އިމްތިޔާޒުގައި ހިފައި މަލީހް ގޮތް ދޫނުކުރެއްވި

މަޖިލީހުގެ ޖަލްސާގައި މަލީހް ޖަވާބުދާރީވަނީ: މިއަދު ކޮމެޓީއަށް ހާޒިރު ކުރުމުން ޖަވާބު ދެއްވުމަށް އޭނާ ދެކޮޅު ހެއްދެވި-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާގައި މަލީހް ޖަވާބުދާރީވަނީ: މިއަދު ކޮމެޓީއަށް ހާޒިރު ކުރުމުން ޖަވާބު ދެއްވުމަށް އޭނާ ދެކޮޅު ހެއްދެވި-- ފޮޓޯ: މަޖިލިސް

މިނިސްޓަރުންނަށް މަޖިލީހުގެ މެމްބަރުން ބިރު ދައްކާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީގެ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވި މައްސަލައާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒާއި ސުކޫލު ކޮމެޓީއަށް މިއަދު ހާޒިރު ކުރުމުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މަލީހް ދެކޮޅު ހައްދަވައިފި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދެއްވުމަށް މަލީހް މަޖިލީހަށް ހާޒިރު ކުރުމުން އޭނާ އެ ދުވަހު ވިދާޅުވީ ސަރުކާރުގެ އެކިއެކި ވަޒީރުންނަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހުގެ މެމްބަރުން ބިރުދައްކައި ހުރަސް އަޅާ ކަމަށެވެ. އެގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް އިސްތިއުފާ ދެއްވަން މަޖުބޫރު ކުރެއްވި ކަމަށް މަލީހް ވިދާޅުވި އެވެ.

މަލީހު އެގޮތަށް ވިދާޅުވުމުން އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމެޓީން ބެއްލެވުމަށް އެންގެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެޓީއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭގޮތުން މެމްބަރުން މަލީހާ ސުވާލު ކުރުމުން ފުރަތަމަ ވެސް އޭނާ ވިދާޅުވީ އެ ކޮމެޓީން ހިންގުމުގެ އުސޫލެއް ހަދައިފައިވާ ނަމަ އެ އުސޫލު ބޭނުންފުޅުވާ ކަމަށެވެ.

އެ ހިސާބުން ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ވަނީ މެމްބަރުންނާއި މަލީހް ސުވާލު ކުރުމުގެ ބަދަލުގައި މެމްބަރުންގެ ސުވާލުތަކަށް މަލީހް ޖަވާބާރީވުމަށް އަންގަވައިފަ އެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގެ ހ. އާ ހަވާލާ ދެއްވައި މަލީހް ވިދާޅުވީ އޭނާއާ އެ ސުވާލު ނުކުރެވޭނެ ކަމަށެވެ.

އެ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާ ގޮތެއްގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލު ކުރިގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާ މެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

"ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގެ ހ. ގެ ދަށުން މަޖިލީހުގެ ތަޅުމުގައި އިމްތިޔާޒަކީ ހަމައެކަނި މެމްބަރުންނަށް އޮންނަ އެއްޗެއް ނޫން. އެ މަޖިލީހަށް ހާޒިރުވާ މީހާއަށް ވެސް އޮންނަ އިމްތިޔާޒު އެބަވޭ،"

މަލީހް އެހެން ވިދާޅުވުމުން ތިނަދޫ ދެކުނު ދާއިރާ، އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ މަލީހް ހާޒިރުކޮށްފައިވަނީ ކޯޓަކަށް ނޫން ކަމަށާއި އެހެންކަމުން މަލީހް މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާނަމަ އެ މައްސަލަ ބެލޭނެ ކަމަށެވެ. މިނިސްޓަރުންނަށް މަޖިލީހުގެ މެމްބަރުން ބިރުދައްކާ ކަމަށް ތުހުމަތު ކުރާއިރު އެ ސުވާލަށް ޖަވާބު ބޭނުންވާ ކަމަށް ވެސް ސަނީފް ވިދާޅުވި އެވެ.

މިނިސްޓަރުންނަށް މަޖިލީހުގެ މެމްބަރުން ދައްކާ ބިރާ ގުޅޭގޮތުން މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރައްވަން ފެއްޓެވުމުން މަލީހް ވަނީ އެމްޑީޕީ ހަރުގެ ހިންގާ އުސޫލުން މަޖިލީސް ނުހިންގުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އުސޫލުތަކުގެ ތެރެއިން މަޖިލީސް ހިންގެވުމަށް މަލީހް އެދިވަޑައިގަތެވެ.

"ތިބޭފުޅުން ގާނޫނު އަސާސީ ވިދާޅުނުވުމަކީ އަޅުގަނޑުގެ މައްސަލައެއް ނޫން. ގާނޫނުތައް ވިދާޅުނުވުމަކީ އަޅުގަނޑުގެ މައްސަލައެއް ނޫން. އަޅުގަނޑަށް ފެނިގެން ދިޔައީ އިއްޒަތްތެރި މެމްބަރު އެ ދައްކަވާ ވާހަކައިން ގާނޫނު ވިދާޅުނުވާ ތަން. ގާނޫނު އަސާސީ ވިދާޅުނުވާ ތަން،" މަލީހް ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް އެ ކޮމެޓީގައި މަލީހާ އެއްކޮޅަށް ވާހަކަ ދެއްކެވީ މަލީހް ކުރިން ނިސްބަތްވި ޖުމްހޫރީ ޕާޓީގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އަމިއްލަ މެމްބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މެމްބަރު ނާޒިމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބޭނުންފުޅު ވާހަކައެއް ދެކެވޭއިރު މަޖިލީހުގެ ތަޅުމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ މިނިސްޓަރަކު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކޮމެޓީއަށް ހާޒިރު ކުރުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި މަލީހަކީ އިތުބާރު ނެތް ކަމަށް ނިންމައި ވަކިކޮށްފައިވާ ބޭފުޅަކަށްވާއިރު މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މަޖިލީހުގެ އިމްތިޔާޒުގެ ތެރޭގައި މަޖިލީހުގެ މެމްބަރަކަށް ލިބޭ ހައްގެއްގެ ގޮތުގައި ހަމަ އެ އުސޫލުން އަޅުގަނޑު ގަބޫލުކުރަނީ މިނިސްޓަރަކު މިނިސްޓަރަކަށް ހުންނަވައިގެން މަޖިލީހަށް ޖަވާބުދާރީވާން ލިބޭ 30 މިނެޓްގެ ތެރޭގައި މަޖިލީހުގައި މިނިސްޓަރަކަށް ވެސް ލިބިވަޑައިގަންނަވާ ބޭނުންފުޅު ވާހަކައެއް ދެއްކުމުގެ،" ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ވިދާޅުވީ މަލީހް ހާޒިރު ކުރަން ނިންމީ އެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް މަލީހް އެ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވުމުން އެ ކޮމެޓީ ނިންމާލީ ފެށިތާ 50 މިނެޓްގެ ތެރޭގަ އެވެ.

އިތުބާރު ނެތް ކަމަށް އެމްޑީޕީން އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ފާސްކުރިއިރު، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް މަލީހްގެ މައްޗަށް ކުރާ ތުހުމަތުތަކަށް މަލީހް ދެކޮޅު ހައްދަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox