Advertisement

އޮކްޓޯބަރު 3 މުޒާހަރާ: ކަނޑު ދަތުރުކުރާ އުޅަނދުތައް ޗެކް ކުރަން ސިފައިން ނުކުމެއްޖެ

1 އޮކްޓޯބަރު 2025 - 13:12 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު ސިފައިން ބޭއްވި ހަރަކާތެއްގެ ތެރެއިން މާލޭ ފަޅުތެރޭ ކޯސްޓުގާޑުން ހަރަކާތްތެރިވަނީ ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އޮކްޓޯބަރު 3 މުޒާހަރާ: ކަނޑު ދަތުރުކުރާ އުޅަނދުތައް ޗެކް ކުރަން ސިފައިން ނުކުމެއްޖެ

1 އޮކްޓޯބަރު 2025 - 13:12 1

އޮކްޓޯބަރު 3، ގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ ބޯމަތިވެފައިވަނިކޮށް ކަނޑުދަތުރުކުރާ އުޅަނދުތައް ބަލައިފާސްކުރަން ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އޮޕަރޭޝަން ފެށީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކަމަށެވެ.

މި އޮޕަރޭޝަނުގައި އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

"މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ގޮތަށް ވަނީ ހަމަޖެހިފަ. ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ،" އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ސިފައިން ގެއިން އިތުރަށް ބުނީ މި އޮޕަރޭޝަނުގައި ބަލާ ކަންކަމަކީ މި އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާނެ ކަމަށެވެ.

އެމްއެންޑީއެފް އިން މިފަދަ އޮޕަރޭޝަނެއް ފަށާފައި މިވަނީ، އޮކްޓޯބަރު 3، ގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމުގައި ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މުޒާހަރާ ހުއްޓުވާނެކަމުގެ އިޝާރާތެއް ފުލުހުން ދީފައި ވަނިކޮށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޮޑު އެއްވުމުގައި ކުށްކުރާ ގުރޫޕުތައް ނެރެ މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތުތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިކަން ދޮގުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ބޮޑު އެއްވުން ހުއްޓުވުމަށް މާލޭގަައި ހަރަކާތްތެރިވާ ގޭންގުތަކަށް ރައީސް މުހައްމަދު މުއިއްޒު ފައިސާ ދެމުންދާ ކަމަށެވެ. އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން، ރޭ ދަންވަރު ގިނަ އަދަދެއްގެ ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި މާލޭގެ މަގުތަކަށް ނުކުމެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާ ފަށާ އާޓިފިޝަލް ބީޗު ކައިރީގަ އެވެ.

އެގޮތުން، ސަލްމާން މިސްކިތް ކައިރި އަދި ރާޅުގަނޑު ސަރަހައްދު އަދި މަޖީދީ މަގު ޖެލީ ރެސްޓޯރަންޓު ކައިރި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އާންމުކޮށް އެއްވުންތަކާއި މުޒާހަރާތައް ހުއްޓުވަން އަދި ރޫޅާލަން ބޭނުންކުރާ ޝީލްޑު ފަދަ އާލާތްތަކާއެކު ސަފުތަކަށް އެތުރި، ފުލުހުން ތައްޔާރުވަމުން ދިޔަ މަންޒަރު އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެނެ އެވެ.