Advertisement

ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅިތާ އަހަރެއް، އެއްވެސް ކަމެއް ނުވި

2 އޮކްޓޯބަރު 2025 - 15:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، އިކޮނޮމިކް މިނިސްޓަރު ސައީދު އާއެކު: ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅިތާ އަހަރެއްވީއުރު އެއްވެސް ކަމެއް ނުވި ---- ފޮޓޯ: ރައީސް އޮފީސް


ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅިތާ އަހަރެއް، އެއްވެސް ކަމެއް ނުވި

2 އޮކްޓޯބަރު 2025 - 15:45 1

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމައި ކޮންޓެންޓު ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގުފަހި ކުރުމަށްޓަކައި އޮންލައިން ޕޭމެންޓު ސިސްޓަމް، ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ފުޅާކުރުމަށް، އެ ކުންފުންޏަށް ސަރުކާރުން ޕްރޮޕޯސަލް ހުށަހެޅިތާ އަހަރެއް ވީއިރު އެއްވެސް ކުރިއެރުމެއް ނުލިބޭކަން އެނގިއްޖެ އެވެ.

މީގެ އަހަރެއް ކުރިން ސަރުކާރުން ޕްރޮޕޯސަލްއެއް ހުށަހެޅިކަން ރަސްމީކޮށް އިއުލާނު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1، ގައި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މާހިރުންގެ މަޝްވަރާތަކާއެކު ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށަހެޅީ އޭގެ ދެ ދުވަސް ކުރިން ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ޕޭޕަލް ގެނައުމަށް މި ސަރުކާރުން ފެށި މަސައްކަތުގައި މިހާތަނަށް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. ސަރުކާރުން ހުށަހެޅި ޕްރޮޕޯސަލް އަށް ޕޭޕަލް އިން އެއްބަސްވެފައެއް ވެސް ނުވެ އެވެ.

ޕޭޕަލް ގެނައުމާ ގުޅޭގޮތުން އެންމެ ފަހުން ރަސްމީ ބަހެއް ބުނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިންނެވެ. ޖޫން 18، ގައި އެމްއެމްއޭ އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.

ނަމަވެސް އެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރެވިފައި ނުވަނީ އާ ގައުމެއްގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ ކުރިން ނުވަތަ ފުޅާ ކުރުމުގެ ކުރިން އެ ކުންފުނިން ހަދާ ފީސިބިލިޓީ އެސެސްމެންޓު ރާއްޖޭގައި ކުރިއަށް ގެންދިިޔުމަށްފަހު ނިންމި ވިޔަފާރީގެ ނިންމުމެއްގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޭޕަލް އާއެކު ދިވެހި ރާއްޖެއަށް އެއްބަސްވުމަކަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ކްރޮސް ބޯޑާ ޓްރާންސެކްޝަން އާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ އުސޫލުތަކެވެ. މިކަމާ ގުޅިގެން ޕޭޕަލް އިން ބޭނުންވި އިތުރު މައުލޫމާތު ދިން ކަމަށް މިނިސްޓަރު ސައީދު ސެޕްޓެމްބަރު 17، 2024 ގައި ވިދާޅުވި އެވެ.

އެމްއެމްއޭގެ ސިޓީގައި ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ވެސް އެ ބޭންކުން އެއްބާރުލުން ދެމުންދާ ކަމަށެވެ.

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.