާޔާމީން.ކޮމް
ލިޔުންތެރިޔާ ޔާމީން ރަޝީދު. --ފޮޓޯ: ވީއާޔާމީން.ކޮމް

ލިޔުންތެރިޔާ ޔާމީން ރަޝީދު. --ފޮޓޯ: ވީއާޔާމީން.ކޮމް

މިއަހަރުގެ ފެބްރުވަރީ ގައި އަހަރެން ވާނީ މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒު ހުސައިން ޝަމީމަށް ސިޓީއެއް ފޮނުވާ، މިމައްސަލައިގައި ކޯޓުގައި ވަކާލާތުކޮށްދެއްވުމަށް ވަޑައިގެންދެއްވުމަށް އެދިފަ އެވެ. އެގޮތަށް އެމަނިކުފާނު ގާތުން އެދުނު ސަބަބަކީ، ބައެއް ބޮޑެތި މައްސަލަތަކުގައި އެމަނިކުފާނު ކޯޓަށް ވަޑައިގަންނަވާނޭކަމުގައި އިއުލާނުކުރެއްވުމާއި ގުޅިގެންނެވެ. ގަސްތުގައި މީހަކު މަރާލުމަށްވުރެ ފަހެ ބޮޑު އެހެން ކުށެއް ބަޔަކަށް ކުރެވިދާނެ ހެއްޔެވެ؟ ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށިގެން މި ހިނގާ ތިން އަހަރުދުވަހުގައި އަޑުއެހުންތަކަށް އަހަރެން ވަދެ، ބަލާ އަޑުއަހަމުން ގެންގޮސްފީމެވެ. ދައުލަތުން ފޮނުވާ ވަކީލުން ބައެއްފަހަރު ކޯޓަށް ގެންދަންޖެހޭ ލިޔެކިއުން ހަނދާން ނައްތާލާފައި އެބަހުއްޓެވެ. އަނެއްބައިފަހަރު ޝަރީއަތުގެ މަޖިލިހުގައި ވަކާލާތުކުރަމުންދަނިކޮށް މައްސަލައިގެ މުހިއްމު ތާރީހުތައް ހަނދާން ނެތިގެން އުޅޭތަން ފެނުނެވެ. ވާހަކަ ދައްކަމުންދާއިރުގައި އާގަނެގަނެފައި، އެއްވެސް ޔަގީންކަމެއްނެތް ރާގަކަށް ވާހަކަދައްކާތަން ވެސް ފެނެ އެވެ.

އެންމެފަހުން ދިމާވީ ކަމަކީ، ޔާމީންއަށް ހަމަލާދިން މަންޒަރުތަކެއް ދައްކުވައިދޭ ސީސީޓީވީ ރެކޯޑިންގެއް ކޯޓަށް ހުށައެޅުމުން، ހެކި ހުށައެޅުމުގެ މަރުހަލާ ފާއިތުވެއްޖެކަމަށް ދިފާއީ ވަކީލުން ބުނި ދުވަހު ދިމާވީ ކަމެކެވެ. ދައުލަތުން ބުނީ އެ ވީޑިއޯ ފުޓޭޖް ދައްކާނޭ ވަކި ދުވަހެއް ކޯޓުގައި ކުރިން ދަންނަވާ، އެގޮތަށް ކޯޓުން ހުއްދަ ދީފައިވާ ކަމަށެވެ. މައްސަލައިގެ މިހާ ހިސާބަށް އައި އިރުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ދެ ފަހަރެއްގެ މަތިން ބަދަލުވެފަ އެވެ. ދައުލަތުން ބުނިގޮތަށް ކޯޓުން ދީފައިވާ ހުއްދައާއި ގުޅޭ ލިޔެކިއުން ހޯދަން ބެލިއިރުގައި ދައުލަތުގެ ވަކީލުންގެ އަތުގައި އެފަދަ އެއްޗެއް އޮތްކަމަކަށް ނުވި އެވެ. އެ ކަރުދާސް ހޯދުނީ ކޯޓުގެ ފައިލްތައް ބެލުމަށް ޝަރީއަތް މެދުކަނޑާލައިގެންނެވެ. މިފެންވަރަށް ދައުލަތުގެ ފަރާތުން ފަރުވާކުޑަކަން ދެއްކުމަކީ މީހެއްގެ މަރުގެ މައްސަލައިގައި އިންސާފު ހޯދަން އެދޭ އޭނާގެ އާއިލާއަށް ބަލައިގަންނަން ފަސޭހަ ކަމެއް ނޫނެވެ. މިއީ ޒާތީ ކަމެއްވެސް ނޫނެވެ. ދައުލަތުން ކޮށްދޭންވީ އެންމެ ކުޑަ މިންވަރަކީ އިހުލާސްތެރިކަމާއިއެކުގައި ދައުލަތުގެ ވާޖިބު އަދާކޮށްދިނުމެވެ. އަހަރެންނަށް އަހަރެންގެ ކޮއްކޮ އަލަކުން ނުލިބޭނެކަން އެނގެ އެވެ.

ފެބްރުވަރީގައި ފޮނުވި ސިޓީއަށް ޕްރޮސިކިއުޓަރޖެނެރަލްގެ ޖަވާބެއް އަދި ނުލިބެއެވެ (މިދެންނެވީ 20 އޭޕްރީލްގެ ނިޔަލަށް ބެލިއިރު އަދި ޖަވާބެއް ނުލިބޭ ވާހަކަ އެވެ).

ޔާމީން ރަޝީދު މަރާލީ އިންތިހާއަށް ބޭއިންސާފުންނެވެ. އޭނާއަށް އިންސާފު ހޯދައިދިނުމަކީ އަހަރެންނަށް މިއަދު އެންމެ މުހިއްމު ކަންތަކެވެ. އެއީ އަހަރެންގެ ލޯބިވާ ކޮއްކޮ އެވެ. ޔާމީން ރަޝީދަކީ ބަޔަކު ވެރިކަމަށް އައުމަށް ނުވަތަ ވޯޓު ހޯދުމަށް ދަޅަ ދައްކަން އޮތް އެއްޗެއް ނޫނެވެ. މާތްﷲ ގެ އިރާދަފުޅުން އާހިރަތުގައި ޔަގީނުންވެސް އިންސާފު ލިބޭނެ އެވެ. މި ދިވެހި ދައުލަތަކުން އިންސާފު ހޯދައިދެވޭނެކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

49% ކުދިން ބިޒްނަސް ކިޔަވުން ގޯސް، ރަނގަޅީ %20: ހަސަން ހަމީދު

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކާ އަޅާބަލާއިރު މި އަދަދު ރާއްޖޭގައި މަތިވުމަކީ ހާސްވާންޖެހޭ ކަމެއް ކަމަށާއި، މީގެ ސަބަބުން ފަންނީ ދާއިރާތަކަށް ބޭނުންވާ ދިވެހިން އުފެއްދުމަށް ހުރަސްއެޅޭނެއެވެ.

މާރުކުރުމާއި ޓެކްސް ބަދަލު މަޑުޖައްސާލަދީ: ޑެސްޓިނޭޝަން ފިއުޗާ

ސަރުކާރުން ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި ޓެކްސްއަށް ގެންނަން ނިންމާފައިވާ ބަދަލުތައް މަޑުޖައްސާލުމަށް ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލީ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވަމުންދާ ދަނޑިވަޅެއްގައި މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުމާއެކީ.

ތެލާއި ކާޑު ގަންނާނެ ފައިސާ މާދަމާ ސަރުކާރަކު ނުހުންނާނެ: ނަޝީދު

މިއީ ބަޖެޓު ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލަށް ދައްކަންޖެހޭ އެންމެ ފަހު ފައިސާކޮޅު ކަމަށްވާއިރު، މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރަށް ތިރިވެފަ.

ނަމްޒާ ޕީއެންސީގެ ސެނެޓަަށް، ޕީއެސްއެމްގެ ބޯޑުގައި ނުހުރެވޭނެ

ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ޕީއެންސީގެ ސެނެޓަށް އިންތިޚާބުވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުހުރުމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނާ ޝަރުތު އޭނާގެ ކިބައިން ވަނީ އުނިވެފަ. މިކަމާ ގުޅިގެން ޕީސީބީ އާއި ނަމްޒާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވޭ.

ލޮލުގެ ފެނުން ގެއްލިދާނެ ކެރަޓޯކޯނަސްގެ ނުރައްކާ

ކެރަޓޯކޯނަސް ބައްޔަކީ ލޮލުގެ ކޯނިއާގެ ބައްޓަން ބަދަލުވެ، ފަރުވާ ނުހޯދައިފިނަމަ ލޮލުގެ ފެނުން މުޅިން ގެއްލިދާނެ ނުރައްކާތެރި ބައްޔެއް. މި ބަލި އިތުރަށް ގޯސްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ގަދައަށް ލޯ އުނގުޅުން ކަމަށްވާއިރު، ބަލީގެ ކުރީކޮޅު ދެނެގަނެ ފަރުވާ ފެށުމަކީ ފެނުން ސަލާމަތްކުރުމަށް އެންމެ މުހިންމު ކަންތައް.

މާލެ އަދި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ 90 ޕަސެންޓު ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށްވެ އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއްގައި ވެސް ކަރަންޓު ނެތް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ.

ޓުއާ އޮޕަރޭޓަރުން ގުޅައި ކަންބޮޑުވުންތައް އެބަ ހިއްސާކުރޭ: ނަޝީދު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވުމުން، ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރިކަން ކުރީގެ ރައީސް ނަޝީދު ހާމަކުރެއްވި. މި ނިންމުމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ފައިދާ ކުޑަވެ، ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox