23 އޮގަސްޓު 2022 - 19:47 0
މުހައްމަދު އުޝާމް
23 އޮގަސްޓު 2022 - 19:47 0
އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތަކެއް ހުރި ތިން ފޯން ތަހުލީލުކޮށް ބެލި އިނގިރޭސި ވިލާތުގެ ފަރަޑޭ ފޮރެންސިކްސްގެ ޓެކްނިކަލް ޑައިރެކްޓަރު މާކް އެމްޑްރޫ ރިގްބީއަށް އެ ފޯނުތައް ލިބުނުއިރު އެއީ ކޮން ބައެއްގެ އަދި ކޮން ކަހަލަ މުއާމަލާތްތަކެއް ހުރި ފޯނުތަކެއް ކަން ނޭނގޭ ކަމަށް މިއަދު ޝަރީއަތުގައި ބުނެފި އެވެ.
ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމިޝަން އަށް މާކް ހާޒިރުކޮށް، ވީޑިއޯ ކޯލް މެދުވެރިކޮށް މާކްގެ ހެކިބަސް ނެގީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގަ އެވެ.
މިއަދުގެ އަޑުއެހުމުގައި، ޔާމީންގެ ދިފާއީ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން މާކް ބުނެފައިވަނީ އެ ފޯނުތައް ތަހުލީލުކުރަން އޭނާއަށް ހަވާލު ކުރެވިގެން ދިޔައިރު އޭގެ ވެރިފަރާތް ނޭނގޭ ކަމަށެވެ. ކިރިޔާ ވެސް އެނގެނީ އެއީ އިނގިރޭސިވިލާތުން ބޭރުން ގެނައި ފޯނުތަކެއް ކަމަށެވެ.
މާކް ބުނި ގޮތުގައި، އެއީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ ބޮޑު ހިޔާނާތުގެ މައްސަލައެއްގެ މުއާމަލާތްތަކެއް ހިމެނޭ ފޯނުތަކެއް ކަމެއް ވެސް ފުރަތަމަ ނޭނގޭ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން ވެސް އެ މައުލޫމާތު ހޯދަމުން ދިޔަ ކަމެއް އޭރު ނޭނގޭ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އަޅުގަނޑާ ހަމައަށް އައީ. ގައުމެއްގެ ގާނޫނީ ޝަހްސަކުން އެ މައުލޫމާތުތައް އެދުމުން ދެން އަޅުގަނޑު އެ މައުލޫމާތުތަކެއް ފޯރުކޮށްދިނިން،" މާކް އިނގިރޭސި ބަހުން ބުންޏެވެ.
ތިން ފޯނެއް މާކް ތަހުލީލުކޮށްފައި ވާއިރު އޭގެ ތެރެއިން އެއް ފޯނު އޮތީ ހަލާކުވެފައި ކަމަށް އޭނާ ބުންޏެވެ. އަނެއް ދެ ފޯނުގެ ސިމް ކާޑާއި މެމޮރީ ކާޑްގެ އިތުރަށް އިންޓާނަލް ސްޓޯރޭޖް ރިކަވާކޮށް ހޯދި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތު ކަމަށް އޭނާ ބުންޏެވެ.
އެ ތިން އައިފޯނުގެ ވެރިފަރާތެއް ޝަރީއަތުގައި ދައުލަތުން ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އެއީ ދިފާއަށް ވެސް ހިއްސާކޮށްފައިވާ މައުލޫމާތެއް ނޫނެވެ.
މި މައްސަލާގައި ދެން އޮންނާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 9:30 ގަ އެވެ.
އަދީބާއި ޒިޔަތު ވެސް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ހުކުމެއް އައިސްފައިވަނީ ވެސް މި ދެ މީހުނަށް އެކަންޏެވެ.
ހިޔާނާތުގެ ތަހުގީގާއި ޝަރީއަތްތަކަށް އެއްބާރުލުން ދިނުމަށް އެއްބަސްވެ އަދީބާއި ޒިޔަތު ވަނީ ދައުލަތާއެކު ބާގެއިނިން އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބާއި ޒިޔަތުގެ އަދަބު ވެސް ލުއިކޮށްފައިވާއިރު، ޒިޔަތުގެ އެއްބަސްވުން ވަނީ އަހަރެއް ކުރިން ބާތިލްކޮށްފަ އެވެ.
އަދީބުގެ ޕާސަަނަލް ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން (އޮއިއްޓެ) އާއި، ޔާމީންގެ ކުރިން އެންމެ ގާތް އެއް އެކުވެރިޔަކަށް އުޅުއްވި، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ހެކިބަސް ވެސް މިހާތަނަށް ޝަރީއަތަށް ނަގާފައިވެ އެވެ.
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.
ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.
Comment