Advertisement

މާލީ ހިސާބުތައް "ރީކޮންސިލިއޭޝަން" ގައި ތާށިކުރުން، ސަރުކާރަށް ލިބޭ ޗޮއިސްއެއް ނޫން

30 ޖުލައި 2024 - 15:24 1

އަމަން ހަލީމް

އަމަން ހަލީމް


މާލީ ހިސާބުތައް "ރީކޮންސިލިއޭޝަން" ގައި ތާށިކުރުން، ސަރުކާރަށް ލިބޭ ޗޮއިސްއެއް ނޫން

30 ޖުލައި 2024 - 15:24 1

ދައުލަތަށް ލިބޭ އާމްދަނީ އާއި ދަރަންޏަށް ހޯދާ ފައިސާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުން ހަރަދުކުރާ ގޮތް އެނގުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެކެވެ. އެހެނީ، މި ހުރިހާ ފައިސާއަކީ ދިވެހި ރައްޔިތުންގެ ފައިސާއަށް ވެފައި، އެންމެންގެ ފައިސާއަށް ވާގޮތް އެންމެނަށް އެނގެން ޖެހޭތީ އެވެ.

ވަކިން ހާއްސަކޮށް އިގުތިސޯދީ މުސްތަގުބަލާ މެދު ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި މިފަދަ ހުރިހާ މައުލޫމާތެއް ހާމައަށް ފެންނަން ހުންނަން ޖެހޭނެ އެވެ. ކިރިޔާ ވެސް ތަސަައްލީއެއް ލިބެން އޮތީ ގައުމުގެ މާލީ ހާލަތުގެ ވާނުވާ އެނގިގެން ކަމަށް ވާތީ އެވެ.

ނަމަވެސް، ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރުގެ 25 ވަނަ ހަފުތާގެ ފަހުން، ކުރިން ގަވާއިދުން އާންމުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތައް އާންމުކުރުން ހުއްޓާލާފަ އެވެ. އެ ރިޕޯޓުތައް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުނުކުރަނީ ކީއްވެގެންތޯ ސުވާލުކުރާ ކޮންމެ ފަހަރެއްގައި ފިނޭންސުން ބުނަނީ "ރީކޮންސިލިއޭޝަން" ކުރިއަށްދާތީ ކަމަށެވެ.

ރީކޮންސިލިއޭޝަން އަކީ ކޮބާ؟


މާލީ ދާއިރާގައި ރީކޮންސިލިއޭޝަން ނުވަތަ ފައިނޭންޝަލް ރީކޮންސިލިއޭޝަނަކީ، ތަފާތު ދެ ޑޭޓާ ސެޓެއް އަޅައިބެލުމަށް ފަހު އޭގައި ހުރި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރަން އެކައުންޓިންގައި ބޭނުންކުރާ ގޮތެކެވެ. މަސްދަރު: އިންވެސްޓޮޕީޑިއާ

މާލީ ރެކޯޑުތަކުގެ ސައްހަކަން ކަށަވަރުކޮށް، ބަރޯސާވުން އިތުރުކުރަން ރީކޮންސިލިއޭޝަން އަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެނަސް މިއީ ސަރުކާރަށް ވަންނަ ފައިސާ އާއި އެ ފައިސާ ހަރަދުކުރަމުންދާ ގޮތް ވަންހަނާ ކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ. ސަބަބަކީ ރީކޮންސިލިއޭޝަނަކީ ތާއަބަދު ހިނގާ ކަމަކަށް ވާތީ އެވެ.

މިކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓެއް ކިޔައިލުމުން އެނގޭނެ އެވެ. އެ ރިޕޯޓުގެ ދެވަނަ ގަނޑުގައި އޮންނަ "ސަމަރީ އޮފް ގަވަމަންޓް ފައިނޭންސަސް" ތާވަލުގެ ސުރުހީ ނިމޭކޮޅުގައި އޮތް މަރުކާގެ ނޯޓުގައި އޮތީ އެ ވާހަކަ އެވެ.

"ރީކޮންސިލިއޭޝަން މަސައްކަތް ކުރިއަށްދާ ވަރަކުން އާމްދަނީ އާއި ހަރަދުތަކުގެ ޑޭޓާއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް" އިނގިރޭސި ބަހުން ކޮންމެ ރިޕޯޓެއްގައި ލިޔެފައި އޮވެ އެވެ.

މިކަހަލަ ރިޕޯޓުތަކުގައި ހުންނަ އަދަދުތަކަށް ބަދަލު އައުމަކީ، އެކައުންޓިން ދާއިރާ އާއި މުޅި ދުނިޔެއިން ބަލައިގެންފައި އޮތް ހަމައެކެވެ. ކަން މިހެން އޮއްވައި، އެ މަސައްކަތް ކުރަމުންދާތީއޭ ބުނެ، ސަރުކާރުން މާލީ ރިޕޯޓުތައް ސިއްރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އާދަޔާ ހިލާފު ހާލަތެއްގައި ހުރިހާ ރެކޯޑެއް ގެއްލިގެން މެނުވީ، މިއީ ހާމަކުރަން ޖެހޭ މައުލޫމާތެވެ.

މާލީ ހާމަކަމަކީ "ޗޮއިސް" އެއް ނޫން

މީގެ ތިން އަހަރެއް ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖޭގެ ފިސްކަލް ޓްރާންސްޕޭރެންސީ (މާލީ ހާމަކަން) ހުރި މިންވަރުގެ އިވެލުއޭޝަނެއް ހެދި އެވެ. އެ އިވެލުއޭޝަނުގައި ރާއްޖެއިން ރަނގަޅަށް ކުރަމުންދާ މަދު ކަންކަމުގެ ތެރޭގައި ފާހަގަކުރި އެއް ކަމަކީ، މާލީ ހިސާބުތައް ހާމަކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކެވެ.

މިހާރު އާންމުނުކޮށްގެން އުޅޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތަކަކީ، މިގޮތަށް އެޅި އެއް ފިޔަވަޅެވެ. މީގެ ރިޕޯޓެއް އެންމެ ފުރަތަމަ ޝާއިއުކުރީ ޑިސެމްބަރު 2018 ގަ އެވެ. އެފަހުން، ބައެއް ހަފުތާތަކުގައި ކުޑަ ލަސްތަކެއް އައި ނަމަވެސް، އެ ރިޕޯޓުތައް ގަވާއިދުން ޝާއިއުކޮށްފައިވެ އެވެ. ފިނޭންސުގެ ވެބްސައިޓުގައި މިހާރު ވެސް އެ ހުރިހާ ރިޕޯޓުތަކެއް ފެންނަން އެބަހުއްޓެވެ.

މިހެން ރަނގަޅަށް ކުރަމުން އައި ކަމެއް، އާންމުކޮށް ކުރާ ކަމެއް އަލަށް ކުރާ ކަމަކަށް ހަދައިގެން، ފަރުދާކޮށްގެން ސަރުކާރުން އުޅޭ ސަބަބު ސާފުކޮށްދޭން ޖެހެ އެވެ. އެހެން ނޫނީ އާންމުންގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ގޮތުން ނުރަނގަޅު މައުލޫމާތު ދައުރުވެ، ނުތަނަވަސްކަން އިތުރުވުން، ނޫން ކަމެއް ނުވެ އެވެ.

އަނެއް ކޮޅުން މާލީ ރިޕޯޓުތަކަކީ ސިޔާސަތު ކަނޑައަޅަން ތިބޭ މީހުންނަށް އެކަނި ބަލަން ހުންނަ އެއްޗެއް ނޫނެވެ. އެއީ އެންމެނަށް ފެންނަން ޖެހޭ އެއްޗެކެވެ. އެންމެނަށް އެއްވަރަކަށް މުހިންމު ވާތީ އެވެ. މުޅި ގައުމުގެ އިގުތިސޯދާއި އެއާ އެކުއެކީ އާންމު ދިރިއުޅުގެ މުސްތަގުބަލު ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ހިނދު އެ ފޮރުވައިގެން އޮތުމުގެ ހައްގެއް، އިހުތިޔާރެއް ސަރުކާރަކަށް ނުލިބެ އެވެ.

އެންމެ ފަހުން ސަރުކާރުން ހަރަދު ކުރި ގޮތާއި ލިބުނު އާމްދަނީގެ ތަފުސީލުތައް ލިބެން އޮތީ މީގެ ހަ ހަފުތާ ކުރިންނެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އާންމު މަސްލަހަތަށް ޓަކައި ވެސް ސަރުކާރުން މި ރިޕޯޓުތައް އިތުރު ލަސްތަކެއް ނުކޮށް އާންމުކުރަން ޖެހެ އެވެ.