އެއާޕޯޓު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ޔޫއޭއީން ހަމަޖައްސައިދެނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރިއަށްދަނީ. މިއީ ރާއްޖޭގެ އިގުތިސާދަށް މިވަގުތު އެންމެ މުހިންމު ޕްރޮޖެކްޓު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރިއަށްދަނީ. މިއީ ރާއްޖޭގެ އިގުތިސާދަށް މިވަގުތު އެންމެ މުހިންމު ޕްރޮޖެކްޓު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މި މައުލޫމާތު ހާމަކޮށްފައިވާއިރު އެމަނިކުފާނު ވަނީ އާދިއްތަ ދުވަހު ޕްރައިވެޓް ޖެޓެއްގައި ޔޫއޭއީއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. ރޭގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިއިރު އެ ދަތުރުފުޅާ ގުޅޭ ތަފްސީލުތަކެއް ހާމަކޮށްފައި ނުވެ އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ސައުދީ ފަންޑުން ވަނީ އެއްބަސްވެފަ އެވެ.

ބާކީ ބޭނުންވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 80 މިލިއަން ޑޮލަރު ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދޭނީ އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ކަމަށް ފިރުޒުލް މިއަދު ވިދާޅުވި އެވެ. އެ އަދަދުތަކަށް ބަލާއިރު އެއާޕޯޓު ނިންމަން އަދި އިތުރަށް 20 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބެލެވުނު ނަމަވެސް އެ އަދަދު ބޭނުން ނުވާނެ ކަމަށް ވެސް ފިރުޒުލް ފާހަގަކުރެއްވި އެވެ.

"މި ފައިސާ ހަމަޖެހިގެން ދިޔުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ. މި ހަމަޖެހިގެން ދިޔަ ފައިސާ އާއެކު އެއާޕޯޓު މަޝްރޫއު ބާރަށް ކުރިއަށް ގެންގޮސް ކަނޑައަޅާފައިވާ އަމާޒަށް މަޝްރޫއު ނިންމާލެވޭނެ ކަމުގެ އިތުބާރާ ޔަގީންކަން ލިބިއްޖެ," ފިރުޒުލް ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގެ މަޝްރޫއު 2024 ގެ ސެޕްޓެމްބަރަށް ނިންމާނެ ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވަން އެމަނިކުފާނު އަމަލީ ގޮތުން ވަޑައިގަންނަވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ބަޖެޓު ސަޕޯޓަށް ވެސް އެހީތެރިވާނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ބޭނުންވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޔޫއޭއީ ސަރުކާރުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދީފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަތަރު ފަރާތަކުން ލޯނު ނަގައިގެން ހިންގާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5 ބިިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުއަށް ލޯނު ނަގާފައިވަނީ ކުވެއިތު ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ އިންނެވެ.

އެ ފައިސާ ހަމަޖައްސާ އޭޑީއެފްޑީން ގެންދަނީ މިހާރު ވެސް ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން, މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނ. އަތޮޅުގައި "އަލްޓްރާ ލަގްޒަރީ" ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އެ ފަންޑާ ހަވާލުކުރި އެވެ.

އެ މަޝްރޫއުގެ ދަށުން މާފަރުގައި 60 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ވަނީ ތަރައްގީކޮށްފަ އެވެ. އެ އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް ކުރަމުންދަނީ އޭޑީއެފްޑީގެ އެހީތެރިކަމާ އެކު އެވެ.

އެ ފަންޑަކީ އަބޫދާބީގެ ސަރުކާރާ ގުޅިފައިވާ އެ ގައުމުގެ ޝާހީ އާއިލާއިން މެނޭޖުކުރާ ފަންޑެކެވެ. ޖުލައި 15, 1971 ގައި ވުޖޫދުކުރި މި ފަންޑުގެ ޗެއާމަނަކީ އެ ގައުމުގެ ނައިބު ރައީސް އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މަންސޫރު ބިން ޒައިދު އަލް ނަހުޔާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox