މަޖިލީހުން ގޮތެއް ނުނިމި، އޯވާޑްރާފްޓް ހުއްދަ ވާނުވާގައި

މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނުނިމުމުން، އެ ހުށަހެޅުމަށް ވާނެ ގޮތަކާމެދު ސުވާލު އުފެދިއްޖެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު، ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

Advertisement

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އޭރު ދިން މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، އެ ހުއްދައިގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު އިއްޔެ މަޖިލީހަށް ސިޓީގައި ވިދާޅުވެފައިވަނީ، ކޮވިޑުގެ ހާލަތުގައި އިގުތިސޯދަށް އައި ހީނަރުކަމުން އަދި އަރައިނުގަނެވޭ ކަމަށާއި، އެހެން ކަމުން ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށްޓަކައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުމަށެވެ.

އެކަމާ ގުޅިގެން އިއްޔެ އާއި މިއަދު ކުރިއަށް ދިޔަ ބަހުސްގައި މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތައް ހުރި ކަން ހާމަވި އެވެ.

އެއް ބައި މެމްބަރުން ބޭނުންވީ، އެ ހުއްދަ އިތުރުކޮށްދިނުމުގެ ކުރިން ދައުލަތުގެ މާލިއްޔަތު ހުރި ގޮތެއް ބަލައި ދިރާސާ ކުރުމަށެވެ. ސަރުކާރުން ކުރާ ހަރަދުތަކާމެދު ކަންބޮޑުވުން ހުރި ކަމަށް ބުނެ އެވެ.

އެއާއެކު، ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް އިއްޔެ ހުށަހެޅުއްވީ މަޖިލީހުން ހާއްސަ ކޮމެޓީއެއް ނަގައިގެން ސަރުކާރުގެ ހަރަދުތައް ކުރެވިފައި ހުރީ ރަނގަޅަށްތޯ ބެލުމަށެވެ. އެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ތާއީދު ކުރައްވައިފަ އެވެ.

އޭގެ އަނެއް ކޮޅުން މެމްބަރުން ވަކާލާތު ކުރީ، މާބޮޑު ދިރާސާއެއް ނުކޮށް އެކަން އަވަހަށް މަޖިލީހުން ފާސްކޮށް، ހުއްދައިގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ. މި ވަގުތު ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ހުއްޓާނުލެވޭނެކަމަށް ބުނެ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދުގެ ޖަލްސާގައި ވެސް ވިދާޅުވީ، އެ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން މިކަމުގައި އިތުރު ވަގުތު ހޭދަކުރުމާ ދެކޮޅު ކަމަށެވެ.

އަދި އެކަން މަޖިލީހުން ކުރަނީ ސިޔާސީ ހަސަދަވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ޝަރީފް ތުހުމަތު ކުރެއްވި އެވެ.

ކޮމިޓީ ނަގަން ރައީސް ނަޝީދު ވެސް ތާއީދު

ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުއްދަ އިތުރުކޮށް ދިނުމުގެ ކުރިން، ފިނޭންސްގެ އަންދާޒާތަކާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިތުރުން ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާއެކު މަޝްވަރާއެއް ހިންގުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ކުރިން ނެގި އޯޑީ އަނބުރާ ދައްކަން މަޖިލީހުން އެންގި ނަމަވެސް، އެއީ ސަރުކާރަށް ކުރެވޭނެ ނޫނީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބަލަން މުހިއްމު، ބަޖެޓުގައި ފިނޭންސް މިނިސްޓަރު މި ފައިސާއާ ގުޅޭގޮތުން އަމަލުކުރަން ނިންމަވާފައިވާ ގޮތްތައް. އެހެންވީމާ މިކަމަކީ ދިރާސާއެއް ބޭނުންވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ގޮތެއް ނުނިމި ވާނުވާގައި

ހާއްސަ ކޮމިޓީއެއް ނަގައިގެން ސަރުކާރުގެ ހަރަދުތައް ދިރާސާކުރަން ނަޝީދު ބާރު އެޅުއްވި ނަމަވެސް، އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން އެކަމަށް ތާއީދެއް ނުލިބުނެވެ.

ހާއްސަ ކޮމިޓީއަކުން އެކަން ދިރާސާކުރަން ނުފެންނަކަމަށް ނިމުނީ 48 މެމްބަރުންގެ ވޯޓާއެކު އެވެ. ދިރާސާކުރަން ފެންނަކަމަށް 12 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވި އެއް މެމްބަރަކު އިންނެވި އެވެ.

ގގ
ގގ

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ކުޑަކޮށް ހިތްހަމަޖެހިވަޑައިނގެން އިންނަވައިގެން، ނަޝީދު ވިދާޅުވީ މި ހުށަހެޅުން ފާސްނުވުމުން މިއަދުގެ މުޅި މައްސަލަ އެއްވެސް ގޮތަކަށް ފާސް ނުވި ކަމަށެވެ.

"އެހެންވީމާ، ދައުލަތުން، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ގުޅޭގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި މައްސަލައެއް އެއްވެސް ގޮތެއް ނުނިމުމުން، ދެން އެއަށް ވާނެ ގޮތަކާމެދު މަޖިލީހުގެ ގަވައިދުން ވެސް މާބޮޑަކަށް ސާފެއް ނުވެ އެވެ.

ވޯޓަށްފަހު ނަޝީދު މަޖިލީހުގެ ނިޒާމު މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ވޯޓަށް އެހޭނީ މަޖިލީހަށް ހުށަހެޅި ތާއީދު ލިބޭ ކަންކަން ކަމަށެވެ.

"މެމްބަރުން ވިސްނަވަންޖެހޭނެ ކަންކަމުގައި އަމަލުކުރައްވާއިރު އެކަމަކުން ދެންވެދާނެ ގޮތް،" އެއީ އެކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވި މިންވަރެވެ.

އާއްމުކޮށް މަޖިލީހަށް ހުށަހެޅޭ ބިލެއް ތަޅުމުގައި ވަކި ގޮތެއް ނުނިމިއްޖެނަމަ އޮޓަމެޓިކުން ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ ފުރުސަތު އޮވެ އެވެ.

ނަމަވެސް، މަޖިލީހަށް ހުށަހެޅޭ މައްސަލައަކަށް ތަޅުމުން ވަކި ގޮތެއް ނުނިމިއްޖެނަމަ އެ މައްސަލައަށް ވާނެ ގޮތެއް ސީދާ ސާފެއް ނޫނެވެ.

އެ މައްސަލައާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވޭތޯ، ނުވަތަ އެ މައްސަލަ ފިނޭންސުން އަލުން މަޖިލީހަށް ހުށަހަޅަންޖެހެނީކަމެއް ވެސް ނޭނގެ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، މަޖިލީހުގެ އިދާރާއިން ވެސް ހަމައެކަނި ބުނީ އެ މައްސަލައާ މެދު މަޖިލީހުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އޭގެ ފަހުން، މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވަނީ ރިޔާސަތަށް އަމާޒުކޮށް އިތުރު ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ކަމަށެވެ.

ނަމަވެސް، ރިޔާސަތުން އެކަމަށް އަޅާނުލައި، މާލިއްޔަތު ކޮމިޓީއަށް ނުފޮނުވާ، ވޯޓަށްވެސް އަހާފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ލޮކްޑައުނަކަށް ފޮނުވުމަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން. ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް މަޖިލީހުން ނިންމަންޖެހޭނެ،" ޝަރީފް ތުހުމަތު ކުރެއްވި އެވެ.

މިއަދު ކުރިއަށްދިޔަ ބަހުސްގައި، ޝަރީފް ދެއްކެވި ވާހަކައިގެ ތެރެއިން ކޮމިޓީއަކަށް ގެންގޮސް ސަރުކާރުގެ ހުށަހެޅުން ދިރާސާކުރަން ވަގުތުތަކެއް ހޭދަނުކޮށް، އެ ހުށަހެޅުން މަޖިލީހުން ފާސްކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

ނަމަވެސް، އެއީ ހުށަހެޅުމެއްގެ ގޮތުގައި ރިޔާސަތުން ބަލައިގެންފައިނުވާއިރު، ޝަރީފްގެ ފަހުން ވާހަކަ ދެއްކެވި އެއްވެސް މެމްބަރަކު އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެއް ވެސް ނުވެ އެވެ.

ނަޝީދު ވެސް ވިދާޅުވި ފަދައިން، މަޖިލީހުގައި ވޯޓަށް އެހޭނީ މަޖިލީހަށް ހުށަހެޅި ތާއީދު ލިބޭ ކަންކަމަށެވެ.

އެގޮތުން، ޝަރީފްގެ ހުށަހެޅުމަށް ސީދާ ތާއީދު ލިބިފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވައިދާ އެއް ގޮތަށް މަޖިލީހުގެ ހުރިހާ ކަމެއް ސީދާ އަކުރުން އަކުރަށް ނުގެންދާއިރު، ޝަރީފްގެ ވާހަކައިގެ ތެރެއިން ހުށަހެޅުއްވި ހުށަހެޅުން ރިޔާސަތުން ބަލައިގަނެ، އެއަށް ތާއީދު ކުރުމުގެ ފުރުސަތު ނުދިނީ ކީއްވެތޯ ވެސް އެއީ ސުވާލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox