Advertisement

ސަރުކާރު ޓެކްސީ ލައިންގެ ސަބަބުން ދައުލަތަށް ގެއްލުން ވާނެ ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފި

23 ނޮވެންބަރު 2025 - 11:14 14

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ސަރުކާރު ޓެކްސީ ލައިންގެ ސަބަބުން ދައުލަތަށް ގެއްލުން ވާނެ ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފި

23 ނޮވެންބަރު 2025 - 11:14 14

ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުން ދައުލަތުގެ މާލިއްޔާއަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުން ލިބޭނެ ކަމަށާއި އެކަން ކޮށްފިނަމަ، ރާއްޖޭގައި ޓެކްސީގެ ހިދުމަތް މިހާރު ދޭ މީހުންގެ އާއިލާތައް ބިކަވާނެ ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ވަގުތުން ހުއްޓައިލުމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންއަށް އެޑްރެސްކޮށް އެ އެސޯސިއޭޝަނުން ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރުމުގެ މަސައްކަތް މިހައިތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ހާމަކަން ބޮޑުކޮށް ދެ ފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ.

ޓެކްސީގެ ހިދުމަތް މިހާރު ދޭ ސެންޓަރުތަކާއި އެޕްތަކުގެ އިތުރުން ޓެކްސީ ކުރާ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ހިޔާލު އެއްވެސް މިންވަރަށް މިހައިތަނަށް ހޯދާފައި ނުވުމުން، އެ ދާއިރާއަށް އަމީން ދެއްވާ އަހަންމިއްޔަތުކަން ކުޑަކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް އެ ސިޓީގައި ބުންޏެވެ.

"ޓެކްސީ ފްލީޓުގެ ސަބަބުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އެތައް ހާސް ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ސީދާގޮތުން އަސަރުކޮށް އަދި ދިވެހި މާލިއްޔާއަށް އިއާދަކުރަން ދަތި މާލީގޮތުން ބޮޑެތި، ގެއްލުންތަކެއް ލިބިދޭނެ މަޝްރޫއުއެއް ކަމަށް މި ޖަމިއްޔާއިން ދެކެން،" ޓެކްސީ އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ބުންޏެވެ.

ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފު ކުރުމަކީ މި ފަހަކަށް އައިސް ސަރުކާރުން ފަށަން މަސައްކަތް ކުރާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ފެއިލްވާނެ މަޝްރޫއުކަމަށް ޓެކްސީ އެސޯސިއޭޝަނުން ލަފާކޮށްފައިވެ އެވެ.

ސަބަބެއް ކަމަށް އެ އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފުކޮށްފި ނަމަ، ފުރަތަމަ އަހަރު ވެސް މުސާރަ އާއި މެއިންޓެނެންސްގެ މަސައްކަތްތަކަށް 150 އާއި 200 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށް އަންދާޒާ ކުރެވުމެވެ. އެވަރުގެ ބޮޑު ހަރަދެއް އެކަމަށް ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްކަން އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނީ ދިވެހިރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމުގައި 3000 އެއްހާ ޑްރައިވަރުން މި ވަގުތު ވެސް ހަރަކާތްތެރިވަމުންދާއިރު، ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީ އާއި މާކެޓު އެސެސްމެންޓުތަކެއް ވެސް ހަދާފައި ނުވާ ކަމަށެވެ.

އެގޮތަށް އެކަން ކުރުމުން ދޭހަ ވަނީ ޓެކްސީ ޑްރައިވަރުންނާއި އެ މީހުންގެ އާއިލާތަކަށް ލިބިދާނެ އަނިޔާއަކަށް ސަރުކާރުން އެއްވެސް ވަރަކަށް ނުވިސްނާކަން ކަމަށް އެ ސިޓީގައި ބުންޏެވެ.

ދުނިޔޭގެ އެކި ކަންކޮޅުގައި ރާއްޖެއަށްވުރެ އިގުތިސާދީ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ސަރުކާރުގެ ޓެކްސީ ލައިނެއް އުފައްދައި ހިދުމަތް ދިނުމުގެ މަސައްކަތް ފެށި ނަމަވެސް، އެކަން ކުރިއަށް ގެންދެވިފައި ނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ކެންޔާ، މެކްސިކޯ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ސަރުކާރުތަކުން ޓެކްސީ ހިދުމަތް ދޭން ފެށުމަށްފަހު ހުއްޓާލަން ޖެހިފައިވާ ކަމަށް އެ ސިޓީގައި ބުންޏެވެ.

އެ ކަންކަން އެހެން ހުރިި ނަމަވެސް، އެ ކަންކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައި ވާތީ ޑްރައިވަރުންގެ އެސޯސިއޭޝަނުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ހިދުމަތް ދޭން ފަށައި، ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތަތީ، އެކަން އެގޮތަށް ވުމުގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ފަރާތުން އަމީންއަށް އިލްތިމާސް ކޮށްފައިވެ އެވެ.