Advertisement

ހަންކެޑެ އެއްބަސްވުން ބާތިލުކުރުމުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް ފައްޔާޒު ވިދާޅުވެއްޖެ

25 އޮގަސްޓު 2025 - 20:15 2

އަމަން ހަލީމް

އަމަން ހަލީމް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ހަންކެޑެ މަޝްރޫއު ހުއްޓާލަން ޖެހުނީ ސަރުކާރު ނާގާބިލު ކަމުންކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ހަންކެޑެ އެއްބަސްވުން ބާތިލުކުރުމުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް ފައްޔާޒު ވިދާޅުވެއްޖެ

25 އޮގަސްޓު 2025 - 20:15 2

އައްޑޫ އަތޮޅު ހަންކެޑެގައި އިންޓަގްރޭޓަޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ފެށި މަޝްރޫއު ހުއްޓާލުމުން ހިތާމަކުރައްވައި، ސަރުކާރުގެ މި ނިންމުމާ ގުޅިގެން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒު އެކްސްގައި މިހެން ވިދާޅުވީ، ހަންކެޑެ ކުއްޔަށް ދިނުމުގެ އެއްބަސްވުން މި ސަރުކާރުން ބާތިލުކުރި ނިންމުމަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުން ވަނީ ހަންކެޑެ އިންޓަގްރޭޓަޑް ރިސޯޓު ކޮންސެޕްޓަށް ތަރައްގީކުރުމުގެ ވިސްނުން ދޫކޮށް ހަލާލު ޓޫރިޒަމަށް ހާއްްސަކޮށްފަ އެވެ.

މީގެ ކުރިން ވެސް މި ސަރުކާރުން ހަންކެޑެ މަޝްރޫއާ ގުޅިގެން ކަންކުރަމުން އަންނަ ގޮތަށް ފާޑުވިދާޅުވެފައިވާ ފައްޔާޒު ވަނީ، މިއީ ކޮންސެޕްޓުން ފެށިގެން އެ މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް ޗައިނާގެ ދައުލަތް ހިއްސާވާ ބޭންކަކުން ހަމަޖައްސާފައި ހުރި ޕްރޮޖެކްޓެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މިއީ އައްޑޫ އިންޓަނޭޝަލް އެއާާޕޯޓު ތަރައްގީކުރުމާއެކީ އައްޑޫގައި ޓޫރިޒަމް ތަރައްގީކުރަން އެމްޑީޕީ ސަރުކާރުން ގެންގުޅުނު ވިސްނުމުގެ މުހިންމު މަސައްކަތެކެވެ.

"2023 ގައި ސަރުކާރު ބަދަލުވީއިރު ޕްރޮޖެކްޓު އޮންނާނީ އިނީޝިއޭޝަން ސްޓޭޖުގައި، ނުކޮށް އޮތް ހަމައެކަނި ކަމަކީ ލޯނު އެއްބަސްވުމުގައި ސޮއިކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

ހަންކެޑެ މަޝްރޫއު ހުއްޓާލަން ޖެހުނު ސަބަބެއް، އެހެން މަޝްރޫއުތަކުގައި ވެސް ކަންކުރަމުން އަންނަ އުސޫލުން، މި ސަރުކާރުން ނުބުނެ އެވެ.

ނަމަވެސް މީގެ ކުރިން އަދަދު އިން ވާނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ މި މަޝްރޫއުުގެ ފައިނޭންސިން އެއްބަސްވުމުގައި ސޮއިނުކުރެވީ، ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތައް ރީފައިނޭންސް ކުރަން އުޅުމުން، ކުރިން ހަމަޖެހިފައި ހުރި ލޯނު ނުލިބޭ ގޮތް ވެގެންނެވެ.

މިކަމަށް އިޝާރާތްކުރައްވާ ފައްޔާޒު ވިދާޅުވީ، މި ޕްރޮޖެކްޓު ހުއްޓާލަން ޖެހުނީ މި ސަރުކާރުގެ ނާގާބިލުކަމާއި ރަނގަޅު ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި މިއާ އެކީގައި އައްޑޫ އަތޮޅާއި މުޅި ދެކުނު ހިމެނޭހެން އެތައް ބަޔަކަށް އަމިއްލަ ފަސްގަނޑުގައި ހުރި އިގުތިސޯދީ ފުރުސަތުތަތަކަށް ކުރި އުއްމީދުތައް ނެތި ގޮސްފި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހަލާލު ޓޫރިޒަމް ކުރިއަރުވަން ބޭނުންވި ނަމަ، ރަނގަޅަށް ހިނގަމުން އައި ޕްރޮޖެކްޓެއް ހުއްޓާނުލައި އައްޑޫ ސަހާވެލި ނޫނީ ގައުކެޑެގައި ވެސް އެކަން ކުރެވުނީސް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެއްބަސްވުން ބާތިލުކުރުމާއެކީ ބަދަލެއް ދޭން ޖެހުމުގެ އިތުރަށް، އިގުތިސޯދީީ މިނިވަންކަން ހާސިލުކުރަން އައްޑޫން ކުރަމުންދާ މަސައްކަތަށް ގެއްލިގެން ދިޔަ އަގުހުރި ވަގުތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރު ލޯނު ހަމަޖެއްސި މި ޕްރޮޖެކްޓު ހަވާލުކުރީ މޯލްޑިވްސް ފަންޑް މެނޭޖުމަންޓު ކޯޕަރޭޝަނާ އެވެ. ޕްރޮޖެކްޓުގ އަމަލީ މަސައްކަތް ކުރަން ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އާ އެވެ.

ހަންކެޑެ މަޝްރޫއު ހިންގުނު ނަމަ އެ ތަނުގައި އެކި ފަންތީގެ 2082 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތައް ހުންނާނެ އެވެ. އޭގެ ތެރޭގައި ވިލާތަކާއި ހޮޓާތަކާއި ސާވިސްޑް އެޕާޓުމަންޓުތައް ވެސް ހިމެނެ އެވެ.