ތިން މަސް ދުވަސް ތެރޭގައި ގޯތި ހަވާލުކުރުން ލާޒިމު ކުރާ ބިލު އަނބުރާ ފޮނުވައިލި ސަބަބު ރައީސް ތަފުސީލު ކޮށްދެއްވައިފި

ތިން މަސްދުވަސް ތެރޭގައި ގޯތި ހަވާލުކުރުން ލާޒިމު ކުރާ ބިލު މިހާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައި -- ފޮޓޯ ރައީސް އޮފީސް

ތިން މަސްދުވަސް ތެރޭގައި ގޯތި ހަވާލުކުރުން ލާޒިމު ކުރާ ބިލު މިހާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައި -- ފޮޓޯ ރައީސް އޮފީސް

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލެ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސް ދުވަސް ތެރޭގައި ހަވާލު ކުރުން ސަރުކާރަށް ލާޒިމުވާ ގޮތަށް ނިމިދިޔަ މަޖިލީހުން ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވި ސަބަބުތަކުގެ ތަފުސީލު މިއަދު މަޖިލީހުގައި އިއްވައިފި އެވެ.

މަޖިލީހަށް އެޑްރެސް ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީގައި ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލި މައިގަނޑު ހަ ސަބަބެއް ބަޔާން ކުރައްވައިފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލު ކުރުން ލާޒިމުވާ ބިލު 19 މަޖިލީހަށް ހުށަހެޅިީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއީލް އަހުމަދު ނަސީމު އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ބިލު ފާސްކުރީ މިދިޔަ އޭޕްރިލް 29، ގަ އެވެ.

އެ ބިލުގައި ކަނޑައަޅާފައި އޮތީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމާއި ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާއަށް ނ. އަދި ރ. ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ.

ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް އިތުރު ކޮށްފައި ވަނީ ބަންޑާރަ ގޯތި ހަވާލު ކުރުމާ ބެހޭ މާއްދާއެކެވެ.

އެގޮތުން އެ މާއްދާގެ ހ. ގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރުމަށްފަހު ހަވާލު ކޮށްފައިނުވާ ގޯތިތައް އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު މީހުންނަށް އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

މިއަދު މަޖިލީހުގައި އިއްވި ސިޓީގައި އެ ދެ އަކުރުގައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވެފައި ވަނީ ބަންޑާރަ ގޯއްޗެއް ދޫކުރާ ތާރީހުން ފެށީގެން އެ ގޯތި ލިބޭ ފަރާތަކަށް ހައްގުތަކެއް ލިބިގެންދާ ކަމަށާއި ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ގޯތީގައި މީހުން ދިރިއުޅެން ފަށުން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު 14 ވަނަ މާއްދާ އާއި އެމާއްދާގެ ދަށުން އެކުލަވާލައިފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައި 25 ވަނަ މާއްދާގައި ލާޒިމުކޮށް އެގޮތަށް އަމަލު ނުކޮށްފި ނަމަ އެ ގޯއްޗެއް ލިބުނު ފަރާތެއްގެ އަތުން އަތުލެވޭނެކަމަށް ބަޔާން ކޮށްފައި އޮންނަ އޮތުން އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

"[އެހެންކަމުން] އަމަލީގޮތުން ދިރިއުޅެން ފެށެން ނެތް ތަންތަން ހަވާލު ކުރުމުުގެ ނަތީޖާއަކީ އިސްވެ ދެންނެވި ގޮތަށް ގޯތި ލިބިފައިވާ ފަރާތުގެ ހައްގުތައް އެގޯތި ދޫކުރި ތާރީހުން ފެށިގެން ފުރިހަމައަށް ހުރަސްއެޅިގެން ދިޔުން،" އެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން ރައީސް މުއިއްޒުގެ ސިޓީގައި ވަނީ ބިމާބެހޭ ގާނޫނުގައި ވެސް އަދި މީކާއިލްގެ ބިލުގައި ވެސް "ގޯތި ހަވާލު ކުރުން" އެ އިބާރާތަށް ވަކި ހާއްސަ މާނައެއް ދީފައި ނުވާކަން ފާހަގަކުރައްވައި "ގޯތި ރެޖިސްޓަރީ ހަވާލު ކުރުން" އާއި " ގޯތު ހަވާލު ކުރުން" ބިލުގެ ދެ މާއްދާއެއްގައި ހިމަނައިފައި ވާތީ އެއީ ތަފާތު ދެކަމެއްކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ނުހިއްކާ ސަރަހައްދަކުން ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ ގޯއްޗަކަށް [ފަރާތަކަށް] ރެޖިސްޓްރީއެއް ހަވާލު ކުރެވިދާނެ ކަމަށް ބެލިނަމަވެސް "ގޯތި ހަވާލު ކުރުން" މި އިބާރާތް، އެ އިބާރާތުގެ އާންމު މާނައިގައި ގެދޮރު އެޅުމަށް ނުވަތަ އިމާރާތެއް ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގައި ހިމެނޭ ބިން ވަކިކޮށް އެ ގޯތި ލިބުނު ފަރާތާ އެ ފިޒިކަލް ބިން ހަވާލު ކުރުން ކަމަށް މާނަ ކުރެވޭ ކަމަށް ވެސް ފެނެ އެވެ،" އެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ނިމިދިޔަ މަޖިލީހުން ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާއަށް އިތުރު ކުރި ދެ އަކުރުގެ ތެރެއިން ނ. ގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، ގެޒެޓު ކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރެޖިސްޓަރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

އެ މާއްދާގެ ރ. ގައި އޮތީ އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރުމަށްފަހު ރެޖިސްޓަރީ ހަވާލުކޮށްފައި ނުވާ ގޯތިތަކުގެ ރެޖިސްޓަރީ އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތިތައް ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށެވެ.

ދެ އަކުރަށް ރިއާޔަތް ކުރައްވައި ރައީސްގެ ސިޓީގައި ލިޔުއްވާފައި ވަނީ މިދިޔަ ސަރުކާރުން ދޫކުރި ހުރިހާ ގޯތިތަކެއްގެ ރެޖިސްޓަރީ އަދިވެސް ހަވާލު ކުރެވިފައި ނުވަނީ ހިއްކާ ނުނިމޭ ސަރަހައްދުތަކުން ވެސް ގޯތި ދީފައި ހުރުމުން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކަލަވާލައިފައިވާ ކަމާބެހޭ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ތަސައްވުރު ކޮށްފައި ވަނީ ބިމާ ބެހޭ ސިޔާސަތާއި ރަށުގެ ނުވަތަ ސިޓީއެއްގެ ލޭންޑު ޔޫސް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ދިރިއުޅުމަށާއި ގެދޮރު އިމާރާތްކުރަން އެކަށައަޅާ ބިމުން ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމަށް ކަމަށް އެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ރައީސްގެ ސިޓީގައި ލިޔުއްވާފައި ވަނީ "ނުހިއްކަައި އޮތް ސަރަހައްދަކުން ސަރުކާރުން ބަންޑާރަ ގޯތި ދޫކޮށް އެ ބަންޑާރަ ގޯތި އެފަރާތްތަކާ ހަވާލުކޮށް އެ ގޯއްޗަށް ރެޖިސްޓަރީއެއް ހަދައިދިނުމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުން ތަސައްވުރު ކޮށްފައިވާ ކަމެއް ކަމާމެދު ސުވާލު އުފެދޭ،" ކަމަށާއި ނުހިއްކާ ބިންތަކުން ދޫކޮށްފައިވާ ގޯތިތަކުގެ ރެޖިސްޓަރީ ހަވާލު ކުރުމަކީ "ބިލުގައި ކަނޑައަޅައިފައިވާ މުއްދަތުގައި [ތިން މަސްދުވަހުގެ ތެރޭގައި] އަމަލީގޮތުން ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމުގައި ފާހަގަ ކުރެވޭ" ކަމަށެވެ.

ހިއްކަމުންދާ ސަރަހައްދުތަކުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރެޖިސްޓަރީ ހަވާލުކޮށްފައި ނުވާ ފަރާތްތަކަށް ގޯތި ލިބިފައިވާ ކަމުގެ ލިޔުމެއް ހަވާލު ކުރަނީ އެ ގޯތި ކަނޑަންޖެހޭ ސަރަހައްދު ހިއްކައި ނިމުމުން ގޯތީގެ ރެޖިސްޓަރީ ހަވާލު ކުރާ ގޮތަށް ކަމަށް ރައީސްގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، ނުހިއްކާ ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރުމަށް ތިން މަސްދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށާއި ބިލު ތަސްދީގު ކޮށްފި ނަމަ ހައުސިން މިނިސްޓަރީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.

އެ ނުކުތާތަކަށްފަހު ރައީސް ވަނީ މިހާރު އަމަލު ކުރަމުންދާ ބިމާ ބެހޭ ގާނޫނުގެ ބަދަލުގައި ބިމާ ބެހޭ އާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ކުރަމުންދާއިރު، އުވިގެން ދާނެ ގާނޫނަކަށް އިސްލާހެއް ހުށަހެޅުމަކީ މާނައެއް ނެތް ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ބިމާ ބެހޭ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް އަލަށް އެކުލަވައިލާ ގާނޫނީ އޮނިގަނޑަށް ގެނައުމުގެ ފުރުސަތު އޮތަތީ ރައީސްގެ ވިސްނުންފުޅުގައި "މިހާރު އަމަލު ކުރަމުން ގެންދާ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް މި ބިލުން ގެންނަ އިސްލާހުތައް މި ހިނދުގައި ގެނެސް ހާސިލު ކުރަން ބޭނުންވާ ނަތީޖާއެއް ހާސިލު ކުރެވިދާނެ ކަމަށް ވެސް ނުފެނެ" ކަމަށް ސިޓީގައި ލިޔުއްވާފައިވެ އެވެ.

އެ ހުރިހާ ނުކުތާތަކަކަށް ރިއާއަތް ކުރައްވައި ސިޓީ ނިންމަވައިލައްވަމުން ރައީސްގެ ސިޓީގައި ލިޔުއްވާފައި ވަނީ ބިމާ ބެހޭ ގާނޫނަށް މިދިޔަ މަޖިލީހުން ގެންނަން ބޭނުންވި އިސްލާހު ގެނައުމުގެ ބިލުގައި އެ ގަނޫނަށް އަމަލު ކުރަން ފަށާއިރު ހަވާލުކޮށްފައި ނުވާ ބަންޑާރަ ގޯތިތައް ހަވާލު ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތަކީ އަމަލީ ގޮތުން އެކަން ކުރިއަށް ގެންދިޔުމަށް އެކަށީގެންވާވަރުގެ މުއްދަތެއް ކަމަށް ނުފެންނާތީ ބިލާ މެދު އަލުން ވިސްނުމަށްޓަކައި ބިލު އަނބުރާ މަޖިލީހަށް ފޮނުވީ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ބިން ލިބުނު ކަމުގެ ލިޔުން މިހައިތަނަށް ހަވާލު ކޮށްފައި ވަނީ 8،394 މީހުންނަށެވެ.

މިހާރުގެ ސަރުކާރުން ވަނީ ބިން ލިބުނު ކަމުގެ ލިޔުން ނުލިބޭ މީހުންނަށް ލިޔުން ހަވާލު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox