އިރާން ހަނގުރާމައިގައި ކެޕްޓަން ޖިނާނުގެ ބިރުވެރި ތަޖުރިބާ: "ސަފީރަށް ގުޅީ އަޅުގަނޑު، އޭގެ ފަހުން އެއްވެސް މުއާސަލާތެއް ނުކުރޭ"

ފްލައިދުބާއީގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރާ ކެޕްޓަން ޖިނާން. އިރާނުގެ ހަނގުރާމަ ތެރޭ އެ ގައުމުގައި ހަތަރު ދުވަސް ހޭދަކުރި ---

ފްލައިދުބާއީގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރާ ކެޕްޓަން ޖިނާން. އިރާނުގެ ހަނގުރާމަ ތެރޭ އެ ގައުމުގައި ހަތަރު ދުވަސް ހޭދަކުރި ---

ފެބްރުއަރީ 28 ވަނަ ދުވަހު ދުބާއީ އެއާޕޯޓުން ނައްޓާލި ފްލައިދުބާއީގެ ފްލައިޓު އިރާނުގެ އިސްފަހާނަށް ލޭންޑުކުރިއިރު ކުރިމަތިވާން މި އުޅެނީ ކިހާ ވަރެއްގެ ނުރައްކާތެރި، ބިރުވެރިކަމަކާތޯ ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ހިތަށް ވަޒަން ކުރެވިފައި ނެތެވެ. ބޯޓުގެ ކެޕްޓަނަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ އަހުމަދު ޖިނާން ޝަރީފެވެ.

އެއާޕޯޓަށް ބޯޓު ލޭންޑުކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅަން ފެށި އެވެ. ހަނގުރާމަ ފެށުމާއެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކުރުމުން އަނބުރާ ދުބާއީއަށް ކުރަން އޮތް ދަތުރު މުއްދަތެއް ނެތްގޮތަށް ކެންސަލް ކުރަން ޖެހުނެވެ.

އެ ވަގުތުން ފެށިގެން ހަތަރު ދުވަސް ވަންދެން ކެޕްޓަން ޖިނާނާއި އޭނާއާއެކު ދަތުރުކުރި ފަޅުވެރިން ތާށިވެފައި ތިބީ ވޯ ޒޯނެއްގަ އެވެ. އެ މީހުންނަށް އިރާނުގެ ބޯޑަރު ހުރަސްކޮށް އަޒަރުބައިޖާނަށް އެއްގަމު މަގުން ވަދެވުނީ މާޗު 3 ވަނަ ދުވަހު، ހަނގުރާމައަށް ހަތަރުވަނައަށް ވީ ދުވަހު އެވެ. އެ ހަތަރު ދުވަހަކީ އޭނާގެ ހަޔާތުގައި ކުރި އެންމެ ނުރައްކާތެރި އަދި އުނދަގޫ ދަތުރެވެ.

Advertisement

އޭރު އޭނާގެ އަނބިމީހާ އާއި ދެ ދަރިން ތިބީ ދުބާއީގަ އެވެ. އެކަނި، ނުހަނު ބިރުގަނެފަ އެވެ. އިރާނުގެ އިންޓަނެޓާއި މުއާސަލާތީ ހިދުމަތް އެއްކޮށް ކަނޑާލާފައި އޮތުމުން އާއިލާއާ އެއްވެސް މުއާމަލާތެއް ޖިނާނަށް ނުކުރެވެ އެވެ. އޭނާ ދުނިޔޭގައި ހުރިކަން އަދި އޭނާގެ ހާލަތެއް ވެސް އާއިލާއަކަށް ނޭނގެ އެވެ. އާއިލާއިން އެކަމުގައި އެހީތެރިކަމަށް އެދި ދިޔައީ އެމްބަސީއަށެވެ.

ޖިނާނަށް އާއިލާއާ ބައްދަލުވީ މާޗު 4 ވަނަ ދުވަހު އެނބުރި ދުބާއީއަށް ދެވުމުންނެވެ. ނަމަވެސް، އޭނާ ބުނި ގޮތުގައި އެނބުރި އާދެވުމުން އާއިލާއާ މެދު ސަރުކާރާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން އަމަލުކުރި ގޮތުން ލިބުނީ އިތުރު މާޔޫސްކަމެކެވެ.

"އެމްބަސީގެ ފަރާތުން އެއްވެސް މާނަހުރި އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވޭ. އަޅުގަނޑުގެ އާއިލާއަށް ލިބުނު ހަމައެކަނި ޖަވާބަކީ ތިކަން ބަލަމުންދަނީ ކަމަށް. އެއްވެސް ފަހުން އެއްވެސް ހަބަރެއް ނުވެ އެތައް ވަގުތެއް ހޭދަވެގެންދޭ. ދެ ދަރިންގެ ބައްޕަ ދުނިޔޭގައި ހުރިތޯ ބަލަން ރޮއެ އާދޭސްކުރި އަންބަކަށް ސަރުކާރުގެ އިދާރާއަކުން މިފަދަ ފަރުވާ ކުޑަ ޖަވާބުތަކެއް ދިނުމަކީ ލަދުވެތި ކަމެއް،" ކެޕްޓަން ޖިނާންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމްބަސީގެ ފަރާތުން "ފްލައި ދުބާއީގެ ސީއީއޯއަށް ގުޅާނަން" ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށް ޖިނާނުގެ ބަޔާނުގައި ބުނެފައިވެ އެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އެމްބަސީގައި ނެތްނަމަ ދޮގު އުންމީދުތަކެއް ނުދީ ތެދު މައުލޫމާތު ދޭން ޖެހޭ ކަމަށް ޖިނާން ގަބޫލުކުރެ އެވެ.

އެމްބަސީން ދިޔައީ އެއާލައިންގެ ފްލައިޓު ޝެޑިއުލްތަކުގެ ސްކްރީންޝޮޓް ޖިނާނުގެ އާއިލާއާ ހިއްސާކުރަމުންނެވެ. އެއީ އެހީތެރިވުން ނޫން ކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ. އެފަދަ މައުލޫމާތުތަކީ އޭވިއޭޝަން ދާއިރާގެ މުވައްޒަފުންނަށް ފަސޭހައިން ހޯދޭ މައުލޫމާތުތަކެވެ. އެމްބަސީގެ މުވައްޒަފުން ވެސް ބައެއް ފަހަރު މައުލޫމާތު ހޯދަނީ އެފަދަ މުވައްޒަފުންގެ ކިބައިންނެވެ.

އެމްބަސީން ނުލިބުނު އެހީތެރިކަން ފްލައިދުބާއީން ގެންދިޔައީ ޖިނާނުގެ އާއިލާއަށް އެ މުއްދަތުގައި ދެމުންނެވެ.

"މި ހާދިސާގައި އެ ކުންފުނިން ދެއްކި ގާބިލިއްޔަތުކަން އެމްބަސީއަށްވުރެ މާ ފުރިހަމަ. ކުންފުނިން ދިަޔއީ އަޅުގަނޑުގެ އަނބިމީހާއަށް މެދުނުކެނޑި މައުލޫމާތު ފޯރުކޮށްދީ، ނަފްސާނީ ގޮތުން އެހީތެރިކަން ދެމުން. އަމިއްލަ ކުންފުންޏަކަށް މިފަދަ އަޅާލުމެއް ދެވޭއިރު އަމިއްލަ ގައުމުގެ ސަރުކާރަށް އެވަރު ނުކުރެވެންތީ ކީއްވެގެންތޯ؟" އޮކްޓޯބަރު 2016 އިން ފެށިގެން ފްލައިދުބާއީގައި މަސައްކަތް ކުރަމުން އަންނަ ކެޕްޓަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ތެދު މައުލޫމާތު ހިއްސާކުރުމަކީ އެމްބަސީގެ ޒިންމާއެއް ކަމަށްވާއިރު ޖިނާންއާ މެދުނުކެނޑި ގުޅަމުން އަންނަ ކަމަށް ބުނެ އެމްބަސީން ވަނީ ދޮގު ހަދާފަ އެވެ.

"އެމްބަސީން އަޅުގަނޑާ މެދުނުކެނޑި ގުޅަމުންދިޔަ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑު ސަފީރާ ވާހަކަ ދެއްކީ ހަމައެކަނި ފެބްރުއަރީ 28 ވަނަ ދުވަހު. އެއީވެސް އަޅުގަނޑު އަމިއްލައަށް އިރާނުން ގުޅައި، ހާލަތު ބަޔާންކޮށްދިނުމަށް. އޭގެ ފަހުން އެމްބަސީގެ އެއްވެސް ބޭފުޅަކު އަޅުގަނޑާ އެއްވެސް މުއާސަލާތެއް ކޮށްފައެއް ނުވޭ."

އިރާނުގައި ހުރިއިރު މުއާސަލާތު ކުރުމަށް ދަތިތަކެއް ހުރި ނަމަވެސް އެ ހަތަރު ދުވަހު ވެސް އެމްބަސީއަށްވުރެ ގިނައން ފްލައިދުބާއީ އަދި އާއިލާއާ ވާހަކަ ދެކެވުނު ކަމަށް ޖިނާން ބުނެފައިވެ އެވެ.

"އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ އެމްބަސީއަކީ އިތުބާރު ކުރެވޭ ފަދަ ތަނެއް ނޫން. މިއީ ރާއްޖޭން ބޭރުގައި އުޅޭ ކޮންމެ ދިވެއްސަކު ވެސް ސަމާލުވާން ޖެހޭ ކަމެއް. މިފަދަ އެމްބަސީތައް ހިންގަން އެތައް މިލިއަން ޑޮލަރު ހޭދަކުރައިރު، އުފެދޭ ސުވާލަކީ މިއީ ކޮންމެ ބޭނުމަކި ކުރާ ހޭދައެއްތޯ؟ ހަމައެކަނި ލިޔެކިޔުންތަކުގައި ތައްގަނޑު ޖެހުމަށާއި ސަރުކާރުގެ އިސްވެރިންގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށްތޯ؟،" ޖިނާން ސުވާލު އުފެއްދި އެވެ.

ސަރަހައްދީ ބޮޑު ހަނގުރާމައެއް ހިނގަމުން އަންނައިރު ޔޫއޭއީގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރަން ޖެހެނީ ހަނގުރާމަ ފެށުމުން ނޫން ކަމަށް ޖިނާން ކަންބޮޑުވުން ފާޅުކޮށް ބުންޏެވެ.

އޭނާ އިރާނުން ސަލާމަތްވީ ފްލައިދުބާއީގެ ސަބަބުންނެވެ. ދިވެހި ސަރުކާރުގެ ސަބަބުންނެއް ނޫނެވެ.

"އަޅުގަނޑު އިރާނުން ސަލާމަތްވީ އަޅުގަނޑުގެ ކުންފުނި، ފްލައި ދުބާއީގެ އެހީތެރިކަމާއެކު. އަޒަރުބައިޖާނަށް ހުރަސްކޮށް ފޯނުގެ ސިގްނަލް ލިބުމާއެކު، އެތައް ހާސް ބައެއްގެ މެސެޖުތައް ލިބުނު. އެކަމަކު އެންމެންގެ ތެރޭގައި ވެސް ރާއްޖޭގެ ސަފީރުގެ އެންމެ މެސެޖެއް ވެސް ނެތް،" ޖިނާނުގެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި ދުބާއީއަށް އެނބުރި އައިއިރު އޭނާއަށް މަރުހަބާ ކީ ފްލައިދުބާއީގެ އިސްވެރިންނާއީ ޔޫއޭއީ ސަރުކަރުގެ މަންދޫބުންނެވެ. ސަލާމަތުން އާއިލާއާ ބައްދަލުވުމުގައި ޔޫއޭއީ ސަރުކާރުގެ އެމްބަސީތަކުންނާއި ވެލްފެއާ ނިޒާމުގެ ދައުރު ބޮޑެވެ.

"މިފަދަ ތަޖުރިބާތަކުގެ ސަބަބުން އަމިއްލަ ގައުމަށްވުރެ ޔޫއޭއީގައި އުޅެން އަޅުގަނޑަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ. މިއީ މާލެއަށް ދާން ބޭނުންނުވާ އެއް ސަބަބު."

ކެޕްޓަން ޖިނާން ވަނީ އޭނާގެ ބަޔާން ޔޫއޭއީގައި ހުންނަ އެމްބަސީން ހަދާފައިވާ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާކޮށްފަ އެވެ. އެ ބަޔާނުގައި ހުރި ގިނަ ވާހަކަތަކަކީ ޖިނާން އެ ހާދިސާތަކާ މެދު ދެކޭ ގޮތް ކަމަށް މުންދު ވިދާޅުވި އެވެ. އެމްބަސީގެ މުވައްޒަފުންނާ މެދު ޖިނާންގެ އޮތީ ނުބައި ތަސައްވުރެއް އުފެދިފައި ކަމަށް މުންދު ލިޔުއްވި އެވެ.

އެނބުރި ދުބާއީއަށް އައިތާ ތިން ދުވަސް ފާއިތުވެގެންދިޔައިރު ވެސް ޔޫއޭއީގައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ފަރާތުން އެންމެ މެސެޖެއް، ފޯނު ކޯލެއް ވެސް ނުލިބޭ ކަމަށް ޖިނާނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖިނާން ވަނީ އެންމެ އެހީތެރިކަމަށް ބޭނުންވި ވަގުތު އެމްބަސީގެ މުވައްޒަފުންގެ ތެރެއިން ހިދުމަތުގައި ތިއްބެވީ ކިތައް މުވައްޒަފުންތޯ ސުވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox