އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕަލް ބްރޭންޑުގެ އާ އައިޕެޑް ޕްރޯ އާއި އައިމެކް ލޮންޗުކޮށްފި އެވެ.
އެޕަލް ކުންފުނީގެ "ސްޕްރިންގް ލޯޑަޑް" އިވެންޓުގައި މި ޕްރޮޑަކްޓްތަކާ އެކު އެ ކުންފުނީގެ އެންމެ އާ ޕްރޮޑަކްޓް ކަމުގައިވާ އެއާޓެގް އަދި އައިފޯން 12 ގެ ދަނބު ކުލައިގެ ވާޝަން ލޯންޗްްކުރި އެވެ.
އެޕަލް އިން ބުނި ގޮތުގައި މި ހަފުތާގެ ތެރޭގައި މި ޕްރޮޑަކްޓުތައް ޕްރީ އޯޑާ ކުރަން ހުޅުވާލާނެ އެވެ. ނަމަވެސް ގިނަ ޕްރޮޑަކްޓްތައް ޝިޕް ކުރަން ފަށާނީ މެއި މަހުގެ ފަހުކޮޅު އެވެ.
އައިމެކް

އާ އައިމެކް: އެޕަލް އިން މިހާ ގިނަ ކުލަަކުލައިގެ އައިމެކް އަނބުރާ ގެނައީ ޒަމާންތަކަކަށް ފަހު
އެޕަލްގެ އެންމެ ފަހުގެ އައިމެކް ހީވަނީ ޑެސްކެއްގެ މަތީގައި ބައިންދާލާފައި ހުންނަ މޮނީޓަރެއް ހެނެވެ. ތުނިވެފައި ފަރުމާ މޮޅުވީމަ އެވެ.
މިފަހަރުގެ އައިމެކްގައި ވެސް އެޕަލްގެ ބޮޑު ފޭންބޭސްއެއް އޮންނަ ކްރިއޭޓިވް ކޮމިއުނިޓީއަށް ކަމުދާނެ ގިނަ ފީޗާތަކެއް އެކުލެވެ އެވެ. ޑިސްޕްލޭއަށް އެކަނި ބަލާނި ނަމަވެސް، މި 24 އިންޗީގެ 4.5K ރެޓީނާ ޑިސްޕްލޭގައި 11 މިލިއަން ޕިކްސެލް އަދި 500 ނިޓް ބްރައިޓްނަސް ހުރެ އެވެ.
މިއީ އެޕަލްގެ އެންމެ ފަހުގެ މެކްބުކް އަދި މެކްބުކް އެއާގައި ބޭނުންކުރި ހަލުވި M1 ޕްރޮސެސަރު ބޭނުންކޮށްގެން އެ ކުންފުނިން އުފެއްދި ފުރަތަމަ ކޮމްޕިއުޓަރެވެ. އަދި ޕްރޮސެސަރަށް އެންމެ ބާރު ބޮޑު ވެގެންދާ ގަޑީގައި ވެސް އަޑެއް ބަޑެއް ނީވޭނެ ކަމުގެ ޔަގީންކަން އެޕަލް އިން ދެ އެވެ.
ޒަމާންތަކަކަށް ފަހު އެކި ކުލަކުލައިން އައިމެކް ލިބޭ ގޮތަށް އެޕަލް އިން ވަނީ ހަދާފަ އެވެ. މި އައިމެކްގެ ރީނދޫ، އޮރެންޖު، ފެހި، ނޫ، ފިޔާތޮށީ ކުލައިގެ އިތުރުން ދަނބާއި ރިހި ކުލައިގެ ވާޝަން ހުރެ އެވެ.
މީގެ ތެރެއިން 24 އިންޗި އައިމެކް ވިއްކަނީ 1299 ޑޮލަރަށެވެ. އެ ލިބެން ހުންނަނީ ފިޔާތޮށި، ރިހި، ނޫ އަދި ފެހި ކުލައިންނެވެ. އަނެއް ވާޝަން ވިއްކަނީ 1،499 ޑޮލަރަށެވެ. މި ވާޝަންގައި ޔޫއެސްބީ ޕޯޓްތައް ގިނަވެފައި އީދަނެޓް ޕޯޓެއް ހުރެ އެވެ. އަދި ޓަޗް އައިޑީ ފީޗާ ހުންނަ މެޖިކް ކީބޯޑެއް ލިބޭނެ އެވެ.
އައިޕެޑް ޕްރޯ

އައިޕެޑް ޕްރޯ 2021: މިއީ ވެސް އެޕަލްގެ ހަލުވި M1 ޕްރޮސެސަރު ބޭނުންކުރާ ޕްރޮޑަކްޓެއް
މިފަހަރު ތައާރަފުކުރި އައިޕެޑް ޕްރޯގައި ވެސް ބޭނުންކުރަނީ އެޕަލްގެ M1 ޕްރޮސެސަރެވެ. އެޕަލް އިން ބުނީ މިދިޔަ އަހަރު ނެރުނު އައިޕެޑަށް ވުރެ މި އައިޕެޑްގެ ޕްރޮސެސަރު ސްޕީޑް %50 އިތުރު ވާނެ ކަމަށެވެ.
މިއީ 5G ސަޕޯޓްކުރާ އައިޕެޑެކެވެ. އަދި މި އައިޕެޑްގެ ޔޫއެސްބީ-ސީ ޕޯޓް ވަނީ ތަންޑާބޯލްޓް ޕޯޓަކަށް އަޕްގްރޭޑްކޮށްފަ އެވެ. މިއާ އެކު އެހެން އެކްސްޓާނަލް އެކްސެސަރީތަކުން ޑޭޓާ ޕްރޮސެސް ކުރާ ސްޕީޑްތައް އެތައް ގުނައަކުން އިތުރުވާނެ އެވެ.
އެންމެ ބޮޑު ބަދަލެއް އައީ އައިޕެޑް ޕްރޯގެ 12.9 އިންޗި ވާޝަންގެ ޑިސްޕްލޭއަށެވެ. މި އައިޕެޑްގައި ބޭނުންކޮށްފައި ވަނީ ލިކުއިޑް ރެޓީނާ އެކްސްޑީއާރް ޑިސްޕްލޭއެކެވެ. މިއީ އެންމެ ބްރައިޓްނަސް އަދި ކަލާ ކޮލިޓީ އެކިއުރޭޓް ޑިސްޕްލޭ އެވެ.
އައިޕެޑް ޕްރޯ 12.9 އިންޗި ވިއްކަނީ 1،099 ޑޮލަރަށެވެ. އަދި 11 އިންޗި ވާޝަން ވިއްކަނީ 799 ޑޮލަރަށެވެ. މެޖިކް ކީބޯޑް އަދި އެޕަލް ޕެންސިލް ފަދަ އެކްސެސަރީތައް ޖެހޭނީ ވަކިން ގަންނާށެވެ.
އެއާޓެގް
މިއީ އެޕަލްގެ އެންމެ އާ އަދި އެންމެ އަގުހެޔޮ ޕްރޮޑަކްޓެވެ. މިއީ ވޮލެޓާ، ތަޅުދަނޑިއްޗާއި އަދި ދަބަހުގައި އަޅުވާލެވޭ، ބްލޫތޫޓް ޓްރެކާއެކެވެ.
އެއާޓެގް އަޅުވާފައި ހުންނަ އެއްޗެހި އެޕަލްގެ ފައިންޑް މައި އައިފޯން އެޕް މެދުވެރިކޮށް ޓްރެކްކޮށްލެވެ އެވެ. އެޕަލް އިން ބުނީ އައިފޯން 11 އަދި އައިފޯން 12 ބޭނުންކޮށްގެން ހޯދާ އެތި އޮތީ ކިހާ ދުރު މިނެއްގައި ކަން ވެސް ބުނެދެ އެވެ.
މި އެއާޓެގްތައް ގަންނަ އިރު ކަސްޓަމަރު ބޭނުންވާ ގޮތަކަށް ކަސްޓަމައިޒްކޮށްލެވެ އެވެ. އަދި ބޭނުންނަމަ ޓެކްސްޓެއް ނުވަތަ އިމޯޖީއެއް އެއާޓެގަށް ޕްރިންޓްކޮށްލެވެ އެވެ. އެޕަލް އިން ބުނީ މި ޕްރޮޑަކްޓަކީ ސެކުއިރިޓީއަށް ވަރަށް ބޮޑަށް ވިސްނައިގެން، ގަންނަ ކަސްޓަމަރުގެ ކޮންޓްރޯލް އޮންނާނެ ޑިވައިސްއެއް ކަމަށެވެ.
އެއާޓެގެއް ވަކިން ގަންނަން ލިބޭ އަގަކީ 29 ޑޮލަރެވެ. ނަމަވެސް ހަތަރު އެއާޓެގްގެ ސެޓެއް 99 ޑޮލަރަށް ލިބެ އެވެ.
އައިފޯން 12 - ދަނބު ވާޝަން

އައިފޯން 12 ގެ ދަނބު ވާޝަން: އަފިފޯން 12 މިނީގެ ވެސް މި ކުލަ ހުރޭ
އެޕަލްގެ އާ ޕްރޮޑަކްޓް ލައިނާ އެކު އާ އައިފޯނެއް ނުނެރެ އެވެ. އެއީ ސެޕްޓެމްބަރަށް ހާއްސަކޮށްފައި އޮންނަ އިވެންޓުގައި ކުރާ ކަމެކެވެ. ނަމަވެސް، އައިފޯން 12 ގެ މުޅިން އާ ކުލައެއް ކަމުގައިވާ ދަނބު ކުލައިގެ ވާޝަން ވަނީ ފުރަތަމަ ފަހަރަށް ދައްކާލާފަ އެވެ.
މި ކުލައިގެ އައިފޯން 12 އެއް ވިއްކާ އަގަކީ 799 ޑޮލަރެވެ. އަދި އައިފޯން 12 މިނީ ވިއްކަނީ 699 ޑޮލަރަށެވެ.











