ހާއްސަ ކޮމިޓީއަކުން ދިރާސާ ކުރަން ތާއީދު ނުލިބި، އޯޑީގެ ހުއްދައާމެދު ގޮތެއް ނުނިމުނު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

ކޮވިޑް-19ގެ ބަލިމަޑިކަމުގައި އިގުތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނުނިންމުނެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު، ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

Advertisement

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އޭރު ދިން މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، އެ ހުއްދައިގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު އިއްޔެ މަޖިލީހަށް ސިޓީގައި ވިދާޅުވެފައިވަނީ، ކޮވިޑުގެ ހާލަތުގައި އިގުތިސޯދަށް އައި ހީނަރުކަމުން އަދި އަރައިނުގަނެވޭ ކަމަށާއި، އެހެން ކަމުން ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށްޓަކައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުމަށެވެ.

މެމްބަރުންގެ މެދުގައި ހިޔާލުތަފާތު

އިއްޔެ އެކޭ އެއްގޮތަށް މިއަދުގެ ޖަލްސާގައި ކުރިއަށް ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުން މެދުގައި ހިޔާލު ތަފާތެވެ.

މިގޮތުން، ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް އިއްޔެ ހުށަހެޅުއްވި ގޮތަށް މި މަޖިލީހުން ހާއްސަ ކޮމެޓީއެއް ނަގައިގެން މި ހަރަދުތައް ކުރެވިފައި ހުރީ ރަނގަޅަށްތޯ ބެލުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ވަނީ ތާއީދުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ނަމަވެސް، ސަރުކާރުން ކޮންމެ ކުރަންޖެހޭ ހަރަދުތަކެއް ކުރުމަށް ބޭނުންވާ ފައިސާ ހޯދަން މަޖިލީހަށް ހުށަހެޅުމުން، ސަރުކާރަށް އުނދަގޫ ކުރަން، އިތުރު ކޮމިޓީއެއް ނަގައިގެން މިކަން ދިގުދެންމުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދުގެ ޖަލްސާގައި ވެސް ވިދާޅުވީ، އެ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން މިކަމުގައި އިތުރު ވަގުތު ހޭދަކުރުމާ ދެކޮޅު ކަމަށެވެ.

އަދި އެކަން މަޖިލީހުން ކުރަނީ ސިޔާސީ ހަސަދަވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ޝަރީފް ތުހުމަތު ކުރެއްވި އެވެ.

މުޅި މަޖިލީހުގެ ހާއްސަ ކޮމިޓީއެއްގެ ހުށަހެޅުން

ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުއްދަ އިތުރުކޮށް ދިނުމުގެ ކުރިން، ފިނޭންސްގެ އަންދާޒާތަކާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިތުރުން ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާއެކު މަޝްވަރާއެއް ހިންގުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ގގ
ގގ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ކުރިން ނެގި އޯޑީ އަނބުރާ ދައްކަން މަޖިލީހުން އެންގި ނަމަވެސް، އެއީ ސަރުކާރަށް ކުރެވޭނެ ނޫނީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބަލަން މުހިއްމު، ބަޖެޓުގައި ފިނޭންސް މިނިސްޓަރު މި ފައިސާއާ ގުޅޭގޮތުން އަމަލުކުރަން ނިންމަވާފައިވާ ގޮތްތައް. އެހެންވީމާ މިކަމަކީ ދިރާސާއެއް ބޭނުންވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން، މިއަދުގެ ޖަލްސާގައި މެމްބަރު އަފީފްގެ އިއްޔެގެ ހުށަހެޅުން ވޯޓަށް އެހުމުން، ހާއްސަ ކޮމިޓީއަކުން އެކަން ދިރާސާކުރަން ނުފެންނަކަމަށް ނިމުނީ 48 މެމްބަރުންގެ ވޯޓާއެކު އެވެ. ދިރާސާކުރަން ފެންނަކަމަށް 12 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވި އެއް މެމްބަރަކު އިންނެވި އެވެ.

ވޯޓަށްފަހު ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މި ހުށަހެޅުން ފާސްނުވުމުން މިއަދުގެ މުޅި މައްސަލަ އެއްވެސް ގޮތަކަށް ފާސް ނުވި ކަމަށެވެ.

"އެހެންވީމާ، ދައުލަތުން، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ގުޅޭގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ،" ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މަޖިލީހުގެ ނިޒާމު މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ވޯޓަށް އެހޭނީ މަޖިލީހަށް ހުށަހެޅި ތާއީދު ލިބޭ ކަންކަން ކަމަށެވެ.

"މެމްބަރުން ވިސްނަވަންޖެހޭނެ ކަންކަމުގައި އަމަލުކުރައްވާއިރު އެކަމަކުން ދެންވެދާނެ ގޮތް."

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox