Advertisement

މަސްދޯނިތަކަށް ސިފައިން އެެރީ އޮޅުމަކުން ކަމަށް އިންޑިއާއިން ބުނުމުން ދިވެހި ސަރުކާރުން އެކަން ގަބޫލުކޮށްފި

25 މާރިޗު 2024 - 14:47 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިންގެ ބަޔަކު މިދިޔަ ޖެނުއަރީ މަހު އެރި. ފޮޓޯ: ސޯޝަލް މީޑިއާ


މަސްދޯނިތަކަށް ސިފައިން އެެރީ އޮޅުމަކުން ކަމަށް އިންޑިއާއިން ބުނުމުން ދިވެހި ސަރުކާރުން އެކަން ގަބޫލުކޮށްފި

25 މާރިޗު 2024 - 14:47 0

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއަށް އިންޑިއާގެ ކޯސްޓްގާޑްގެ ސިފައިން ވަދެ، ދިވެހި މަސްދޯނިތަކަށް ހަތިޔާރާއެކު އެއީ "މިސް ކޮމިއުނިކޭޝަންއެއްގެ ސަަބަބުން" ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގައްސާން ވިދާޅުވީ އެކަން ހިނގީ އެގޮތަށް ކަމަށް ގަބޫލު ކުރައްވަނީ، "އެކުވެރި ގައުމަކުން ރަސްމީކޮށް ދީފައި އޮތް ޖަވާބަކީ އެއީ ކަމަށް ވާތީ" ކަމަށެވެ. ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފު އެ ދުވަސްވަރު އިންޑިއާއަށް ކުރެއްވި ދަތުރުގައި އެގައުމުގެ ސިޔާސަތު ކަނޑައަޅާ ފެންވަރުގެ ބޭފުޅުން ދެއްވި ޖަވާބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ގަބޫލުކުރަން [އެކަން އެހެން ހިނގީ] މިސްކޮމިއުނިކޭޝަން އަކުން ކަމަށް، އެއީ ދިވެހިރާއްޖޭގެ އެކުވެރި ގައުމަކުން، ރަސްމީކޮށް ދެއްވާފައި އޮތް ޖަވާބަކީ އެއީ ކަމަށް ވާތީ،" ގައްސާން ވިދާޅުވި އެވެ.

މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވި އިރު އަސްކަރީ ކަންކަމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު މުވާސަލާތު ކުރަން ހަމަޖައްސާފައިވާ އިންތިޒާމްތައް ވަރަށް ތަފްސީލުކޮށް، ހަމަ މިއަދުގެ ޖަލްސާގައި ވިދާޅުވެ ދެއްވި އެވެ. އަސްކަރީ ކަންކަމުގައި ރާއްޖެއާ އެކު އިންޑިއާއިން މުވާސާލާތު ކުރެވޭނެ އެއް ގޮތަކީ މިނިސްޓަރު ވިދާޅުވި ގޮތުން ނަމަ، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ޑިފެންސް އެޑްވައިޒަރާއި ރާއްޖޭގައި ހުންވާ އެގައުމުގެ ޑިފެންސް އެޑްވައިޒަރު މެދުވެރިކޮށް މުވާސަލާތު ކުރުމެވެ.

ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި އެރުމުގެ ތަފްސީލުތައް ސަރުކާރުން ކަށަވަރުކުރީ ވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޗެނަލުންނެވެ.

"އިންޑިއާގައި އަޅުގަނޑުމެންގެ ޑިފެންސް އެޑްވައިޒަރެއް، ބްރިގޭޑިއާ ޖެނެރަލެއް ހުންނަވާ، އަދި ދިވެހިރާއްޖޭގައި އިންޑިއާގެ ޑިފެންސްް އެޑްވައިޒަރެއް ވެސް ހުންނަވާ. އަދި އިންޑިއާގެ ނޭވީ ފިއުޒަން ސެންޓާ، އެއީ ގުރުގާއުން ގައި ހުންނަ ނޭވީ ފިއުޒަން ސެންޓާގައި ދިވެހިރާއްޖޭގެ ކޯސްޓްގާޑްގެ ލިއޭޒޯން އޮފިސަރެއް ވެސް ހުރޭ،" ގައްސާން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރުން ފަދަ ކަންތައްތައް ހިނގިޔަ ނުދިނުމަށް ޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވަސީލަތްތައް އިތުރުކުރުން ކަމަށާއި ސަރުކާރުން އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.