Advertisement

މި ސަރުކާރާ ޖެހުމުން އިންޑިއާގެ އުޅަނދުތަކުން ކުރި ދަތުރުތަކުގެ އަދަދު ސިއްރުކޮށްފި

29 ޖުލައި 2024 - 12:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


މި ސަރުކާރާ ޖެހުމުން އިންޑިއާގެ އުޅަނދުތަކުން ކުރި ދަތުރުތަކުގެ އަދަދު ސިއްރުކޮށްފި

29 ޖުލައި 2024 - 12:57 0

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުން މި ވެރިކަމުގައި ކުރި ދަތުރުތަކުގެ އަދަދު ސިއްރުކުރަން ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ އުޅަނދުތަކުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމާއި މި ވެރިކަމުގައި ކުރި ދަތުރުތަކުގެ އަދަދު ހޯދުމަށް މި ނޫހުން ވާނީ އެދިފަ އެވެ.

މެއި 12، ގައި ހުށަހެޅި މި އާރުޓީއައި އަށް ޑިފެންސުން ޖުލައި 25، ގެ ރޭ ޖަވާބު ދިނީ ޖަވާބެއް ނުލިބި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އިން މި މައްސަލާގައި އަޑުއެހުމެއް ވެސް ބޭއްވި ފަހުންނެވެ.

އެ އަޑުއެހުމުގައި ވެސް ޑިފެންސްގެ އިންފޮމޭޝަން އޮފިސަރު ވަނީ ޖަވާބު ދިނުން ލަސްވަނީ ދެވޭނެ މައުލޫމާތުތަކާއި ސިއްރުކުރަން ޖެހޭ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

ޑިފެންސުން ދިން ޖަވާބުގައި ނޮވެމްބަރު 17، 2018 އިން ނޮވެމްބަރު 17، 2023 އަށް އިންޑިއާގެ އުޅަނދުތަކުން ކުރި ދަތުރުތަކުގެ އަދަދު ހިއްސާކުރި އެވެ. ނަމަވެސް ޖެހިގެން އައި ޖުމްލާގައި ޑިފެންސުން ބުނީ ނޮވެމްބަރު 17، 2023 އިން ފެށިގެން ހަމަ އެ އުޅަނދުތަކުން ކުރި ދަތުރުތައް ހާމަކުރުވެން ނެތް ކަމަށެވެ.

"ސިފައިންގެ ބޭނުމަށް އޮޕަރޭޓު ކުރާ އުޅަނދުފަހަރުގެ ހަރަކާތްތަކުގެ ތަފުސީލު ގާނޫނު ނަމްބަރު 1/2014 ގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށް އާންމުކުރެވެން ނެތް ކަމުގައި ދަންނަވަން،" މިނިސްޓްރީގެ ޖަވާބުގައިވެ އެވެ.

މައުލޫމާތު ސިއްރުކުރަން ޑިފެންސުން ނެގީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގައުމީ ސަލާމަތާއި ދިފާއީ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ސިއްރުކުރުމުގެ ބާރު ލިބޭ މާއްދާ އަށެވެ.

2018 އިން 2023 އަށް ކުރި ދަތުރުތައް

  • ހަނިމާދޫގައި އޮންނަ ޑޯނިއާ - 386 ދަތުރު
  • އައްޑޫ ސިޓީ ގަމުގައި އޮންނަ ހެލިކޮޕްޓަރު - 245 ދަތުރު
  • ލ. ކައްދޫގައި އޮންނަ ހެލިކޮޕްޓަރު - 281 ދަތުރު

މި މައުލޫމާތަށް ބަލާއިރު ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ އުޅަނދުތަކުން ޖުމްލަ 912 ދަތުރު ކުރި އެވެ. މި އުޅަނދުތައް ބޭނުން ކުރީ ބަލިމީހުން އުފުލުމަށާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އަދި ރެސްކިއު އޮޕަރޭޝަންތަކުގަ އެވެ.

އިންޑިއާގެ އުޅަނދުތައް އޮޕަރޭޓުކުރަން ތިބި އެ ގައުމުގެ ސިފައިން ފޮނުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެވަޑައިގެންނެވި ވައުދާއެކު، ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ފެށްޓެވި އެވެ. ނަމަވެސް އޭގެ ފަހުން އިންޑިއާގެ އުޅަނދުތައް އުދުހުނެވެ.

ތިން ބެޗަކަށް ބަހާލައިގެން އިންޑިއާގެ 76 ސިފައިން އަނބުރާ ގެންގޮސް ނިމުނު ކަމަށް ސަރުކާރުން ބުނީ މެއި 10، ގަ އެވެ. ބަދަލުގައި ގެނައީ އިންޑިއާގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މަދަނީން ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

މަދަނީން އައި ފަހުންވެސް އިންޑިއާގެ އުޅަނދުތައް އެކި ދަތުރުތައް ކޮށްފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރަސްމީކޮށް ބަލިމީހުން އުފުލަން ފަށާ ޑޯނިއާއިން މިނިވަން ދުވަހު ދަތުރެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މައުލޫމާތު ސިއްރުކުރުމުން އެ އުޅަނދުތަކުން މި ވެރިކަމުގައި ކުރި ދަތުރުތަކުގެ ޖުމްލަ އަދަދެއް ނޭނގެ އެވެ.