Advertisement

ޝުޖާއުގެ ރިޕޯޓު ލީކުވުމާއެކު އެފްއައިޔޫގެ ވެރިޔާ އަޝްރަފު ބަދަލުކޮށްފި

3 އޮގަސްޓު 2025 - 14:23 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެފްއައިޔޫގެ ވެރިޔާ އަބްދުالله އަޝްރަފް: އެފްއައިޔޫއަކީ މިނިވަންކޮށް ހިންގަން ޖެހޭ ޔުނިޓެއް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޝުޖާއުގެ ރިޕޯޓު ލީކުވުމާއެކު އެފްއައިޔޫގެ ވެރިޔާ އަޝްރަފު ބަދަލުކޮށްފި

3 އޮގަސްޓު 2025 - 14:23 0

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ނުވަނީސް އެ ޔުނިޓުގެ ވެރިޔާ ބަދަލުކޮށްފި އެވެ.

އެފްއައިޔޫގެ ވެރިޔަކަށް ހުންނެވީ އަބްދުالله އަޝްރަފް އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އެހެން މީހަކު ހަމަޖައްސާފައިވާކަން އަދަދު އަށް ވަނީ ޔަގީން ކުރެވިފަ އެވެ.

މި ހަބަރު ޝާއިއުކުރި ފަހުން އެމްއެމްއޭއިން މައުލޫމާތު ދިން ގޮތުގައި ހަމަޖައްސާފައިވަނީ އިސްމާއިލް ސާޖިދު އެވެ. އެއީ ސްޓްރަކްޗަރަލް ބަދަލެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އަޝްރަފް ބަދަލުކުރީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށެވެ.

މިއީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފު ދުރުކުރި ދެވަނަ ފަހަރެވެ.

އެފްއައިޔޫގެ އައު ވެރިޔާ ސާޖިދު


އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.

އެފްއައިޔޫގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން ލީކުވި ނަމަވެސް މިހާތަނަށް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ދައުލަތުގެ އިދާރާތަކުން އަޅާފައި ނުވެ އެވެ.

ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ. މި މައްސަލަ އެފްއައިޔޫއިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.

ކަމާގުޅުން ހުރި އިދާރާތަކުގައި މަސައްކަތް ކުރާ މި ރިޕޯޓުގެ މައުލޫމާތު އެނގޭ މީހުން ވަނީ މިއީ ސައްހަ ރިޕޯޓެއްކަން "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް، އެ ރިޕޯޓާ ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތެވެ.

އެ ރިޕޯޓު ލީކުވުމުން ޝުޖާއު ވިދާޅުވި ގޮތުގައި އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގެ އެވެ. މި ރިޕޯޓަކީ ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 10، 2024 އަށް ހިނގާފައިވާ މުއާމާލަތްތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.