ސަރުކާރުން ވިއްކި ސުކޫކުން ލިބުނު ފައިސާ އިން އަންނަ އަހަރު ދަންކަންޖެހޭ ދަރަނީގެ ބޮޑު ބައި ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހާމަކުރައްވައިފި އެވެ.
ކްރެޑިޓް ސޫއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެން ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކެއް ލިސްޓު ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ ސުކޫކުން ލިބޭ ފައިސާ ބޭނުންކުރާނީ، ކުރީގެ ސަރުކާރުގައި ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާވާތީ، އެ ބޮންޑަށް ފައިސާ ދައްކަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެއީ ދައުލަތުގެ މާލިއްޔަތުގެ ލިކުއިޑިޓީއަށް އަސަރުކުރާ ފަދަ ބޮޑު އަދަދެއް އަންނަ އަހަރު އެއް ފަހަރާ ދައްކަންޖެހޭތީ، ސުކޫކު މެދުވެރިކޮށް އެ ލޮޅުން ކުޑަ ކުރުމަށް ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ އާ ހަމައަށް އޯވާޑްރޯ ކުރުމުގެ ހުއްދަ އަންނަ އަހަރަށް އިތުރުކުރުމަށް ސަރުކާރުން އެދިފައިވާ އެދުން ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ ވަގުތީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ އަންނަ އަހަރު މެޗުއާވާ 250 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑުގެ ތެރެއިން، ސުކޫކު ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން މިހާތަނަށް 191 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.

"އެގްޒިސްޓިން ބޮންޑް ހޯލްޑާސްއަށް އޮޕްޝަނެއް ދިނީ ޓެންޑާ ކުރަން އެބޭފުޅުން މިހާރު ހޯލްޑްކުރާ އަދަދު. އޭގެއިން އަޅުގަނޑުމެން މިހާރު 191 މިލިއަން ޑޮލާސް ކާމިޔާބުކަމާއެކު މިހާރު ދައްކައިފިން،" އަމީރު ވިދާޅުވި އެވެ.

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް
ބޮންޑުގެ ބޮޑުބައެއް މިހާރު ދެއްކުމުން، އަންނަ އަހަރު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 58 މިލިއަން ޑޮލަރު ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ވެސް ހެޔޮ އަސަރެއް ކުރާނެ ކަމަށާއި، ކުރިއަށް ތަނުގައި ބޭރުގެ ކެޕިޓަލް މާކެޓުތަކުން ފައިސާ ހޯދަން ވެސް ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން 2017 ވަނަ އަހަރު، ހަތް ޕަސަންޓުގެ އިންޓަރެސްޓު ރޭޓެއްގައި 200 މިލިއަން ޑޮލަރުގެ ސަވަރިން ނުވަތަ ޔޫރޯ ބޮންޑެއް ދޫކުރީ ފަސް އަހަރުން އަނބުރާ ދައްކަންޖެހޭ ގޮތަށެވެ.
ކޮވިޑުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރުމާ ގުޅިގެން، އަންނަ އަހަރު އަނބުރާ ދައްކަންޖެހިފައި އޮތް ބޮންޑު އަނބުރާ ދައްކަން 200 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކާފައިވަނީ، ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް ގާތްގަނޑަކަށް 9.8 އިންޓަރެސްޓް ރޭޓެއްގަ އެވެ.
އޭގެ އިތުރުން ވެސް، މި އަހަރަށް ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އައިސީޑީ މެދުވެރިކޮށް ވިއްކަން ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވެ އެވެ.
އެ އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭތީ، އެކަމަށް މިވަގުތު ހެލްތު މިނިސްޓްރީގެ ދަށުގައިވާ ދަރުމަވަންތަ ހޮސްޕިޓަލު ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވެ އެވެ.
އެއާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކޮށްގެން ދަރަނި ނަގާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ ކުރަމުންނެވެ.
އެ ވާހަކަތައް ދޮގުކޮށް ސަރުކާރުން ދާދި ފަހުން ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލު އެއްވެސް ހާލެއްގައި ރަހުނު ކުރެވެނީ ނޫން ކަމަށާއި، ސުކޫކަށް ފައިސާ ދައްކަން ބޭނުންކުރާނީ އެތަނުން ލިބޭ ފައިދާ ކަމަށެވެ.
އަދި އެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ވެސް، އެ ހޮސްޕިޓަލުގެ މިލްކުވެރިކަން ބޭރުގެ ފަރާތެއްގެ އަތް މައްޗަށް ނުދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 86.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ 148 ޕަސަންޓެވެ.












