ރިޕޯޓުހިއުމަން ރައިޓްސް ކޮމިޝަން މި ފަހަރު ރައްޔިތުންނާ ގާތަށް

ހިއުމަން ރައިޓްސް ކޮމިޝަން މި ފަހަރު ރައްޔިތުންނާ ގާތަށް

"ކުރިއަށް އޮތްތަނުގައި މަގުމަތިން ރައްޔިތުންނާ ކައިރިން އިންސާނީ ހައްގުތަކާ ގުޅޭ މައުލޫމާތު ލިބޭނެ ގޮތް ހެދުން އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ"

އެޗްއާރުސީއެމްގެ މެމްބަރު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ޑރ. އަހުމަދު އަދްހަމް އަބްދުﷲ އަދި މުއުމިނާ ވަހީދު: އާ ކޮމިޝަންގެ އަމާޒަކީ އިންސާނީ ހައްގަށް ހޭލުންތެރި ކުރުން. -- ފޮޓޯ: އެޗްއާރުސީއެމް
އެޗްއާރުސީއެމްގެ މެމްބަރު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ޑރ. އަހުމަދު އަދްހަމް އަބްދުﷲ އަދި މުއުމިނާ ވަހީދު: އާ ކޮމިޝަންގެ އަމާޒަކީ އިންސާނީ ހައްގަށް ހޭލުންތެރި ކުރުން. -- ފޮޓޯ: އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އާއްމުންގެ އިތުބާރު އޮވޭ ހެއްޔެވެ؟ ފާއިތުވި ތަނުގައި އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދިޔައިރު ވެސް ކޮމިޝަނުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމުގެ ޝަކުވާ ބޮޑެވެ. ކޮމިޝަން އޮންނަނީ އަބަދުވެސް ގަދަ ނިންޖެއްގައި ކަމަށް އާއްމުން ވާހަކަ ދައްކަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކޮމިޝަން، ފަސް ވަނަ ދައުރަކަށް އަލުން އެކުލަވާލާފައިވާއިރު އާ މެމްބަރުންނަށް ވެސް ކުރިމަތިވީ އެ ޝަކުވާތަކެވެ. ފަސް މެމްބަރުން ތިބޭ އެ ކޮމިޝަނަށް އައްޔަންކޮށްފައިވާ މެމްބަރުންނަކީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި މުއުމިނާ ވަހީދާއި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަދި މަރިޔަމް މުނާ އެވެ. އާ ކޮމިޝަނަށް އަދި ރައީސެއް އައްޔަން ނުކުރެ އެވެ.

އެޗްއާރުސީއެމްގެ މެމްބަރު އަދުހަމް "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ގިނަ ބަޔަކަށް އިންސާނީ ހައްގުތައް ނޭންގޭ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު
އެޗްއާރުސީއެމްގެ މެމްބަރު އަދުހަމް "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ގިނަ ބަޔަކަށް އިންސާނީ ހައްގުތައް ނޭންގޭ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އެޗްއާރުސީއެމްގެ މެމްބަރު އަދުހަމް "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ގިނަ ބަޔަކަށް އިންސާނީ ހައްގުތައް ނޭންގޭ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

"އެހެން ކޮމިޝަންތަކުގެ މަސައްކަތް ވެސް ރަނގަޅު"

ނިމިދިޔަ ކޮމިޝަންތަކަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނު ކަމަށް ރައްޔިތުން ގަބޫލު ނުކުރިޔަސް އާ ކޮމިޝަނުން އެކަން ގަބޫލެއް ނުކުރެ އެވެ. "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަންގެ މެމްބަރު އަދުހަމް ވިދާޅުވިގޮތުގައި ނިމިދިޔަ ކޮމިޝަންތަކުން ވެސް ބުރަ މަސައްކަތްތަކެއް އިންސާނީ ހައްގު ހިމާޔަތް ކުރުމަށްޓަކައި ވަނީ ކޮށްފަ އެވެ. އެކަންކަން ނޭނގި އޮތީ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަމަށް އަދުހަމް ވިދާޅުވި އެވެ. އެހެންކަމުން އެކަން އާ ކޮމިޝަނުން ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތް ޕަބްލިކާ ހިއްސާ ކުރެވޭ މިންވަރު އިތުރުކޮށް މީޑިއާ ފްރެންޑްލީ ތަނަކަށް ހަދައި އަދި މީޑިއާގެ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު އަބަދުވެސް ލިބޭނެ ތަނަކަށް އެޗްއާރުސީއެމް ވުން އެއީ އަޅުގަނޑުމެން މިހާރުގެ ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ވިސްނުމަކީ،" އަދުހަމް ވިދާޅުވި އެވެ.

އަދުހަމް ވިދާޅުވީ އޮފީސް އޮފީހުގައި ތިބެގެން އޮފީސް އޮފީހުގެ ސެމިނާ ރޫމްތަކުގައި ތިބެގެން މައުލޫމާތު ފޯރުކޮށްދީގެން އެކަމެއް ނުވާނެ ކަމަށާއި އެކަންކުރަން ޖެހޭނީ މަގުމައްޗަށް ނުކުމެ ރައްޔިތުންނާއެކީގައި ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި މަގުމަތިން ރައްޔިތުންނާ ކައިރިން [އިންސާނީ ހައްގުތަކާ ގުޅޭ] މައުލޫމާތު ލިބޭނެ ގޮތް ހެދުން އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ،" އޭނާ ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން އެޗްއާރްސީއެމްއިން "ރައިޓް ސައިޑް އޮފް ލައިފް" ގެ ނަމުގައި ހަދާ ދިރާސާއިން ވެސް ދައްކަނީ ކުރިއަށް ވުރެ ބޮޑަށް އާއްމުންނަށް މިހާރު އެ ކޮމިޝަން އެނގޭ ކަމަށެވެ. އެގޮތުން 2005 ވަނަ އަހަރު ހެދި ދިރާސާއިން ދައްކާ ގޮތުގައި އެޗްއާރްސީއެމް އެނގެނީ ރާއްޖޭގެ 40 ޕަސެންޓް މީހުންނަށެވެ. ނަމަވެސް އެންމެ ފަހުން ހެދި ދިރާސާ ބުނާގޮތުން 84.8 ޕަސެންޓް މީހުންނަށް އެ ކޮމިޝަން އެނގެ އެވެ.

އަދިވެސް ހައްގުތަކެއް ނޭނގޭ

އަދުހަމް ވިދާޅުވިގޮތުގައި އެޗްއާރުސީއެމް އެނގުނު ނަމަވެސް އިންސާނީ ހައްގުތައް އާއްމުންނަށް އެނގޭ މިންވަރު އަދިވެސް ދަށެވެ. އެހެންކަމުން އެކަން ރަނގަޅު ކޮށް، އާއްމުން ހޭލުންތެރި ކުރުމަށް މީޑީއާތަކާ ގުޅިގެންނާއި މަގުމަތީގައި އިވެންޓްތައް ބާއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ ހަތަރު މެމްބަރުން: އެންމެ ބޮޑު އަމާޒަކީ ހައްގުތައް ބުނެދިނުން-- ފޮޓޯ: އެޗްއާރުސީއެމް
އެޗްއާރުސީއެމްގެ ހަތަރު މެމްބަރުން: އެންމެ ބޮޑު އަމާޒަކީ ހައްގުތައް ބުނެދިނުން-- ފޮޓޯ: އެޗްއާރުސީއެމް

އެޗްއާރުސީއެމްގެ ހަތަރު މެމްބަރުން: އެންމެ ބޮޑު އަމާޒަކީ ހައްގުތައް ބުނެދިނުން-- ފޮޓޯ: އެޗްއާރުސީއެމް

ރާއްޖޭގެ އިންސާނީ ހައްގުގެ ކަންކަން އޮތް މިންވަރާ ގުޅޭގޮތުން އަދުހަމް ދެއްވީ މާ އުފާވެރި ޖަވާބެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ރާއްޖޭގެ ހާލަތު އޮތީ ކަންކަން ރަނގަޅު ކުރަން ޖެހޭ ހާލަތެއްގަ އެވެ. އެގޮތުން ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ދޭން ޖެހޭ ރައްކާތެރިކަން ދޭނެ ތަންތަނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ދިނުން ފަދަ ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ދާއިރާއަކަށް އިސްކަން ދީގެން [މައްސަލަތައް ބެލުމަށް] އަޅުގަނޑުމެން ނުބަލާނަން،" އަދުހަމް ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ މި ދައުރުގައި ކުރާނެ މަސައްކަތްތަކުގެ ސްޓްރެޓެޖިކް ޕްލޭން މިހާރު އެކުލަވާލަމުން އަންނައިރު މައިގަނޑު އަމާޒަކީ ތިން ދާއިރާއެކެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން އަދުހަމް ވިދާޅުވީ އިންސާނީ ހައްގުގެ ކަންކަމުގައި ދައުލަތުން މިހާރު އަމަލު ކުރާ ބައެއް އުސޫލުތައް ރިވިއު ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ހައްގު ފަދަ ރައްޔިތުންގެ މެދުގައި ބޮޑެތި މައްސަލަތައް ހިމެނެ އެވެ. ބޯހިޔާވަހިކަން ފަދަ ކަންކަމުގައި ގައުމީ އެއް އުސޫލެއް ގެންގުޅުމަށް މިހާރު ބޭނުން ކުރާ އުސޫލުތައް އަންނަނީ ރިވިއު ކުރަމުންނެވެ.

ދެވަނަ ކަމަކަށް ރައްޔިތުންގެ ގާތަށް ގޮސް އިންސާނީ ހައްގުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ ކުރިއެރުމަށް އިސްކަން ދީ ބަދަލުތަކެއް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމުލަ 14 ދާއިރާއެއްގެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅާއިރު ބައެއް މައްސަލަތައް ނުބެލި ލަސްވާ ކަމުގެ ޝަކުވާ ވެސް ބޮޑެވެ. ކޮންމެ މަހަކު އެ ކޮމިޝަނަށް 47 އާއި 52 އާ ދެމެދުގެ މައްސަލަ ހުށަހަޅާއިރު އޭގެ ތެރެއިން މަހަކު ބެލެނީ 40 އަކަށް މައްސަލަ އެވެ. ނުބެލި ކޮންމެ މަހަކު ވެސް 10 ވަރަކަށް މައްސަލަ ފުނިޖެހެ އެވެ.

އަދުހަމް ވިދާޅުވީ މައްސަލަތައް ތަހުގީގު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާއި ޓެކްނޮލޮޖީގެ އެހީގައި ތަހުގީގުތައް އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އަދުހަމް ވިދާޅުވި އެވެ.

އެޗްއާރްސީއެމްއަށް ހުށަހަޅާ މައްސަލަތަކުގެ 25 ޕަސެންޓަކީ ޖަލުތަކުން ހުށަހަޅާ މައްސަލަތަކެވެ. އޭގެ ތެރޭގައި ގިނައީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމާއި ކާނާގެ މައްސަލަތަކެވެ. ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތައް 2019 އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު 53 ޕަސެންޓް އިތުރެވެ.

ރައްޔިތުންގެ އިތުބާރު ކުޑަ އެޗްއާރުސީއެމްގެ އާ މެމްބަރުންގެ އަމާޒަކީ ނުލިބިވާ އިތުބާރު ހޯދުމެވެ. އެކަން ކުރެވޭނީ އެ ކޮމިޝަނުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ބުނެދީގެން ކަމަށް ކޮމިޝަނުން ގަބޫލު ކުރެ އެވެ. އެހެންކަމުން މިފަހަރުގެ އެންމެ ބޮޑު އަމާޒަކީ އެއީ އެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox