ކޮވިޑުގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރު ފަތުރުވެރިކަމަށް ލޮޅުން އަރައި، ރާއްޖޭގެ ހުރިހާ ރިސޯޓުތައް ބަންދުކުރަން ޖެހުމާއެކު އުމުރުން 31 އަހަރުގެ ހާސިރު މުހައްމަދަށް ޖެހުނީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި އަދާކުރަމުން ދިޔަ ހައުސްކީޕިން ސުޕަވައިޒަރުގެ ވަޒީފާއަށް އަލްވަދާއު ކިޔައި ގެޔަށް ދާށެވެ. އޭގެ ދެ ތިން މަސް ފަހުން އަލުން އަނބުރާ ވަޒީފާ ލިބުނު ނަމަވެސް، މިއަދާ ހަމައަށް ވެސް އޭނާއަކަށް މުސާރައެއް ނުލިބެ އެވެ.
"ވަޒީފާ ލިބުނީ ހަމަ ކުރިން ހުރި ޕޮޒިޝަން، ރީއިންސްޓޭޓް ކުރި ކަމަށް. އެކަމަކު އެ ދުވަހުން ފެށިގެން ހުންނަން ޖެހޭނީ ނޯޕޭގައި ކަމަށް. ޖުލައި މަހުން ފެށިގެން މިއަދާ ހިސާބަށް ވެސް އަޅުގަނޑު މި ހުންނަނީ ނޯ ޕޭގައި،" ހާސިރު ބުންޏެވެ.
ނުވަ މަސް ދުވަސް ފާއިތުވެދިޔަ އިރު ހާސިރު ފަދަ އެތައް ބަޔަކު އަދިވެސް ތިބީ ނޯޕޭގަ އެވެ. ބައެއް މީހުންނަށް އަލުން އަނބުރާ ވަޒީފާ ނުވެސް ލިބެ އެވެ. ކޮވިޑުގެ ސަބަބުން ދިމާވި ސިއްހީ ކާރިސާ އާއި އިގްތިސާދީ ކާރިސާ ފަދައިން ވަޒީފާއާ ގުޅިފައިވާ އިންސާނީ ކާރިސާއަކީ މިއީ އެވެ. މާލޭގައި ދިރިއުޅުން ބިނާކޮށްގެން ތިބި އެތައް ބަޔަކަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި، ރަށަށް ބަދަލުވާން ޖެހުނީ ދެކެމުން އައި ހުވަފެންތައް މަޑުޖައްސާލާފަ އެވެ.
ވަޒީފާ ދިނީ މަޖުބޫރުވެގެން
ކޮވިޑުގެ ފުރަތަމަ ކޭސް މާލެއިން ފެނުމާއެކު ހާސިރަށް އެންގީ ގޭގައި މަޑު ކުރާށެވެ. ނަމަވެސް ޖޫން މަހާ ހިސާބުން އޭނާއަށް ލިބުނީ ސިޓީ އެކެވެ. އެ ސިޓީގައި އޮތީ ވަޒީފާއިން ވަކިކުރި ވާހަކަ އެވެ. އެއާއެކު ހާސިރަށް ވިސްނުނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދާށެވެ. އޭނާއަށް އެކަމުގައި އެހީވެދިނީ ޓޫރިޒަމް އެމްޕްލޮއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އެވެ.
"ޓީމްއާ ވާހަކަދައްކައިގެން ޓީމްއިން ޓްރައިބިއުނަލަށް މައްސަލަ ވައްދާފައި އެ ބޭފުޅުންނަށް [ހުޅުލެ އައިލެންޑް ހޮޓަލަށް] ޖަވާބުދާރީވާން އެންގި ހިސާބުން އަނެއްކާވެސް އަޅުގަނޑަށް ވަޒީފާ ލިބުނު،" ހާސިރް ކިޔައިދިނެވެ.
ވަޒީފާ ލިބުނު ފަހުން މިއަދާ ހަމައަށް ނޯޕޭގައި ހުރި ހާސިރު ކިޔައިދިން ގޮތުގައި މި ވަގުތު ވެސް އެޗްއައިއެޗްގެ 40 އެއްހާ ދިވެހި މުވައްޒަފުން ތިބީ ނޯޕޭގަ އެވެ. އަދި ކޮވިޑުގެ ކުރިން އެތަނުގެ ވަޒީފާގައި އުޅެ، އޭގެ ފަހުން ކަނޑާލުމަށް ފަހު އަލުން ވަފީޒާ ނުލިބޭ 70 ވަރަކަށް ދިވެހިން ހަމައެކަނި އެޗްއައިއެޗުން ވެސް ގުނާވެލޭނެ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ޕާސަނަލީ އެޗްއާރަށް ގުޅާލީމަ ބުނަނީ އެޗްއާރަކަށް ނޭނގެއޭ. އަޅުގަނޑު މިނިސްޓްރީއާ ވެސް ބައްދަލުކުރިން. މީގެ ދެ މަހެއް ވަރު ކުރިން ޓޫރިޒަމް މިނިސްޓަރު މައުސޫމްއާ ވެސް ބައްދަލުކުރިން ހަމަ ޓީމް އާއެކު. މާ ބޮޑު ކުރިއެރުމެއް ނުލިބޭ. އޭގެ ފަހުން ދިން ޒޫމް މީޓިންއެއްގައި ވެސް އަޅުގަނޑު ބައިވެރިވިން. މާ އެދެވޭ ނަތީޖާތަކެއް އަސްލު އަޅުގަނޑުމެންނަކަށް ނުފެނޭ. މިނިސްޓަރު އަޅުގަނޑުމެންނާ ބައްދަލުކުރި ފަހުން އައި މެއިލްއެއް. އޭގައި މި އޮންނަނީ ހޮޓަލުގެ ހާލަތު ހުރި ގޮތާ ހެދިއޭ،" ހާސިރް ބުންޏެވެ.
އެކަމަކު މިއީ ހޮޓަލުގެ ހާލަތާ ހެދި ދިމާވާ ކަމެއް ކަމަށް ގަބޫލުކުރަން ހާސިރަށް ދައްޗެވެ. އޭނާ ބުނި ގޮތުގައި އެތަނުގެ އޮކިއުޕެންސީ ރަނގަޅެވެ.
އެވްރެޖުކޮށް ހަމަ ރަނގަޅު އޮކިއުޕެންސީއެއްގައި އުޅެނީ. އަޅުގަނޑު އަތުގައި އެބަހުރި ޑޮކިޔުމެންޓެސް. މިދިޔަ މަހު ވެސް 71 ރޫމް ވިއްކާފައި އޮތީ 130 ރޫމްގެ ތެރެއިން. -- ހާސިރު މުހައްމަދު
ހާސިރުގެ ވާހަކަތަކާ ގުޅިގެން އެޗްއައިއެޗުގެ ސޭލްސް އެންޑް މާކެޓިން އެގްޒެކްޓިވްއަށް ގުޅާލުމުން އެދުނީ އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވާށެވެ. ނަމަވެސް އަދި މިހާތަނަށް އެ ތަނުގެ ބަހެއް ލިބިފައެއް ނުވެ އެވެ.
ވިހި ޕަސެންޓު މީހުންނަށް އަދިވެސް ވަޒީފާ ނުލިބޭ
ހާސިރަށް ދިމާވި ގޮންޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިން ރިސޯޓް މަސައްކަތްތެރިންގެ ޔޫނިއަން، ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު އަންދާޒާ ކުރެއްވީ ކޮވިޑާ ގުޅިގެން 11،000 އެއްހާ މީހުންގެ ވަޒީފާ ގެއްލުނު ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 20 ޕަސެންޓު މީހުންނަށް އަދިވެސް އަލުން އަނބުރާ ވަޒީފާ ނުލިބެ އެވެ. އެއީ ގާތްގަނޑަކަށް 2،200 އެއްހާ މީހުންނެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނެނީ ދިވެހިންގެ ކިހާ އަދަދެއް ކަމެއް ޔަގީނެއް ނުވެ އެވެ.
"އެ ވަޒީފާތައް ގެއްލުނު، އެހެން ނަމަވެސް އޭގެ ވަރަށް ބޮޑު ބައެއް އަލުން ރިކަވާވެ އިންޑަސްޓްރީ ހުޅުވާލުމާ ގުޅިގެން އައިސްފައި އޮތީ. އެހެން ނަމަވެސް އަޅުގަނޑުމެން މި ފާހަގަކުރަނީ ރިސޯޓުތަކުގެ އެވްރެޖުކޮށް 20 ޕަސަންޓު ވޯކާސް އަލުން އެ މީހުން ރީހަޔާ ނުކުރާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ވަރަށް ގިނަ ރިސޯޓުތަކުން ކޮވިޑުގެ ކުރީގެ މުސާރަ މުވައްޒަފުންނަށް އިއާދަކޮށްދީފި ކަމަށެވެ. އޭގެ އަނެއް ކޮޅުން ނޯޕޭގައި ގިނަ މުވައްޒަފުން ބައިތިއްބައިގެން އޮޕަރޭޝަންސް ހިންގަމުންދާ ގިނަ ޓޫރިސްޓް ފެސިލިޓީތައް ވެސް ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއެކު މާޗް މަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ދެއްކެވި ވާހަކަ އާއި މައުރޫފްގެ ވާހަކަ ދާދި އެއް ގޮތެވެ. މައުސޫމް ވިދާޅުވީ ނޯޕޭއަށް ދިޔަ މުވައްޒަފުންނާއި ވަޒީފާ ގެއްލުނު ގިނަ ބަޔަކަށް އަލުން އަނބުރާ ވަޒީފާ ލިބިފައިވާ ކަމަށެވެ. މިހާތަނަށް ވަޒީފާ ނުލިބިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ވެސް މައުސޫމް ދެއްވީ އުއްމީދީ ޖަވާބެކެވެ.
އަޅުގަނޑުމެން އިންޑަސްޓްރީއާ ވަރަށް ގާތުން އެބަ މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އަހަރުގެ މެދަކާ ހަމަޔަށް އަންނަން ވާއިރަށް ހުރިހާ ބޭފުޅުންނަށް ވަޒީފާގެ ރިކަވަރީ ލިބޭނެ. -- ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް
ރަސްމީ ތަފާސްހިސާބު ފެންނާކަށް ނެތް
ކޮވިޑާ ގުޅިގެން ވަޒީފާގެ ބާޒާރުގެ އަދަދުތަކަށް އައިސްފައިވާ ސީދާ ބަދަލު ޔަގީންކުރުމަށް ކުރި މަސައްކަތް ޖޮބް ސެންޓަރުން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެތަނުގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ "ޑޭޓާ ކްލީން ކުރުމުގެ މަސައްކަތް ކުރަމުން ދާތީ އެ ފޯރުކޮށްދެވޭނީ ރޯދަ މަހުގެ މެދެއްހާ ހިސާބުގައި" ކަމަށެވެ. ޖޮބް ސެންޓަރުގެ ވެބްސައިޓުން ވެސް އެ މައުލޫމާތު ފެންނާކަށް ނެތެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން އާއްމުކުރާ ވަޒީފާއަށް އަސަރުކޮށްގެން އިންކަމް ސަޕޯޓް ހޯދަމުންދާ މީހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރިލް އެއް ވަނަ ދުވަހުގެ ނިޔަލަށް 21,258 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެއީ 84,634 ފަހަރުގެ މަތިން އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރި 377.5 މިލިއަން ރުފިޔާ އެވެ.
ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ތައާރަފު ކުރި އިންކަމް ސަޕޯޓު ލިބެނީ ހަމައެކަނި ވަޒީފާ ގެއްލުނު މީހުންނަކަށް ނޫނެވެ. ނޯޕޭގައި ތިބި މީހުންނާއި މުސާރަ ކުޑަ ކުރި މީހުންނަށް ވެސް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމުން މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ޖަމާކޮށްދެ އެވެ.
އެޗްއައިއެޗްގެ ވަޒީފާއިން ކަނޑާލުމުން ހާސިރު ވެސް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވި އެވެ. ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލި، ދިރިއުޅުމަށް އައި ކުއްލި ލޮޅުމުގެ އަސަރު ކުޑަ ކުރަން އިންކަމް ސަޕޯޓް އެލަވަންސް ހާސިރު ތިން މަސް ވަންދެން ހޯދި އެވެ. ނަމަވެސް މުސާރަ ނުލިބޭ ގޮތަށް އެހާ ގިނަ ދުވަހު ހުންނަން ޖެހޭތީ އޭނާ މިހާރު ދަނީ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އާމްދަނީ ހޯދަން އަމިއްލަ މަސައްކަތް ކުރަމުންނެވެ.
"މިހާ ދުވަސް ވާއިރު ކޮންމެވެސް ވަރަކަށް އަޅުގަނޑު ވެސް ދެން ވިސްނާނެ ދޯ. އަޅުގަނޑު ދެން އަމިއްލަ މަސައްކަތްކޮށްގެން މި އުޅެނީ،" ހާސިރު ބުންޏެވެ.












