ދެ ރައީސުންގެ ބަރުލަމާނީ "ކޯޅުން" އިދިކޮޅަށް މުހިއްމެއް ނޫން!

އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަންގެ ބައެއް ބޭފުޅުން: ވެރިކަމުގެ ނިޒާމުގެ ވާހަކައަށް ވުރެން ބޮޑެތި މައްސަލަތައް އެބަހުރި ކަަމަށް އިދިކޮޅުން ބުނޭ. -- ފޮޓޯ / މޯލްޑިވްސްއިންޑިޕެންޑެންޓް

އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަންގެ ބައެއް ބޭފުޅުން: ވެރިކަމުގެ ނިޒާމުގެ ވާހަކައަށް ވުރެން ބޮޑެތި މައްސަލަތައް އެބަހުރި ކަަމަށް އިދިކޮޅުން ބުނޭ. -- ފޮޓޯ / މޯލްޑިވްސްއިންޑިޕެންޑެންޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގެވުމުގެ ފުރުސަތަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖާ އެކު ފެށިފައި އޮތް ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ ވާހަކަ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް މިވަގުތު މުހިއްމެއް ނޫން ކަމަށް ވަގުތީ ލީޑަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ރައީސް އަބްދުރަހީމް "އަދަދު"އަށް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގެ މަސައްކަތް ނަޝީދު ފައްޓަވަން ބޭނުންފުޅުވެ، ވެރިކަމުގެ ފަސް އަހަރުގެ ދައުރެއްގައި ހުންނެވި ރައީސް ސޯލިހަށް އުނދަގޫތަކެއްވެ ދެ ބޭފުޅުންގެ "ކޯޅުމެއް"ގެ ގޮތުގައި ރައްޔިތުންނަށް މަންޒަރު ސިފަކުރަމުންދާ ކަމަށެވެ. އެކަމަކު އެ މިންވަރާ ގާތަކަށް ވެސް ހިޔާލުތަފާތުވުމެއް ދެ ބޭފުޅުންގެ ދެމެދުގައި އޮތް ކަމަކަށް އަބްދުއްރަހީމް ގަބޫލެއް ނުކުރައްވަ އެވެ.

މިއުޅެނީ ފެއިލްވެއްޖެ ކަން ހާމަވިޔަ ނުދޭން. ސަމާލުކަން އަނބުރާލަން ދައްކާ ވާހަަކައެއް ބޮޑުވަޒީރުގެ ވާހަކައަކީ، -- އަދުރޭ

އޭނާ ވިދާޅުވި ގޮތުގައި ކުއްލިއަކަށް "ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަން ބޭނުން" ކަމުގެ މެސެޖް، ރައީސަށް، ނަޝީދު ފޮނުއްވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީގެ އަޑު ކަނޑުވާލުމަށެވެ.

"އަޅުގަނޑުމެންނަށް ދެ ރައީސުންގެ ބަރުލަމާނީ ވާހަކަ މުހިއްމު ނުވަނީ އެހެންވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ދެން ވިދާޅުވީ ރާއްޖޭގައި އޮންނާނީ ކޮން ނިޒާމެއްތޯ ކަނޑައެޅުމަކީ އިދިކޮޅަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، ދެ ރައީސުން ބޭނުންވެއްޖެ ނަމަ ވެސް ނިންމެން އޮތް ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު 2007ގައި ރައްޔިތުން އޮތީ ނިންމައިފަ އެވެ. މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތަސް ގާނޫނުއަސާސީ އިސްލާހުކޮށްގެން އެ ނިންމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ހަމަ ބޭނުންފުޅުވާ ގޮތަކަށް ބަދަލެއް ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

"އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން،" އަދުރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް "އަދަދު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު

ބަރުލަމާނީ ބަހުސްގެ ތެރެއަށް ވަނުމަށް ވުރެން ޕީޕީއެމާއި ޕީއެންސީން ކަންބޮޑުވާ، މުހިއްމު ގައުމީ މައްސަލަތައް ހުރި ކަމަށް ވިދާޅުވެ ބޮޑު ލިސްޓެއް އަދުރޭ ވިދާޅުވި އެވެ.

އޭގެތެރޭގައި، ރާއްޖޭގެ މިނިވަންކަން ގެއްލޭ އެއްބަސްވުންތަކުގައި ސޮއިކުރުމާއި އެ އެއްބަސްވުންތައް އާއްމު ނުކުރުމާއި ރާއްޖޭގައި އެހެން ގައުމުތަކުގެ ސިފައިން ތިބިތޯ ނޫންތޯ ސާފުކޮށް ނުދިނުމާއި ފައިސާ ޗާޕްކުރުމާއި އިގްތިސާދު ވަޅުގަނޑަކަށް ވެއްޓުމާއި އިންސާފު ނުލިބުމާއި ރައްޔިތުންގެ ހައްގުތައް ގެއްލި ދަތި ދިރިއުޅުމެއް ރައްޔިތުން ހޭދަކުރަން ޖެހިފައިވުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ. ނިޒާމް ބަދަލުކުރުމުގެ ވާހަކައަކަށް ވުރެން އެ ޕާޓީއަށް ސީރިއަސް ކަންކަމަކީ އެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި މާފުށީ ޖަލުގައި، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް އަނިޔާދެމުން އަންނަނީ ނުހައްގުންނެވެ. އެ ޕާޓީން ވަކާލާތުކުރަން ޖެހިފައި ވަނީ އެފަދަ ނާއިންސާފާއި އަނިޔާއާ ދެކޮޅަށް ކަމަށާއި ޕާޓީގެ އަމާޒަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

"މައްސަލައަކީ ވެރިކަން ހިންގަން ނޭނގުން"

އިދިކޮޅު ދެ ޕާޓީ އަށް ބަރުލަމާނީ ނިޒާމުގެ ވާހަކަ މުހިއްމު ނުވުމުން ރަސްމީކޮށް ޕާޓީގެ ތެރޭގައި މަޝްވަރާއެއް ނުކުރެ އެވެ. އެކަމަކު މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަން މެމްބަރުން ވަނީ އެ ކަމުގައި އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފަ އެވެ.

ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަނީ ވެރިކަން ކުރަން އެމްޑީޕީއަށް ނޭނގުމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދީ ރިޔާސީ ނިޒާމުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް "އަދަދު"އަށް ވިދާޅުވީ މި ވެރިކަމުގެ ދެ އަހަރާއި ބައިގެ މުއްދަތުގައި ރިޔާސީ ނިޒާމަށް އިތުބާރު ގެއްލޭވަރުގެ ކަންކަން މި ސަރުކާރުން ކޮށްފި ކަމަށެވެ. މަރުތަކަށް އިންސާފު ހޯދައި ނުދެވުމާއި ޖޭއެސްސީން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ދިއުމާއި އިގްތިސާދީ ވަޅުގަނޑުން އަރައިނުގަނެވުން ފަދަ ކަންކަން މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.

ރިޔާސީ ނިޒާމެއްގައި ހިދުމަތްތަކެއް ނުދެވި ފެއިލްވީމަ ނިޒާމް ބަދަލުކުރުމަކީ ހައްލެއް ނޫން. -- ޝިޔާމް

އޭނާ ވިދާޅުވި ގޮތުގައި ޔާމީން، ރައްޔިތުންނަށް ފޮނިމީރުކަން ގެނެސްދިނީ ރިޔާސީ ނިޒާމަކުންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖަލުން މިނިވަންވެވަޑައިގެން ރިޔާސީ ނިޒާމެއްގައި ޔާމީން އަދިވެސް ރައްޔިތުންނަށް ހިދުމަތްކޮށްދެއްވާނެ އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ތުހުމަތުކުރައްވާ ގޮތުގައި މި ސަރުކާރަށް އައި ކޯލިޝަނަށް ވެރިކަން ހިންގާކަށް ނޭނގުނެވެ. އެއީ ނިޒާމް ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން ކަަމަށް ވިދާޅުވި އެވެ.

"ބަދަލުކުރަން ޖެހޭނީ ވެރިކަން ހިންގަން ތިބި މީހުން. އެކަން ވެސް ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އޭނާ ތާއީދުކުރައްވާނީ ރައްޔިތުންގެ ނިންމުމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ބަރުލަމާނީ ވާހަކައަކީ ދެ ރައީސުންނާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ.

"މިކަމުގައި ޓިއުޝަން ނަގައިދެނީ ފޮރިން މިނިސްޓަރު [އަބްދުﷲ ޝާހިދު] ވެރިރަށަށް ހާޒިރުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

މި ވާހަކަ ރައީސް ސޯލިހާއި ސަރުކާރަށް ވެސް ދޮގެއް ނުކުރެއްވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސަށް ފޮނުއްވި ބަރުލަމާނީ އަޑުތައް ގަދަވި މެސެޖުގައި ނަޝީދު އެދިވަޑައިގެންފައި އޮތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބާއްވަން ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

ނަޝީދު މިގޮތަށް އެދިވަޑައިގަތުމުން، "މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ މިކަމަށް ބަދަލެއް ގެނެވޭނީ އާއްމު ރައްޔިތުންގެ ވޯޓަކުން" ކަމަށާއި އެ ނޫން ގޮތަކަށް އަމަލުނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫލް އަޒީޒް މެދުވެރިކޮށް، ރައީސް ސޯލިހް ރައްޔިތުންނަށް އޮތީ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox