Advertisement

އުތުރުތިލަފަޅަށް ޗައިނާ ކުންފުނި އަންނަނީ އަސްކަރީ މަސައްކަތް ކުރަން ކަމަށް ފައްޔާޒު ތުހުމަތުކުރައްވައިފި

2 އޭޕްރީލް 2024 - 14:33 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. ރާއްޖޭގައި ދަނޑުވެރިކަން ކުރަން އެހެން ސަރަހައްދުތައް ހުރި ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ


އުތުރުތިލަފަޅަށް ޗައިނާ ކުންފުނި އަންނަނީ އަސްކަރީ މަސައްކަތް ކުރަން ކަމަށް ފައްޔާޒު ތުހުމަތުކުރައްވައިފި

2 އޭޕްރީލް 2024 - 14:33 0

އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ސަރުކާރުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާއިރު އެ ތަނަށް އެ ކުންފުނި އަންނަނީ ދަނޑުވެރިކަމުގެ ބޭނުމުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ތަނުގައި ކުރާނީ ޗައިނާގެ އަސްކަރީ މަސައްކަތް ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތުކުރައްވައިފި އެވެ.

ފައްޔާޒް މިމޭރުމުން ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގަ އެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރަން އެތައް ބިމެއް އޮތްއިރު ކަނޑުން ހިއްކައިގެން ދަނޑު ހައްދަން އުޅޭ ސަބަބާ ގުޅޭގޮތުން އެ ޖަލްސާގައި އޭނާ ސުވާލު އުފެއްދެވި އެވެ.

"ގަމުގައި އެ އޮތީ ބޮޑެތި ބިން. އަބްދުއްރަހީމްގެ ފޮނަދޫ އެ އޮތީ. ވަށަފަރު ކެލާ އެ އޮތީ. މިތަންތާނގައި ކުރަންވީ ނޫންތޯ ދަނޑުވެރިކަން. ކީއްވެތޯ މިތަނުން ބިމެއް ހިއްކަންވީ. ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތް ތަނެއްގައި ގަސް އިންދައިގެން ކާބޯތަކެތި ހައްދަން މި އުޅެނީ ލޮނުގައި," އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާ ކަމަށްވާއިރު ޗައިނާގެ ނަން ބޭނުން ނުކުރި ނަމަވެސް ފައްޔާޒުގެ ވާހަކައިގައި "އެހެން ހިސާބެއްގައި އޮތް ދުނިޔޭގެ ގަދަ ބާރު" ގެ ގޮތުގައި ނިސްބަތްކުރެއްވީ ޗައިނާއަށެވެ.

"މީގައި އެބައޮތް ޖިއޯޕޮލިޓިކްސް ވަރަށް ގިނަ ކަންކަން ގުޅިފައި. ގަސް އިންދާކަށް ނޫން އެ އަންނަނީކީ. އެތާ ކުރިމަތީ އެ އޮތީ އެމްއެންޑީއެފްގެ ވަރުގަދަ ބަނދަރެއް. އެތާ ކުރިމައްޗަށް މިއަންނަނީ މިހިސާބުން ދުރު ބޮޑު ގައުމެއްގެ މިލިޓަރީ މަސައްކަތް ކުރަން," ފައްޔާޒު ވިދާޅުވި އެވެ.

ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ޗައިނާގެ އުޅަނދަކުން ކަނޑުގެ އަޑި މެޕް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އެ ވިދާޅުވީ އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ޝިއެން ޔެން ހޮން 3, އެވެ. ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރެއަށް މި އުޅަނދު ވަދެ ހަރަކާތްތެރިވެފައިވާކަން "އަދަދު" ނޫހުގެ ހޯދުންތަކުން ވެސް އެނގެ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި އެގްރީމެންޓު ހަދައި ހާމަކަން ބޮޑުކޮށް ކުރި ކަމައް އެއީ. އެކަމަކު މިހާރު އެގްރިމެންޓެއް އޮތް ކަމެއް ވެސް ނެތް ކަމެއް ވެސް ނޭނގެ. އެ މަސައްކަތް އެބަ ދޭ ކުރަމުން. ކިހިނެއް ކަމެއް އެ މައުލޫމާތަށް ވަނީ އެއްގޮތަކަށް ވެސް ނޭނގެ," ކަންބޮޑުވުން ފާޅުކުރަމުން އޭނާ ވިދާޅުވި އެވެ.

މާ ދުރުގައި އޮތް ދުނިޔޭގެ ގަދަ ބާރެއް ކަމަށްވާ ޗައިނާ, މި ސަރަހައްދަށް ގެނެސް އިންޑިއާ ކަނޑުގެ ސުލުހަ މަސަލަސްކަން ނަގާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވި އެވެ. އަދި, އެމްޑީޕީ އަލުން ވެރިކަމަށް އައިސްފިނަމަ އަލުން އަނބުރާ އުތުރުތިލަފަޅު ސަރުކާރަށް ނަގައި ބޯހިޔާވަހިކަމަށް ހާއްސަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގްރިކަލްޗާ ޒޯނެއް ތަރައްގީ ކުރަނީ ޗައިނާ ސަރުކާރު ކުންފުންޏަކުން

މި ސަރުކާރުން ވަނީ މާޗު 28, ގައި އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) މެދުވެރިކޮށް އިން ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

އެމްއައިޑީގައި ހިމެނެނީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެމްއައިޑީ ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ ޝިމާދު އިބްރާހީމެވެ. އެމްއޯޔޫގެ ދަށުން ޗައިނާގެ ކުންފުންޏާ އެކު މަސައްކަތް ކުރާނީ ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމުކުރުމަށެވެ.

އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި ބިން ހިއްކުމާއި ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ހިމެނެ އެވެ. ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ތަރައްގީކުރުމާއި ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ގާއިމްކުރުން ވެސް އެ މަޝްރޫއުގައި ހިމެނޭނެ އެވެ.

ޗައިނާ ހާބަރު އިންޖިނިއަރިން ކުންފުންޏަކީ ބިން ހިއްކުމުގެ މަސައްކަތް ކުރާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކުންފުންޏެވެ.

އަވަށްޓެރި ސްރީލަންކާގައި ހަމްބަންޓޯޓާ ބަނދަރު ތަރައްގީކުރީ ވެސް މި ކުންފުނިންނެވެ. އެ ގައުމުގެ ބޮޑުވަޒީރުކަން ކުރި މަހިންދަ ރާޖަޕަކްސާގެ ކެމްޕޭނަށް އެ ކުންފުނިން ފަންޑު ކުރި ކަމަށް ތުހުމަތު ކުރެވުނެވެ. އޭގެ އިތުރުން, މިއީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ބަންގަލްދޭޝްގައި ބްލެކްލިސްޓު ކޮށްފައިވާ ކުންފުންޏެކެވެ.

މިއީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސްޓޭޓް ކައުންސިލުގެ ސީދާ ބެލުމުގެ ދަށުން ހިންގާ ހާއްސަ ކޮމިޝަނުގެ ކޮންޓްރޯލް ދަށުގައި އޮންނަ ކުންފުންޏެކެވެ.

ޗައިނާގެ އަސްކަރީ އެތަކެއް ޕްރޮޖެކްޓުތަކެއް މި ކުންފުންޏާ އެ ގައުމުގެ ސަރުކާރުން ހަވާލުކުރާއިރު އެ ގައުމު އަސްކަރިއްޔާ އާއި މި ކުންފުންޏާ ސީދާ ގުޅުން އޮންނަ ކަމުގެ ތުހުމަތު ކުރެވެ އެވެ. އެގޮތުން, އެމެރިކާ ސަރުކާރުން ވަނީ 2020 ގައި މި ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. އެއީ ސައުތު ޗައިނާ ކަނޑުގައި ހިއްކައިގެން އަސްކަރީ ބޭނުމަށް ރަށްތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާތީ އެވެ.